ކުޅިވަރު

ފޯކައިދޫ ޓީމުގެ ހެޑްކޯޗު ނިސްތާރު އިސްތިއުފާދީފި

އައިދާ އަބްދުލް ހަކީމް

ދިވެހި ޕްރިމިއާ ލީގުގައި، ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބަށް އިރުޝާދު ދިން ކޯޗް އަލީ ނިޝްތާރު މުހައްމަދު އެ ޓީމުގެ ކޯޗް ކަމުން އިސްތިއުފާ ދީފި އެވެ.

ފޯކައިދޫ ކޯޗް ކަމުން ނިޝްތާރު އިސްތިއުފާ ދިނީ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަޔަކަށް އެ ޓީމު ގެންގޮސް ދިނުމަށް ފަހު އެވެ. ފޯކައިދޫއަށް ސީޒަން ނިމިފައިވާއިރު މިހާރު ބާކީ އޮތީ އެންމެ މުބާރާތެކެވެ. އެއީ އަންނަ މަހު ފަސް ވަނަ ދުވަހު ފެށުމަށް ހަމަޖައްސާފައިވާ އެފްއޭ ކަޕެވެ. ނިސްތާރު ވަނީ އިސްތިއުފާ ދީފައިވާކަން "ވަން" އަށް ކަށަވަރުކޮށްދީފައެވެ.

ނިސްތާރު ބުނީ އިސްތިއުފާ ދިނީ ކްލަބާއި އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށާއި ފޯކައިދޫ ޓީމުގެ މެނޭޖްމަންޓުން ވަރަށް ބޮޑަށް އޭނާއަށް އެއްބާރުލުން ދީފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ކްލަބުގެ ރައީސް އަހްމަދު އާސިފަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ވަން" މައުލޫމާތު ދެއްވަމުން އެޓީމުގެ ރައީސް އަހްމަދު އާސިފް ވިދާޅުވީ ކޯޗް ވަކިވުމަށް އެދުމުން އޭނާ އަށް ޓީމުން ރިލީސް ދީފައިވާ ކަމަށާއި އެފްއޭ ކަޕްގައި އެ ޓީމަށް އިރުޝާދު ދޭނީ، ނިޝްތާރުގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި އިސްމާއީލް އާސިފް ކަމަށެވެ.

ޕްރެސް ކޮންފަރެންސް ތަކުގައި ނިޝްތާރު ވަނީ އެފްއޭއެމުން ފުރަތަމަ ޑިވިޝަންގެ ކުލަބުތަކާއި، ރަށްރަށުގެ ޓީމުތަކާ ދެމެދު އޮންނަ ތަފާތު ކުރުންތަކަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. ލީގުގެ ތިން ވަނަ ބުރުގައި ނިޝްތާރު ބުނެފައި ވަނީ ހަތް މަހުގެ މުސާރަ ނުލިބި ފޯކައިދޫގެ ޓީމުން ހާސިލު ކޮށްފައި ވަނީ އިމްޕޮސިބަލް ކަމެއް ކަމަށެވެ.

އެފްއޭއެމުން ދޭން ޖެހޭ ފައިސާ އެހެން ކުލަބުތަކަށް ދީފައިވާ އުސޫލުން ފޯކައިދޫއަށް ލިބިފައި ނުވާތީ ލީގުގެ ކުރީކޮޅުން ފެށިގެން ފޯކައިދޫ ޓީމަށް ވަނީ ފައިސާގެ މައްސަލަ ކުރިމަތިވެ ކުޅުންތެރިންނަށް މުސާރަދެވޭނެ ގޮތް ނުވެފައި ކަމަށް އެޓީމުން ބުނެއެވެ.