ބައްސާމް އަދީލް ޖަލީލް

ފުރަތަމަ ޑިވިޝަންގެ އެކްޓިވް ހުރިހާ ކުލަބަކުން ބައްސާމަށް ތާއީދުކޮށްފި

އަލީ ޔާމިން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި، ފުރަތަމަ ޑިވިޝަންގެ އެކްޓިވް ހުރިހާ ކުލަބަކުން އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތާއީދު ކުރުމަށް ނިންމައިފި އެވެ.

ފުރަތަމަ ޑިވިޝަންގެ އަށް ކުލަބުގެ ތެރެއިން، އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ ހަ ކުލަބުން ބައްސާމަށް ތާއީދު ކުރާކަން އިއުލާން ކުރިއިރު، ބައްސާމަށް ތާއީދު ކުރާކަން އެންމެ ފަހުން އިއުލާން ކުރީ ކުލަބު އީގަލްސް އިންނެވެ.

މިދިޔަ އަހަރު، ބައްސާމް ވަނީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް، އީގަލްސްގެ ސީއީއޯ މުފާވިޒް ހާޝިމް (މުފާ) އައްޔަން ކުރައްވައިފައެވެ. އެފްއޭއެމުގެ އެންމެ ފަހު އިންތިހާބުގައި އީގަލްސްއިން ތާއީދު ކުރީ އޭރު އިންތިހާބުގައި ބައްސާމްއާ ވާދަކުރި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އަށެވެ.

ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވުމުން ފުރަތަމަ ޑިވިޝަނުގައި އެންމެ ޒަމާންވީ ދެ ކުލަބު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އެފްއޭއެމްގެ ކޮންގްރެސްގައި ތަމްސީލު ކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

ކްލަބު އީގަލްސްގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަދި މިސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރަމުން އަންނަ ދަ ގްރާންޑޭ އިން ވެސް ވަނީ ބައްސާމަށް ތާއީދުކުރާކަން އިއުލާނުކޮށްފައެވެ.