ދުނިޔެ

31 އިނގިލި ހުރި މި އަންހެން މީހާ ދުނިޔޭގެ ރެކޯޑު ފޮތަށް

މިންހާ ފާއިޒް ރަޝާދު

1

31 އިނގިލި ހުރި އަންހެނަކު ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

އިންޑިއާގެ ރައްޔިތެއް ކަމަށްވާ، އުމުރުން 63 އަހަރުގެ ކުމާރިކާ ނަޔަކް އަށް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ލިބުނީ ދުނިޔޭގައި ހުރި އެންމެ ގިނަ އިނގިލި ހުރި މީހާއަށް އޭނާ ވީމަ އެވެ. އެނާގެ އަތުގައި 12 އިނގިލި ހުރި އިރު ފައިގައި 19 އިނގިލި ހުރެއެވެ.

މިހާ ތަނަށް މި މަގާމު ދަމަހައްޓާފައި ވަނީ އިންޑިއާގެ ދެވެންދަރު ސުތާރު ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ އަތުގައި 14 އިނގިލި ހުރިއިރު ފައިގައި 14 އިނގިލި ހުއްޓެވެ.

އިންޑިއާގެ އޮޑިއްސާއަށް ނިސްބަތްވާ ކުމާރީ ބުނިގޮތުގައި އަވަށްޓެރިން އޭނާއަށް މުހާތަބު ކުރަނީ "ވިޗް" އޭ ކިޔާފައި ކަމަށާއި މަގުމަތިން ވިޔަސް އޭނާ ފެންނަ ހިސާބަށް މީހުން ނުދާ ކަމަށެވެ.

"އަހަރެން އުފަންވި އިރުވެސް ހުރީ މިހެން. އާއިލާ ފަގީރު ކަމުން ބޭސް ނުކުރެވުނު. މިހާރު މިގޮތުގައި ހުންނަތާ 63 އަހަރު ވެއްޖެ" ކުމާރީ ބުންޏެވެ.

"ގޭ ދޮށު މީހުން ބުނަނީ އަހަންނަކީ ވިޗް އެކޭ. ހާއްސަކޮށް ދީންވެރި މީހުން ދެކެނީ އެހެން ގޮތަކަށް. އެންމެން ވެސް އުޅެނީ ދުރު ދުރުން. ބައެއް ފަހަރު ހާލު ބަލާލާ ނަމަވެސް އެހީއެއް ވާކަށް ބޭނުމެއް ނުވޭ" ކުމާރީ ބުންޏެވެ.

ކުމާރީ ބުނި ގޮތުގައި އޭނާއާ މެދު އަމަލު ކުރާ ގޮތުން ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.

ކުމާރީގެ އަވަށްޓެރިއެއް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ، އެ އަވަށަކީ ކުޑަކުޑަ އަވަށެއް ކަމަށާއި އެންމެންވެސް އެކިކަހަލަ ސުޕާސްޓިޝަން ކަންކަން ގަބޫލު ކުރާ ކަމަށެވެ.

"އަހަަންނަށް ވެސް އެނގޭ އެއީ މެޑިކަލް ކޮންޑިޝަނެއްކަން. އެކަމަކު އެހެން މީހުން އޭނާއާ މެދު ދެކެނީ ވަރަސް ގޯސްކޮށްކަން. ވަރަށް ދެރަވޭ. އޭނާގެ އަތުގައި ބޭސްކުރަން ފައިސާއެއް ވެސް ނެތް." ކުމާރީގެ އަވަށްޓެރިޔާ ބުންޏެވެ.

އިންޑިއާ ސަރުކާރުގެ ސަމާލުކަމަށް ކުމާރީގެ ވާހަކަތައް އައުމާ ގުޅިގެން މިހާރު ވަނީ ދިރިއުޅޭނެ ގެއެއް ދީފައެވެ. އަދި އޭނާއަށް ވަނީ ޕެންޝަންވެސް ހަމަޖައްސައިދީފައެވެ. މީގެ އިތުރުން އެއަވަށު މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.