ޚަބަރު

ރަށްފުށުގެ ރައްޔިތުންނަށް ވެސް މާލޭގައި ހަމަޖެހިގެން އުޅެވޭނެ ގޮތެއް ހޯދައިދޭން ރައީސް ޔާމީން މަސައްކަތް ކުރެއްވި: ފަޒުލް

އަހުމަދު ވަޖީފު

ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަސައްކަތް ކުރެއްވީ ރަށްރަށުގެ ރައްޔިތުންނަށް ވެސް މާލޭގައި ހަމަޖެހިލައިގެން ދިރިއުޅެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިނަށް އިއްވާފައިވާ ސިޔާސީ ހުކުމާ ދެކޮޅަށް ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ރައީސް ޔާމީން މަސައްކަތް ކުރެއްވީ ތަފާތުކުރުމެއް ނެތި ރަށްފުށުގެ ރައްޔިތުންނަށް މާލޭގައި ދިރިއުޅެވޭނެ ނިޒާމެއް ގާއިމްކުރުމަށް ކަމަށެވެ. އެގޮތުން ފުލެޓް އަޅައިގެން ކުލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރައީސް، ތަރައްގީގެ ބާނީ ބެއްލެވީ ރަށްރަށުގައި ބޭފުޅުންނަށް ވެސް ހަމަޖެހިލައިގެން މާލޭގައި ދިރިއުޅެނޭ ނިޒާމެއް ގާއިމްކުރެވޭތޯ. ހަމަހަމަ ކުރެވޭތޯ. ކުލީގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި އިތުރު ފުލެޓް އެޅޭތޯ. މިބޭފުޅުންނަށް ހަޖަމް ނުވެގެން މި އުޅެނީ މިކަންތައް،" ރައީސް ޔާމީން ސަރުކާރުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވިދާޅުވީ، ހުޅުމާލެ ތަރައްގީ ކުރަނީ ހަމައެކަނި މާލޭ ރައްޔިތުންގެ ފައިސާއިން އެކަނި ނޫން ކަމަށާއި އެހެންކަމުން އަތޮޅުތެރޭގެ ރައްޔިތުންނަށް ވެސް އެ އަވަށުން ފުލެޓް ލިބެންޖެހޭ ކަމަށެވެ. އަދި ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ހެދި ފްލެޓެއް އެޅި ފައުންޑޭޝަނެއް ނެތް ކަމަށް ވިދާޅުވެ ފަޒުލް ވަނީ މި ސަރުކާރަށް ފާޑުވިދާޅުވެފައެވެ.