Close
ކުއްލި ޚަބަރު

ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކާފަ އާއި މުނިކާފައަށް ދައުވާކުރަން ފޮނުވައިފި

އަލީ ޔާމިން

ގއ. ކަނޑުހުޅޫދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެކުއްޖާގެ ކާފަ އާއި މުނިކާފަގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ 62، އާއި އަންނާރުމާގެ، ހަސަން މޫސާދީދީ 82ގެ މައްޗަށް ދައުވާ އުފުލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން ކަމަށާއި އެ ދެ މީހުންނަށް އުފުލީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ތުއްތު ކުއްޖާއަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތަށް ކާފަ އާއި މުނިކާފަ ވަނީ ހައްޔަރުކޮށްފައެވެ. އަދި މީގެ އިތުރުން އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. ނަމަވެސް އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތެއް ނުކުރެއެވެ. ބައްޕަގެ މައްޗަށް ކުރަނީ އިހުމާލުވި ކަމުގެ ތުހުމަތެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސިކިއުޓާ ޖެނެރަލް ޝަމީމް ވިދާޅުވެފައިވަނީ ޖިންސީ ގޯނާކުރި މައްސަލައިގެ އިތުރުން އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ މީހުންނަށް ވެސް ދައުވާ އުފުލަން ނިންމާފައިވާ ކަމަށެވެ. އަދި ޖިންސީ ގޯނާގެ މައްސަލަތައް ފަދަ ބޮޑެތި މައްސަލަކުގެ ޝަރީއަތް ތިން ދުވަސް ތެރޭގައި ނިންމަން ފެންނަ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެއް އަހަރާއި ނުވަ މަހުގެ ކުއްޖާ ދިރިއުޅުނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މަންމަ އާއި ބައްޕައާއެކުގައެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ކާފަ އާއި މުނި ކާފަ ވެސް އުޅުނީ އެ ގޭގައެވެ.

އެ ކުއްޖާއަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ކާފަ އާއި މުނި ކާފައަކީ ޖިންސީ ގޯނާކުރުމުގެ ތުހުމަތު އެތައް ފަހަރެއްގެ މަތިން ކުރެވިފައިވާ ދެމީހުންނެވެ.