ވިޔަފާރި

ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ދެ ސަރަހައްދެއް ކަނޑައަޅައި ހުއްދައަށް ހުޅުވާލައިފި

އައިދާ އަބްދުލް ހަކީމް

ވިލިމާލޭގައި ސައި ހޮޓަލާއި ރެސްޓޯރެންޓްތައް އަދި ފިހާރަތައް 24 ގަޑިއިރު ހިންގޭނެ ސަރަހައްދުތައް ކަނޑައަޅައި، އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ. އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނީ ދެ ސަރަހައްދެއްގައެވެ.

އެސަރަހައްދު ތަކަކީ ވިލިމާލޭގެ ފެރީ ޓާމިނަލް ހުންނަ ސަރަހައްދާއި ވިލިމާލޭ "ވާރު ހިނގުން" މަގުކަމަށް މިނިސްޓްރީން ބުންޏެވެ. މި ދެ ސަރަހައްދުގައިވެސް 24 ގަޑިއިރަށް ވިޔަފާރިކުރުމުގެ ހުއްދައަށް އެދެން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމު ފުރުމަށްފަހު 29 ފެބްރުއަރީ 2020 ގެ ކުރިން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދަން ބޭނުންކުރާ ތަކެތި ކަމަށާއި، ހުއްދަ ދޫކުރާނީ ހުއްދައަށް އެދޭ ތަނުގައި ފުރިހަމަ ވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކު ކުރުމަށްފަހުގަ ކަަމަށެއެވެ.

ސައުވީސް ގަޑިއިރަށް ވިޔަފާރިކުރާ ތަންތަނުން ނަމާދު ވަގުތަށް ފިހާރަ ބަންދުކުރުން ފިޔަވައި އެހެން ހުރިހާ ވަގުތެއްގައިވެސް ވިޔަފާރިކުރަން އަންނަ މީހުންނަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ 24 ގަޑިއިރު ވިޔަފާރިކުރާ ތަންތަނަކީ ރީއްޗަށް އެތެރެ ފެންނަން ހުންނަ ތަންތަނަށް ވާން ޖެހޭނެ ކަމަށާއި އެތަނުގައި 24 ގަޑިއިރު މަސައްކަތްކުރާ ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އެ ތަނަކީ 24 ގަޑިއިރު ހުޅުވާ ސައިހޮޓަލެއް ނަމަ މެންދަމު 1:00 އިން ފެށިގެން ފަތިހު 4:30 އާ ހަމައަށް އެތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާ ކަމެއް ކަމަށް ވަނީ ހަމަޖައްސާފަ އެވެ.