ވާހަކަ

ކޮންމެ ހިނދެއް - 23

1

"އެއީ ހަމަ ނުބައި ހަރުފައެއް. އެހެން ހުރެފަ ދިރިއުޅުމަށް ވިހަލާނެ އިރެއް އިނގެނީއެއްނޫން. މިހެން އަޅާނުލާ ހުއްޓާ އަހަރެން އަތުން އެވީ ބީވެގެން ހިނގައިދާނެ. އެއީ ދުވަހަކުވެސް އަހަރެން ބޭނުންވާނެ ކަމެއްނޫން" މާހިލް އަމިއްލަ ހިތާ ވާހަކަދައްކަމުން ދިޔައިރު ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. ދުރުގައި ހުރެ ނައިޝީ ފޮނުވާލާފާނެ ތީރަކުން އަމިއްލަ ނަފްސާއި ލޯބިވާ އަނބިމީހާ ސަލާމަތްކުރަން އޭނާ ތައްޔާރުވިއެވެ.

އާދުވަހެކެވެ. އުދަރެހުން އިރުގެ އަލިކަން ފާޅުވިއިރު އާވާ ހުރީ ރަށުގެ އަތިރިމަތީގައެވެ. މާހިލްއާއި ޝާނިމް އެކުގައި ފަތިސްނަމާދަށް ދިޔުމުން އާވާ އެދިމާލު އަތިރި މައްޗަށް ނިކުމެލާހިތްވީ ހިތްހަމަ ޖައްސާލުމަށެވެ. އެކުގައި އައުމަށް އެދި އޭނާ އަމާޔާގެ ފޯނަށް ގުޅިއެވެ. އަމާޔާ ޖަވާބެއް ނުދިނުމުން އެކަނި ވިޔަސް އަންނަން އޭނާ ބޭނުންވީއެވެ. މިފަދަ ޤުދުރަތީ ރީތި މަންޒަރުތަކަކީ ގިނަ ފަހަރަށް ލިބޭނެ ފުރުސަތުތަކެއް ނޫނެވެ.

އަތުގައި އޮތް ފޯނަށް މާހިލް ގުޅަން ފެށުމުން އެއްގަމަށް އަރަން އޭނާ އެނބުރިލިއެވެ. އެހިނދު އޭނާއަށް ސިހުމެއް ލިބުނީ އޭނާގެ މޫނުޖެހޭ ނުޖެހޭ ހިސާބުގައި ކިޔާން ހުރިތަން ފެނުމުންނެވެ. ކުއްލިއަކަށް އެގޮތަށް ފެނުމުން ބިރުވެސްގަނެއްޖެއެވެ.

"ބިރުގަނެއްޖެ. ކިޔާން މިތަނުގަ ކީއްކުރަނީ؟" ކިޔާންގެ ކުރިމަތިން އެއްފަރާތަކަށް ޖެހިލަމުން އާވާ ބުނެލިއެވެ.

"މަސް ދުވާނީ ފެން އޮތް ދިމާލަކަށްނު" ކިޔާން ބުނެލިއެވެ.

"މާނައަކީ...؟" އާވާ ހިނގައިގަތެވެ.

"މާނަ ބުނެދާނަން. އެކަމަކު ކުޑަ އިރުކޮޅަކު މިތަނުގައި މަޑުކޮށްލަފާނަންތަ؟" ކިޔާން އެދުނެވެ.

"ސޮރީ ކިޔާން. މާހިލް ދެންމެ ގުޅައިފި. އަހަރެން ދާންބޭނުން. ގެއާއި ހަމައަށް ދެވެންދެން އެކީގައި ވާހަކަދައްކާލެވިދާނެ" އާވާ ބުނެލިއެވެ.

"އޯކޭ. އަހަރެން ތަންކޮޅެއް ކުރިން އާދެވުނުނަމަ މަޑުކޮށްލެވުނީސް ދޯ" އާވާއާއި އެކުގައި ހިނގައިގަންނަމުން ކިޔާން ބުނެލިއެވެ.

"ދެން ބުނެބަލަ. ކޮންއިރަކުން ކިޔާން ބައްޕަ އާ ބައްދަލުކުރަނީ؟" އާވާ އަހައިލިއެވެ.

"މިރަށުން ފުރުމުގެ ކުރިން" ކިޔާން ބުނެލިއެވެ.

"ފޫހިނުވީހެއްނު އެކުގައި ދާމްވެސް ގެނައިނަމަ. ޑްރޯން ހިފައިގެން އޭނަ އެންމެ ބޭރަށް ނިކުންނަހިތްވާ ވަގުތު މީ" އާވާ ވާހަކަދެއްކިއެވެ.

"ދާމްއާ އެކުގައޭ ނިކުތީ. އޭނަ ވެއްޖެ އެފަޅީގަ. އަހަރެންނަށް ވަކި ހިސާބަކުން އެވީ ފެނުނީމަ ނައިސް ނުހުރެވުނީ" ކިޔާން ބުންޏެވެ.

"އެހެންތަ. އަހަރެންނަށް ކަމެއް ކޮށްދެންޏާ ކިޔާން ދޭ ދާމް ކައިރިއަށް. އެހެންނޫނީ އެސޮރަށް އެކަނި ގެއަށް އަންނަން ނޭނގިދާނެ" އާވާ ބުނެލިއެވެ.

"އޯކޭ. އެވީ ވިއްޔާ... ދަނީ" އާވާގެ ކޮނޑުގައި ޖަހާލާފައި ކިޔާން މަގު ބަދަލުކޮށްލިއެވެ.

އަމާޔާގެ ކައިވެނި ހަމަޖެހިފައި އޮތީ އަދި ތިން ރޭ ފަހަށެވެ. އޭގެ ކުރިން ނިންމަންޖެހޭ ކަންތައްތައް ދެ އާއިލާ ގުޅިގެން ނިންމަމުން ދިޔައެވެ. ގުރޫޕް ބޮޑުވުމުގެ ސަބަބުން ރަށަށް އަންނަން ލިބުނު ކުޑަ ޗުއްޓީގައި ބައެއް ކަހަލަ ހަރަކާތްތައް ރާވަމުން ދިޔައެވެ. ރޭގަނޑު މަސްހިފަންދާން ހުރިހާ ފިރިހެނުން ތައްޔާރުވަމުން ދިޔައިރު އެތަނުގައި އެންމެ ނެގިމަޑުވެފައި ހުރީ މާހިލްއެވެ. ރަށު ތެރެއިން ނައިޝީގެ މޫނު ފެންނަހާ ހިނދެއްގައި މާހިލްއަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެކަން މިހާރު ބައްޔަކަށް ވެއްޖެއެވެ.

ރެސްޓޯރަންޓެއްގެ ކޮފީ މޭޒު ދޮށުގައި މަސްދަތުރުގެ ވާހަކަތައް ދެކެވެމުން ދިޔައިރު މާހިލް ހިމޭންވެފައި އިންކަން ޝާނިމްއަށް އިނގުނެވެ. އޭނާ މާހިލްގެ ފައިގައި ކޮށްޓާލިއެވެ. ބަލައިލުމުން ލޮލުގެ އިޝާރާތުން ކިހިނެއްވެފައިތޯ ސުވާލުކުރިއެވެ.

"އެބައުޅޭ ކަމެއް. ބޮޑު ބޮލުގެ ރިހުމެއް" މާހިލް ބުނެލިއެވެ. އެންމެފަހުން ޝާނިމްއަށް މަޖުބޫރުވީ މާހިލް ގޮވައިގެން އެއްފަރާތަކަށް ޖެހިލާށެވެ.

"މާލޭގައިވެސް ބޮލުގަ ރިހުން. އެ ރިހުންގަނޑު މިރަށު ތެރެއިންވެސް ފެނުނީތަ؟" ޝާނިމް އަހައިލިއެވެ. ދެ އެކުވެރިން ގޮސް އިށީނީ އަތިރިމައްޗަށް ނިކުމެވޭ ދިމާލު ގެއެއްގެ ފާރު ކައިރީގައި ބަހައްޓާފައި ހުރި ޖޯލި ފައްޗެއްގައެވެ.

"އަހަރެންނަށް އޭނާ ފާރަލާ އެބަ. ކުރަން އެއުޅޭ ކަމެއް ހިތަށް އަރުވާލަންވެސް ނޭނގޭ" މާހިލް ބުނެލިއެވެ.

"އެއީ ކާކު؟ ހިނގާ ފުލުހުންނަށް އަންގަން. ކަމެއްވެދާނެތީ މިހެން މިބުނީ. އަހަރެން މިހާރު ބިރުގަންނަން ފަށައިފި" ޝާނިމް ބުނެލިއެވެ.

"އެއީ މާޒީގައި އަހަރެންނަށް ހެދިފައި އިން ވަރަށް ބޮޑު މިސްޓޭކެއް. ދެރަކަމަކީ މިހާ ގިނަ ދުވަސްވިއިރު ވެސް އޭނާ އަހަރެންނާ މެދު ހިތުގައި ރުޅިވެރިކަމެއް ބާއްވައިގެން އުޅޭތީ. އަހަރެންގެ ހިތްބުނޭ ކޮންމެސް ކަމެއް ގޯސްވާން އެބައުޅެއޭ" މާހިލް ވާހަކަދެއްކިއެވެ.

"ނަމާދާއި ދުޢާ އަދި ޒިކުރުތަކުގަ މާ ބާރުގަދަވާނޭ ބުނީވެސް މާލްއެއްނު" ޝާނިމް ބުނެލިއެވެ.

"ތިކަން އޮތީ ތިހެން. އެކަމަކު އިނގޭތަ އޭނައާ މެދު އަހަރެންނަށް ކަންތައް ކުރެވުނީ ކިހިނެއްކަން؟ އަހަރެންނަށް އޭރު އަން ކިޔައިފިއްޔާ އަންނާރެއްވެސް ވަރަށް ކަމުދޭ. ރީތި އަންހެންކުދިންގެ އަހަރެންގެ ދަލުގައި ޖައްސައިގެން އެކުދިންގެ އިހުސާސްތަކާ ކުޅެގެން އަހަރެން މަސައްކަތްކުރަނީ އަހަރެންގެ ހަށިގަނޑަށް އަރާމެއް ހާސިލްކުރެވޭތޯ. ބައެއްފަހަރު ކަރުގަނޑު ވަކިކޮށްނުލާ ހުންނަ މާތައް ވެސް އަހަރެންނަށް ލިބޭ. އެގޮތުން އަހަރެން މަސައްކަތްކުރީ އެ އަންހެނާ ސެޓުކުރަން. ދިމާވި އިރު މީހަކާއިވެސް އިނދެގެން އުޅުނީ. އެކަމަކުވެސް އަހަރެން ދުލެއް ނުކުރިން. އަހަރެންނަށް ހިތް ލެނބެންދެން ފަހަތުން މުގޯލި އެޅިން. ހައްދާލައިގެން ކޮޓަރިއަށް ގެނެސް އަހަރެން ހިތް ފުރެންދެން އެހަށިގަނޑުން އުފާ ހޯދިން. އެވަރުން ނިންމާލީކީ ނޫން. އޭނާގެ ނޭކެޑް ފޮޓޯތަކަށް ވީޑިޔޯތައްވެސް ނެގިން. އޭއްޗިހިތައް ހަތިޔާރަކަށް ހަދައިގެން ބިރުދައްކައިގެން އަހަރެންގެ ބޭނުންތައް ފުއްދަމުން ދިޔައީ. އެހެން އުޅެނިކޮށް އަހަރެން ފާޑަކަށް ހިތް ކިޔައިފި. އެންމެ ފުރަތަމަ ފަހަރަށް އަހަރެންގެ ދިރިއުޅުމަށް ބަދަލެއް ގެނައީ އޭނައަށްޓަކައި. އެކަމަކު އެދުވަސްކޮޅު އަހަރެންގެ ދަރިފުޅު ދުނިޔޭގައި ނެތްކަން އިނގުނު ހިސާބުން ފެށިގެން އަހަރެން މަރުވެއްޖެ. ދިރިހުއްޓަސް އަހަރެންނަކަށް އިހުސާސެއް ނުކުރެވޭ އަހަރެން ނޭވާލާކަމެއް. އަހަރެން ބޭނުންވީ ކުރެވުނު ފާތަކާއި އުޅެވުނު މުޑުދާރު ގޮތްތައް އެއްފަރާތްކޮށް ޞާލިހް މީހަކަށްވާން. ފަހުން އެ އަންހެނާ މަތިންވެސް ފޫހިވެއްޖެ. އެންމެފަހުން އަހަރެން ބައްޕަ ކައިރީގައި ވަރަށް އާދޭސްކޮށްގެން ދީން ބޮޑަށް އުނގެނުމުގެ ބޭނުމުގަ ދިޔައީ މަދީނާއަށް. އަހަރެންނަށް ކުޑަވެސް ހިތްހަމަޖެހުމެއް ލިބުނީ ތަޢުބާވުމަށްފަހު ހައްޖުވުމަށްޓަކައި މައްކާގެ މަތިވެރި ބިމުގައި ފައި ބީއްސާލެވުނު ހިސާބުން. އަހަރެން މާޒީ ހަނދާންނައްތާލަން މަސައްކަތްކުރީ އެހިސާބުން. ހިތަށް އެރި ދުވަހަކުވެސް އަންހެންކުއްޖެއްގެ ދިރިއުޅުމާ ނުކުޅޭނަމޭ. ލޯބިވެސް ނުވާނަމޭ. އޭގެފަހުން އަންހެން ކުދިންނާމެދު އަހަރެންގެ ހިތުގައި ހާއްސަ ޤަދަރެއް އުފެދުނީ. އެކަމަކު އާވާ ފެނުނު ހިސާބުން އެހުރިހާ ކަމެއް ބަދަލުވެއްޖެ. އަހަރެންގެ ހިތް ބުނެދިން ޖަންނަތުގައި އަހަރެންގެ ޙަގީގީ ބައިވެރިއަކީ އާވާ އޭ. އެއީ މިދުނިޔެމަތިން ﷲ ތަޢާލާ އަހަރެންނަށް ދެއްވި ނަސީބެއް. އެކަމަކު މިހާރު އަހަރެންގެ ހިތް ވަރަށް ބިރުގަންނަން ފަށައިފި. ހިތަށް އަރަނީ އާވާ ގެއްލިދާނޭ... ޝާން! އެދުވަހަކުން އަހަރެން މޮޔަވެދާނެ." މާހިލްގެ ވާހަކަތައް ނިންމާލިއިރު ހުރެވުނީ ޝާނިމްގެ ދެކޮނޑުގައި ހިފަހައްޓާލައިގެންނެވެ. އޭނާއަށް އެނގުމަކާއިނުލާ ދެލޮލުން ކަރުނަ ނީރާލައިފިއެވެ.

"ތި ވިސްނަނީ މާބޮޑުކޮށް. ކޮންމެ ކަމެއް ދިމާވިޔަސް އެކަމަކީ މިދުނިޔެ މަތިން ތިމާއަށް ކުރިމަތިކުރުވާ އިމްތިޙާނެކޭ ހިތާ އޭގެއިން އަރައިގަންނަން މަސައްކަތްކުރީމަ ރަނގަޅުވާނީ" ޝާނިމް ވާހަކަދެއްކިއެވެ.

"އަހަރެން އޭނަ އާ ބައްދަލުކޮށްލަން ބޭނުން. ކަންތައް ގޯހުން ގޯހަށް ދިޔުމުގެ ކުރިން އޭނާ ބޭނުންވަނީ ކޮންކަމެއްތޯ އިނގެން ބޭނުން" މާހިލް ބުނެލިއެވެ.

"އަހަރެން ހަމަޖައްސައިދޭންވީތަ؟" ޝާނިމް އަހައިލިއެވެ.

"އޯކޭ. އެކަމަކު އަހަރެން އެކަހެރިވެގެން ހިލޭ އަންހެނަކާ ބައްދަލެއް ނުކުރާނަން. ޝާން ކައިރީގައި އިނދެގެން މިރަށު އެންމެ މީހުން ގިނައިން ވަންނަ ރެސްޓޯރަންޓުން ބައްދަލުކުރާގޮތަށް ހަމަޖައްސައިދީ" މާހިލް އެދުނެވެ. ޝާނިމް ބޯޖަހައިލިއެވެ.

ޖެހިގެން އައި ދުވަހު ގުރޫޕް އެއްކޮށް ކައިރީގައި އޮތް ފަޅު ރަށަކަށް ދަތުރު ދާގޮތަށް ހަމަޖެހުނެވެ. އަންހެން ފިރިހެން ދެބައި މަސްހުނިވާގޮތަށް ރާވާފައިވާ ދަތުރަކަށް ވީތީ އާވާ ފުރަތަމަ ދާން ދެކޮޅު ހެދިއެވެ. ނަމަވެސް މާހިލްގެ ވާހަކަތަކަށްފަހު އޭނާ އެއްބަސްވިއެވެ. ދަތުރުގައި އޭނާ އަބަދު ހުންނަން ބޭނުންވަނީ މާހިލް އާ އެކުގައި ކަމަށް ބުންޏެވެ.

ހެނދުނު ފެށި ދަތުރު ކަނޑުމަތީގައި މާގިނަ ވަގުތު ނުނެގިއެވެ. އަމާޔާ އާއި އެކުގައި ރަށަށް އަރައިގެން ދިޔައިރު ގުދުރަތީ އެހިތްގައިމު މަންޒަރަށް އާވާގެ ހިތް ވަނީ ލެނބެމުން ދިޔައެވެ. ދުވެލާފައި ގޮސް މާހިލް އަތުގައި އޮތް ކެމެރާ ނަގައިގެން އައިސް ހުއްޓުނީ ދުރުދުރަށް ދާންދެން ފެތުރިފައިވާ ދޮންވެލިގަނޑު މަތީގައި ގުރޫޕަކަށް ހަރަކާތްތެރިވަމުންދާ ކިރު ކަކުނި ތަކެއްގެ ކައިރީގައެވެ. އާވާ ކައިރީގައި ހުރި އަމާޔާވެސް ފޯނުގައި އެމަންޒަރުތައް ރައްކާކުރަމުން ދިޔައެވެ.

ވިލު ނޫކުލައިގެ މޫދުގައި އެންމެ ރޮއްޖެއްވެސް ނެތެވެ. މޫދުގެ ކައިރި ފަށުގައި ހުއްޓި އާވާ ދެއަތް ފުޅާކޮށްލާ ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލިއިރު މޫދަށް އެރެން އޭނާގެ ހިތް އެދެމުން ދިޔައެވެ. އެހެންނަމަވެސް އަދި ވަގުތު ނުޖެހޭތީ އޭނާ ހިތާއި ދެކޮޅަށް ކެތްކުރިއެވެ.

"ކޮންތާކަށް ޝާންމެން އެދިޔައީ" ދޮންވެލިގަނޑު މަތީގައި އިށިން އަމާޔާ އާވާއަށް އިވޭވަރަށް ބުނެލިއެވެ.

"ޓެންޓް ޖަހަން ހެން ހީވަނީ..." އާވާ ޖަވާބުދިނެވެ.

"ކީއްވެތަ މާޔާގެ މަންމަމެން ބައިވެރިނުވީ. ކިހާ މަޖާވީސް އެންމެން ހަމަކޮށްގެން އައިނަމަ" އާވާ ބުނެލިއެވެ.

"ނަމަ...ނަމަ... އެވީ ބުނީމެއްނު ވާހަކަދެއްކުމުގައި ނަމަ ބޭނުންނުކުރާށޭ..." އަމާޔާ ބުނެލިއެވެ.

"އާނ ދޯ.. ސޮރީ.." މޫދު ކައިރިން އަރައިގެން އައިސް އާވާ އަމާޔާ ކައިރީގައި އިށީނެވެ.

"ކޮއްކޮ ރޯގާޖެހިފަ ހުރީމަ މަންމައަށް ނާދެވުނީ. މަންމަ ނާންނަންޏާ ބައްޕަ އެކަނިވާނެއްނު. އެހެންވެ ބައްޕަ ނައީ" އަމާޔާ ވާހަކަދެއްކިއެވެ.

"އޭރުގަ އުޅުނީމެއްނު ވާހަކައެއް ބުނަންވެގެން. ޝާނިމްސަރ އައިމަ ނުބުނެވުނީނު. ކިހިނެއްވީ؟" އަމާޔާއަށް ނަޒަރެއް ދެމުން އާވާ އަހައިލިއެވެ.

"އާނ އެއީ އެވީ ކައިރީގައި ބުނީމެއްނު އައިޒަންގެ ވާހަކަ. ބޮޑު ފައިސާވެރިއެއްގެ ދަރިއެއް. އަހަރެން ކައިރީގައި އާދޭސްކުރާ ވާހަކަ. ހަނީމޫނަށް ގެންދާނީވެސް ޔޫކޭއަށޭ. އޭނަ އަދިވެސް ވަރަށް މެސެޖް އެބަކުރޭ. ނަންބަރ ބްލޮކް ކުރީމަ އަނެއްކާވެސް އެހެން ނަންބަރަކުން" އާމާޔާ ވާހަކަދެއްކިއެވެ.

"މާޔާ ލޯބިވަނީ ކާކުދެކެ؟ އޭނަދެކެތަ ނޫނީ ޝާނިމްސަރ ދެކެތަ؟" އާވާ އަހައިލިއެވެ.

"އޮފްކޯޒް ޝާނިމް. ދުވަހަކުވެސް ޝާނިމް އާ ވަކިވާން ބޭނުމެއްނޫން. ކައިވެންޏާކާ ހަމައަށް ދާނީ ޔަޤީނުންވެސް ބޭނުންވާތީ ދޯ. މިއަދު އިނދެލާފައި ރޭވުމާއެކު މަޖާކޮށްލާފަ މާދަމާ ވަކިވާކަށްނޫން" އަމާޔާ ވާހަކަދެއްކިއެވެ.

"މީހަކު ފައިސާ ފޮއްޗެއް ދައްކާލާއިރަށް އެދިމާލަށް ބަލައިނުލާތި. ފައިސާއަކީ ބައެއް ފަހަރަށް ދިރިއުޅުމުގެ ހަލާކުގެ ތެރެއަށް ވައްޓާލާ އެއްޗެއް ކަމުގައިވޭ. އުފާވެރި ދިރިއުޅުމަކަށް މުހިންމު ވާނީ ފައިސާއެއް ނޫން. ލޯބި" އާވާ ވާހަކަދެއްކިއެވެ.

"ބައެއްފަހަރު އަހަރެންނަށް ހީވޭ އޭނާގެ ބައްޕަގެ ފައިސާތަކުގެ ވާހަކަދައްކައިގެން އަހަރެން ވާވައްދަން މަސައްކަތްކުރާހެން. ލޯބިވެގެން އަންނަ މީހަކު ދައްކާނީ ފައިސާއެއްނޫން ދޯ" އަމާޔާ އޭނާއަށް ވިސްނޭގޮތް ހާމަކުރިއެވެ.

"އަހަރެން ވާހަކައެއް ބުނަންތަ؟ މުދަލާއި، މަތީ މަޤާމަކީ ވަގުތީގޮތުން އިންސާނާ ބޮޑުމީހަކަށް ހަދާ އެއްޗެއް. އެހެންނަމަވެސް އިންސާނިއްޔަތާއި، ރިވެތި އަޚްލާޤަކީ އަބަދުވެސް އިންސާނާ މަތީ ދަރަޖައިގައި ބަހައްޓާ އެއްޗެއް. ތިބުނާ އައިޒަންއަކީ އޭނާގެ ބައްޕަގެ ފައިސާއާއި މުދަލުގެ ސަބަބުން އޭނާގެ ހަފަރާތުން ކިބުރުވެރިކަމާއި ބޮޑާކަން ވަށާލާފައިވާ ޒުވާނެއް. އެކަހަލަ މީހުންނަކާ މާޔާ ކަހަލަ އަންހެންކުދިންނަކާ ނުގުޅޭ.... ދެން ހިންގާ ދާން. މިހާރު އަހަރެމެން ހޯދާނެ"

"އެވީ ތިއޮށް ކުޑަކުޑަ މީހާ ހާދަ ބޮޑުބޮޑު ވާހަކަތަކެއް ދައްކައޭ މިހާރު... އެއީ ހަމަ މީހަކާ އިނދެވުނީމަތަ. އެހެންވީމަ ކައިވެނީގެ ފަހުން އެވެސް އަންނަ ބަދަލެއްތާ ދޯ" ތެދުވެ ހެދުމުން ވެލި ފޮޅައިލަމުން އަމާޔާ ބުނެލިއެވެ.

"އެއްކަލަ މާޔާ. ދެން އިނގިދާނެއްނު ކައިވެނި ކުރެވުނީމަ އަންނަ ބަދަލުތައް މާޔާއަށްވެސް" ހީލަމުން އާވާ ބުނެލިއެވެ.

މެންދުރަށް ތައްޔާރުކުރި މަސްބަތާއި، ރިހާކުރު އަދި ލޮނުމިރުހާއި، ފޭރުފަނިން ބަނޑުތައް ފުރާލައިގެން ހިޔާ ޖެހިފައިވާ ބޮޑު މަދަރާސީ ގަސްދޮށުގައި ހުރިހާ މީހުން ކަހަލަ ގޮތަކަށް ޖައްސާލައިގެން ތިއްބެވެ. އެކި ވާހަތަކުން ކުރި ފަޅަމުން ގޮސް އެންމެފަހުން ނިންމާލީ އަސުރަށް ގޮވުމުގެ ކުރިން އެންމެން އެކުގައި މޫދަށް އެރެން އެއްބަސް ވެފައެވެ.

"މާހިލް އެރޭނަންތަ؟" ކައިރީގައި އިން މާހިލް ކައިރީގައި އާވާ އަހައިލިއެވެ.

"ހޫމް... މިކަހަލަށް ތަނަކަށް އައިއްސަ ލޮނުފެން ކޮޅެއްގަ ނުޖެހި ދާނީ މޮޔައެއްނު. އެވީ އެރޭހިތް ނުވަނީތަ؟" މާހިލް އަހައިލިއެވެ.

"އެރޭހިތްވޭ. އެކަމަކު ފަތަން ނޭނގޭ. ފައި ނުޖެހޭ ހިސާބަށް ދާން ނުކެރޭނެ. ކުޑައިރު ވަރަށް ބިރުވެރި ހާދިސާއެއް ދިމާވެފަ ހުރީ" އާވާ މާހިލްއާއި ވާހަކަދެއްކިއެވެ.

"އެދުވަހުވެސް އެވީގެ ފުރާނަ ސަލާމަތްކުރީ އަހަރެން. މިއަދުވެސް އެވީއާއި އެންމެ ކައިރީގައި ހުންނަން ބޭނުންވަނީ އަހަރެން. އެވީ ކީއްވެތަ މާހިލް ކިޔާ މީހެއް މިދޭތެރެއަށް ވައްދައިގެން ތިއުޅެނީ" އާވާއާއި މާހިލް އާ ދެމީހުން ދައްކަމުން ދިޔަ ވާހަކަތައް އިވޭ ހިސާބުގައި އިން ކިޔާންގެ އަތުގައި ފޯނު އޮތަސް، އަދި އޭނާގެ ދެލޯ ފޯނަށް އަމާޒުވެފައި ވިޔަސް އޭނާގެ ދެކަންފަތް ވަނީ އާވާއާއި މާހިލް ދައްކަމުން ދިޔަ ވާހަކަތަކާއި ދިމާލަށް ހުޅުވިފައެވެ.

"އެވީ ހިނގާބަލަ" ދުރުގައި އިން އަމާޔާ ބުނެލިއެވެ. އާވާ ތެދުވަން އުޅުނު ވަގުތު މާހިލް ގޮވައިލިއެވެ.

"ބަލައިގެން އުޅެއްޗެ" މާހިލް ބުނެލިއެވެ. އާވާ ބޯޖަހައިލިއެވެ.

"މޫދަށް އެރިލަން އިނގޭ އެވީ. ހެދުން ބަދަލުކޮށްލަން ވާނެއްނު" އަމާޔާ ބުނެލިއެވެ.

"މި ހެދުމުގެ އެރޭނީ. މިރަށުން ފުރަންވީމަ ޗޭންޖްކޮށްލާނީ. އޯކޭތަ؟" އާވާ ހުއްދައަށް އަހާލީ މާހިލްގެ ކައިރިންނެވެ. މާހިލް ބޯޖަހާލުމާއެކު އާވާ ހިނގައިގަތެވެ. އެއްވެސް މީހަކަށް ނޭނގޭނެހެން ކިޔާން އާވާއާއި އެއްވަރަށް ދުރުދުރުން ދާންފެށިއެވެ.

އާވާއާއި އަމާޔާ ޚިޔާރުކުރީ މީހުން މަދު ހިސާބެކެވެ. ކޮންމެވެސް ވަރަކަށް ދުރުން ދަތުރުގެ ބައިވެރިން ހަރަކާތްތެރިވާ މަންޒަރު ފެންނަމުން ދިޔައެވެ. ދެ އެކުވެރިން މާދުރަށް ނުގޮސް ތިބީ ދިމާވެދާނެ ހާލަތަކުން ސަލާމަތްވުމަށްޓަކައެވެ.

"އަހަރެން ވަރަށް އަވަހަށް މިއަންނަނީ. އެވީ މަޑުކުރާތި އިނގޭ. ގޮގުލްސް ނުލާ މިއާދެވުނީ. އެވީ ބިރުގަންނަންޏާ މިތާ އެއްގަމަށް އަރާ މަޑުކޮށްލާ" އަމާޔާ ވާހަކަދެއްކިއެވެ.

"ނޫން. މިއީ މާ ފުނެއްވެސް ނޫނެއްނު. މިހިރީ އުނގަނޑުންވެސް ތިރިއަށް ވިއްޔާ ފެން. އަވަހަށް އަންނާތި އިނގޭ" އާވާ ބުނެލިއެވެ.

އަމާޔާ ހިނގައިގަތުމާއެކު ބޯކެޔޮ ގަސްތަކެއްގެ ނިވަލުގައި ހުރި ކިޔާން އެދިމާލަށް ބޯދިއްކޮށްލިއެވެ. ލޮލުގައި އަޅާފައިވާ އަވި އައިނު ނަގާފައި ބަލައިލިއެވެ. ކުޑަކުއްޖެއް ފަދައިން ލޮނުގަނޑާ ކުޅެން އިން އާވާ ކައިރިއަށް ދިޔުމަށް ކިޔާން އެއް ފިޔަވަޅު އަޅައިލިއެވެ. ނޭނގޭ ކަމަށް ހަދާފައި އާވާގެ އަތުގައި ހިފައިގެން ދުރަށް ގެންދަން އޭނާ ހުރީ ނިންމައިގެންނެވެ.

ފިރިހެން ގުރޫޕަކާއެކު ފުޓްބޯޅަ ކުޅެން ހުރި މާހިލްއަށް ބަލައިލެވުނު ގޮތަކުން ޓެކްޓް ކައިރީގައި ހުރި އަމާޔާ ފެނުނެވެ. ކުޅުމުގެ ތެރެއިންވެސް އޭނާއަށް ވަށައިގެން ހޯދާލެވުނީ އާވާ ފެނޭތޯއެވެ. އަމާޔާއަށް އިޝާރާތެއް ކޮށްލަން އުޅުނު ވަގުތު ޓެންޓް ތެރެއަށް އަމާޔާ ވަނުމުން މާހިލް މަޑުޖެހިލިއެވެ. އޭނާ ފެންފޮދެއް ބޭނުންވާކަމަށް ބުނެފައި ދަނޑުން ފޭބިއެވެ. ގަސްބުޑުގައި ބަހައްޓާފައި ހުރި ފެންކޭސްގެ ތެރެއިން ކުޑަފުޅިއެއް ނަގައިގެން އޭނާ ހިނގައިގަތީ ޓެންޓާ ދިމަލާށެވެ. ޓެންޓާއި އަރާ ހަމަނުވަނީސް އަމާޔާ ނިކުމެއްޖެއެވެ. ކުރިމަތީގައި ހުރި މާހިލް ފެނުމާއެކު އަމާޔާ ހިނިތުންވެލިއެވެ.

"އެވީ...!" މާހިލް ބުނެލިއެވެ.

"އެވީ އެފަޅީގަ. އަޅުގަނޑު މިއައީ ގޮގުލްސް ބަލާ. މިދަނީ މިހާރު" އަމާޔާ ބުނެލިއެވެ.

ޝާނިމް ގޮވައިލުމާއެކު މާހިލް އެދިމާލަށް ދާން ހިނގައިގަތެވެ.

"ބީ ކެއަރފުލް އިނގޭ ދެކުދިން" މާހިލް ބުނެލިއެވެ.

އާވާ އިން ދިމާލަށް ލަސްލަހުން ފިޔަވަޅު އަޅަމުން ދިޔަ ކިޔާނަށް ޚައިރާންކަމެއް ލިބުނީ ކުއްލިއަކަށް އާވާ ކޮޅަށް ތެދުވި ތަން ފެނުމުންނެވެ. ދެން ފެނުނު މަންޒަރަކުން އޭނާ ހިނގުން ބާރުކޮށްލިއެވެ. އާވާ ބޭރަށްޖެހޭ މަންޒަރު ފެނުމުން އަނެއްކާވެސް ކިޔާން ހުއްޓިއްޖެއެވެ. އާވާ އަމިއްލައަށް ދުރަށް ފިޔަވަޅު އަޅަމުންދާ މަންޒަރު ފެނުމުން ކިޔާނަށް ހެވިއްޖެއެވެ. އޭނާ އެއްވެސް މަސައްކަތެއް ކުރަން ނުޖެހި ކުރަންއުޅޭ ކަންތައް ކާމިޔާބުވަނީއޭ ހިތަށް އެރިއެވެ. އިރުކޮޅަކުން އޮއިގަނޑުގައި ޖެހި އާވާ އަރި އަޅާލި މަންޒަރު ކިޔާނަށް ފެނުނެވެ. ކިޔާނަށް އެދިމާލަށް ދުއްވައިގަނެވިއްޖެއެވެ. އޭނާގެ ފަހަތުން އައި އަމާޔާއަށް އެ މަންޒަރު ފެނުމުން މުޅި ހަށިގަނޑުގެ ހަރަކާތް ހުއްޓުނު ކަހަލައެވެ. އޭނާގެ ސިކުނޑި މަސައްކަތްކުރަން ފެށީ ސިކުންތުކޮޅެއް ފަހުންނެވެ. އަޑު ނެތްތަނަށް އާވާއަށް ގޮވައިލެވިއްޖެއެވެ. ދާންވީ ދިމާލެއް ނޭނގިފައި ހުރެ އޭނާ ދުއްވައިގަނެވުނީ އެނބުރި އައި ދިމާލަށެވެ.

ފަތާފައި ދިޔަ ކިޔާނަށް އާވާގެ އަތުގައި ހިފުނީ އޮއިގަނޑުގެ ތެރެއިން ވަޔާއި ދެކޮޅަށް އެތައް އިރަކު ފެތުމަށް ފަހުގައެވެ. އާވާގެ މެދުހަށީގައި މީހަކު ހިފިކަން އިހުސާސްވުމާއެކު އޭނާއަށް އެއީ ކާކުކަން ނޭނގި އެމީހަކުގެ ކަރުގައި ދެއަތުން ވަށާލެވިއްޖެއެވެ. އޭނާއަށް ބާރަށް ރޯން ފެށުނުއިރު ކިޔާންގެ ހިތުގައިވެސް ރިއްސައިގަނެއްޖެއެވެ. އެހިސާބުގައި ކިރިޔާ ފައިޖެހޭކަން ކިޔާނަށް އިހުސާސްވިއެވެ.

މާގިނަ އިރެއްނުވެ އެދިމާލަަށް ދުވެފައި އައި މާހިލް މޫދަށް އެރިގަނެއްޖެއެވެ. އޭނާއަށް އާވާގެ ހަށިގަނޑުގައި ހިފުނީ އެއްގަމަށް އަރުވަން ކުޑަތަންކޮޅަކަށް ވެފައި ވަނިކޮށެވެ. އެއްގަމަށް އަރާ ފަސްގަނޑުމަތީގައި އިށީނުމަށްފަހު އޭނާ އާވވާގެ ހަށިގަނޑުގައި އޮޅުލައިގަނެއްޖެއެވެ. އާވާ ދެލޯ ހުޅުވާލައިގެން އޮތްތަން ފެނުމުން ކަރުނައިގެ ތެރެއިންވެސް އޭނާއަށް ހިނިތުންވެވުނެވެ.

"ލޮނު ބޮވުނުތަ؟؟" މާހިލް އަހައިލިއެވެ. އޭނާގެ އަޑު ކުރެހިފައިވާކަން ތަނުގައި ތިބި އެންމެން ދެނެގަތެވެ.

"ދޮންތާ...!! ފަތަން ނޭނގޭއިރު ކީއްކުރަން އެހާ ދުރަށް ދިޔައީ" އާވާގެ އެއްފަރާތުން އިށީނދެގެން އިން ދާރިމް އަހައިލިއެވެ.

އާވާ އުނދަގުލުން ތެދުވެ މާހިލްގެ މޭގައި ލައްވެލިއެވެ.

"މާޔާ އަންނަންދެން މިތާ ކައިރީގައި އިނީ. އެހެން އިންދާ ކުޑަ މަހެއް ފެނިގެން ބިރުން އެއްގަމަށް އަރަން އުޅެނިކޮށް ފައިވާން ދޫވީ. ފައިވާން ބޭރަށް ދާންފެށީމަ ނަގަން އުޅުނީ. މަޑުމަޑުން ކުރިއަށް ޖެހެނިކޮށް ލޮނދި ގަލެއް މައްޗަށް އެރިފަ ކައްސާލީ" އާވާ ކިޔައިދިނެވެ.

"އަލްޙަމްދުﷲ. އެވީ މޫދަށް އެރޭނީ މަށާއެކު. ހިނގާ ހެދުން ބަދަލުކުރަން ދާން" މާހިލް ބުނެލިއެވެ.

ތެދުވެ ހިނގައިގަންނަން އުޅުނު ވަގުތު ޝާނިމްގެ އަންހެން ކޮއްކޮއެއްގެ ހަށިގަނޑުގައި ބައްދާލައިގެން ރޮވިފައި ހުރި އަމާޔާ ފެނިއްޖެއެވެ. އާވާ ފެނުމުން އަމާޔާއަށް ދުރުގައި ނުހުރެވުނެވެ. އައިސް އާވާގެ ހަށިގަނޑުގައި އޮޅުލައިގަނެއްޖެއެވެ.

"ދުވަހަކުވެސް ރިއަލްކޮށް މީހަކު ގެނބެނިކޮށް ނުދެކެން. ދެންމެ ވަރަށް ބިރުގަނެއްޖެ. ހިނދުކޮޅަކަށް ހިތަށް އެރީ ހުވަފެނަކަށް ވާނެ ނަމައޭ" އަމާޔާ ބުނެލިއެވެ.

"މިހާރު ރަނގަޅޭ. ވަރަށް ބިރުގަތް" އާވާ ބުނެލިއެވެ.

އާވާ ގޮވައިގެން ހިނގައިގަތުމަށްފަހު މާހިލް ފަހަތް ބަލައިލި ވަގުތު ދެ އުކުޅުގައި އަތް އަޅުވާލައިގެން ތެމިފައި ހުރި ކިޔާން ފެނުނެވެ. އަދިވެސް ކިޔާން މައިނޭވާ އަޅަމުން ދިޔައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ މާހިލްގެ ކައިރީގައި ހުރި އާވާއަށެވެ.

"ކިޔާން ތިކޮށްދިނީ ވަރަށް ހެޔޮކަމެއް. ކިޔާންގެ ޒިންމާ ވަރަށް ރަނގަޅަށް އަދާކޮށްދީފި. ވަރަށް ބޮޑަށް ޝުކުރިއްޔާ" މާހިލް ކިޔާންގެ ކުރިމަތީގައި ހުއްޓެމުން ބުނެލިއެވެ.

ހުރިހާ މީހުން ގޮސް ލޯމަތިން ގެއްލުމާއެކު ކިޔާނަށް ހުރި ދިމާލުން ތިރީގައި އިށީނދެވިއްޖެއެވެ. ދެލޮލުން ކަރުނަ ނިރާލިއިރު އާވާ ގެނބެމުން ދިޔައިރު އެ މަންޒަރު އޭނާގެ ލޯމަތިން އަދިވެސް ސިފަވަމުން ދިޔަ ކަހަލައެވެ. ހިނދުކޮޅަކަށް އާވާ ސަލާމަތްނުކުރެވޭނޭ އޭނާގެ ހިތަށް އެރިއެވެ. މިއަދު އެ އޮއިގަނޑުގެ ތެރޭގައި އޭނާ ފެތިހާ ބާރަށް މުބާރާތެއްގައި ވެސް ނުފަތައެވެ. ދެފައިޖެހޭ ހިސާބެއްވެސް އޮއިބާރުކަމުން ފަތަން ފެށީ ދެފައި ހަރުނުލުމުންނެވެ. އޭނާ ހިތުގައި ރިއްސަން ފެށީ އާވާއަށް އެދިމާވި ކަންތަކުން ނޫނެވެ. އެހެނަސް އާވާ އޭނާ ދުރުކޮށްލި ވަރުންނެވެ. އާވާ ސަލާމަތްކުރެވޭނެ ކަމުގެ ޔަޤީންކަން އޭނާއަށް އޮތެވެ. އޭނާގެ ފަރުވާކުޑަ އަމަލެއްގެ ސަބަބުން މިއަދު އާވާގެ ފުރާނަ އެ އޮއިގަނޑު ތެރޭގައި ގެއްލިގެން ދިޔަނަމަ އެކުއެކީގައި އޭނާގެ ފުރާނަވެސް ހަމަ އެ އޮއިގަނޑުގެ ތެރޭގައި ގެއްލިގެން ދިޔައީހެވެ.

ދެލޮލުން އައި ކަރުނަތައް ފޮހެލުމަށްފަހު ކިޔާން ތެދުވެ ހިންދެމިލިއެވެ. މޫދާއި ދިމާލަށް ކުރިމަތިލައިގެން ހުރެ އޭނާ އާވާގެ ނަން ކިޔައިލިއެވެ.

"ލޯބިނުވިޔަސް ޝުކުރުއާދާކޮށްލިނަމަ. އެވަރުން އަހަރެން ހިތްހަމަޖެހުނީސް" ކިޔާން ހިތާހިތުން ކިޔައިލިއެވެ.

(ނުނިމޭ)