ޚަބަރު

ފެލިވަރު މަސް ކާރުހާނާ ބޮޑުކުރަން ބިން ހިއްކަން އިއުލާނު ކޮށްފި

އައިދާ އަބްދުލް ހަކީމް

ފެލިވަރު މަސް ކާރުހާނާ ބޮޑުކުރުމަށް ބިމެއް ހިއްކުމަށް ޓަކައި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

މިފްކޯގެ ދަށުން ޅ. ފެލިވަރުގައި ހިންގާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން ފަސް ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވަނީ އެ ކާރުހާނާގެ އިރުމަތީ ފަރާތުން އެ ރަށާ ގުޅޭ ގޮތަށެވެ.

މިފްކޯއިން ބުނީ އީއައިއޭ ހަދަން ޝައުގުވެރިވާ ފަރާތްތަކުން މިފްކޯގެ ހެޑްއޮފީހަށް ގޮސް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 18 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 އަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް އާރްއެފްކިޔު ދޫކުރާނެ ކަމަށާއި މައުލޫމާތު ދިނުމަށްޓަކައި މި މަހުގެ 23 ވަނަ ދުވަހު މިފްކޯ ހެޑް އޮފީހުގައި ބައްދަލުވުމެއް ބާއްވާނެ ކަމަށް މިފްކޯއިން ބުންޏެވެ.

އީއައިއޭ ހެދުމަށް އަގު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:00 ގައެވެ. އަދި އަގު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި އަގުތައް ހުޅުވުން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު މެންދުރު ފަހު 02:00ގައި މިފްކޯ ހެޑްއޮފީހުގަ އެވެ.