ކުރީގެ ރައީސް މުހައްމަދު ނަޝީދު

ޓީއެމްއޭގެ މުއާމަލާތް ހިންގީ ޔާމީނު ސަރުކާރުގައި، ގޮތެއް ނުހޯދިއްޖެ ނަމަ ބަދަލު ދޭންޖެހުން ގާތް: ނަޝީދު

އައިދާ އަބްދުލް ހަކީމް

1

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް(ޓީއެމްއޭ)ގެ މުއާމަލާތް ހިންގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ކަމަށާއި އެ މައްސަލައިގައި ގޮތެއް ނުހޯދިއްޖެނަމަ ރަންވޭ ހުޅުވުން ލަސްވެ ޓީއެމްއޭ އަށް ބަދަލު ދޭން ޖެހުން ގާތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މި މައްސަލައިގައި ސަރުކާރާއި ޓީއެމްއޭ އަށްވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުން ވަރަށް މުހިންމު ކަމަށާއި އެމައްސަލައިގައި ގޯސް ހެދި މީހުން ހޯދައި އަވަހަށް ތަހުގީގު ފަށަން ޖެހޭ ކަމަށެވެ.

އެމްއޭސީއެލުން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާގުޅޭ މައްސަލަ ބޮޑުވީ، ޓާމިނަލްގެ ބޮޑު ބައެއް ކުޑަ އަގެއްގައި ޓީއެމްއޭއަށް ދޭ ގޮތަށް އެކުންފުންޏާއި ޓީއެމްއޭއާ ދެމެދު ކުރީއްސުރެ އެއްބަސްވެ، ރަސްމީ އެގްރީމެންޓެއް އެކުލަވާލުމާއި ހަމައަށް ގޮސްފައި އޮއްވައި، އެއާ ތަފާތުކޮށް މިހާރު ސަރުކާރުން އެތައް ދޭން އުޅޭތީ އެވެ.

ނަމަވެސް އެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ސަރުކާރުން ވަނީ އާ ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމުގައި އަމަލު ކުރާނެ ގޮތް ކަނޑައަޅައި އުސޫލުތައް އާންމުކޮށްފައެވެ. އެގޮތުން ސަރުކާރުން ނިންމީ ޓީއެމްއޭ އާއި މަންޓާއަށް މިހާރު ދީފައިވާ ޖާގައަށްވާ ވަރުގެ ސަރަހައްދެއް، އެއް އަގެއްގައި އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދިނުމެވެ. އަދި ސީޕްލޭން އޮޕަރޭޓަރުން އިތުރު ޖާގަ ބޭނުންނަމަ އޮންނަ އުސޫލުގެ ތެރެއިން މާކެޓު ރޭޓުގައި ދޭ ގޮތަކަށެވެ.

މައްސަލަ ބޮޑުވެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ސީ ޕްލޭން ޓާމިނަލްއާ ގުޅޭ އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު 2017 ގައި މަޝްވަރާކުރި ގޮތަށް މާކެޓް އަގަށްވުރެ ކުޑަކޮށް ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދީފިނަމަ، އަހަރަކު 44 މިިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް އެމްއޭސީއެލްއަށް ގެއްލިދާނެއެވެ.

އޮޑިޓުން ފެންނަން އޮތް ގޮތުގައި، ވަކިވަކި ސީޕްލޭން އޮޕަރޭޓަރުންނާއި އެމްއޭސީއެލުން މަޝްވަރާކޮށްފައިވާ އަގުތަކުގައި އެތަން ދޫކޮށްފިނަމަ އަހަރަކު އެ ކުންފުންޏަށް 5.6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 86.5 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް އޮޑިޓުން ދައްކައެވެ.

އޮޑިޓުގައި ލަފާކޮށްފައިވާ ގޮތުން، އެމްއޭސީއެލުން އިންޓަނޭޝަނަލް ޓާމިނަލް ސަރަހައްދުން އޮފީސް ހިންގުމަށާއި ޓޫރިސްޓުންނަށް ލައުންޖް ހަދަން ބިން ދޫކޮށްފައިވާ ރޭޓަށް އާ ސީޕްލޭން ޓާމިނަލުން ޖާގަ ދީފިނަމަ އަހަރެއްގެ ތެރޭގައި އެމްއޭސީއެލަށް 47 މިލިއަން ޑޮލަރު (726 މިލިއަން ރުފިޔާ) ލިބޭނެއެވެ.

މި މައްސަލައިގައި ޓީއެމްއޭއިމް ތަކުރާރުކޮށް ބުނަމުން އަންނަނީ، ކުރީގެ ސަރުކާރުން ވަނީ އެމީހުންނާ އެކު ގިނަ މުއާމަލާތްތަކެއް އަނގަބަހުންނާއި ލިޔެކިޔުމުން ވެސް ބަދަލުކޮށްފައި ކަމަށާއި ޓީއެމްއޭއިން ވެސް އެއްބަސްވާ ގޮތަށް އެގްރީމެންޓެއް ހަދައި އޭގެ ޑްރާފްޓްވެސް ކުރީ ސަރުކާރުން ފޮނުވާފައި ކަމަށެވެ.