ކޮލަމް

ދީނާއި ސިޔާސަތުގެ ގުޅުން - 6

އަބްދުﷲ ފާރޫގް ހަސަން

ޕްރޮފެސަރ މުޙްސިން ޢުޘްމާނީ ނަދުވީ

ތަރުޖަމާ : އަބްދުﷲ ފާރޫގުޙަސަން

ދީނާއި ސިޔާސަތުގެ ގުޅުން - އިތުރުހެކިތައް - ރަނގަޅު މަގު ދެއްކެވި ޢާލިމުން

އިސްލާމްދީނާއި ސިޔާސަތާ އެއްވެސް ގުޅުމެއްނެތްކަމަށް މުސްލިމުންނަށް ވިސްނައިދިނުމަށްޓަކައި ހުޅަނގުގެ ބާރުތަކުން ނުފޮރުޅާ އެންމެ ގާކޮޅެއްވެސް ދޫކޮށެއް ނުލައެވެ. މުސްލިމުން ސިޔާސަތާމެދު ޚިޔާލުކުރިޔަ ނުދިނުމަށްޓަކައެވެ. ހުޅަނގުގެ އަޅުވެތިކަމަށް ރުހިގެން ތިބޭނެގޮތް ހެދުމަށްޓަކައެވެ. ޖިހާދުގެ އާރުން ފެންހިންދައިލުމަށްޓަކައެވެ. އެއުރެންގެ ސާމިރާޖީ ނިޒާމަށް ކުޑަވެސް ނުރައްކަލެއް ކުރިމަތިވިޔަ ނުދިނުމުގެ ބޭނުމުގައެވެ. ހުޅަނގުގެ ނުފޫޒުގައި އުފައްދައިފައިވާ މިނަޒަރިއްޔާ ބާޠިލުކުރެއްވުމަށްޓަކައި މެދުކެނޑުމެއްނެތި ބުންވަރު އެލުވައިނުލައްވައި މަސައްކަތް ކުރެއްވި ޢާލިމުންގެ ތެރޭގައި ޝަހީދު އިމާމު ހަސަނުލް ބަންނާ އާއި މައުލާނާ ސައްޔިދު އަބުލްއައުލާ މައުދޫދީ (ރަޙިމަހުމުﷲ) ގެ ނަންފުޅު ޚާއްޞަ ގޮތެއްގައި ފާހަގަކުރާންޖެހެއެވެ.

ތެދުތެދަށް ދަންނަވާނަމަ އިންސާނެއްގެ ހަޔާތުގެ ހުރިހާ މަރްހަލާތަކަކަށްވެސް އިސްލާމްދީނުގައި ވަނީ މަގުދައްކައިފައެވެ. އިރުޝާދު ދީފައެވެ. އިންސާނާގެ ތަންމަތީން ފެށިގެން ކަށްވަޅާ ހަމަޔަށެވެ. އަދި ކީއްތޯއެވެ. އޭނާ ދުނިޔެއަށް އައުމުގެކުރީން މަންމަގެ ރަހިމުގައި ގަރުބަގަތީއްސުރެ ވެސް އޭނާއާ ބެހޭ ހުކުމްތައް ވަނީ އައިސްފައެވެ. އޭނާ މަރުވުމަށްފަހު ކަޑައްތު ކުރާންޖެހޭ މަންޒިލުތަކާބެހޭގޮތުން ވެސް އޭނާއަށްވަނީ މައުލޫމާތު ދެވިފައެވެ. އިރްޝާދު ދެވިފައެވެ.

ނަމަވެސް އިސްތިއުމާރީ ބާރުތަކުން ވަނީ އިސްލާމީ ގައުމުތަކުގައި އެބައިމީހުންނާ ދެކޮޅު ހެދުން ހުއްޓުވުމަށްޓަކއި ސިޔާސީ އިސްލާމްގެ އިސްޠިލާޙު އީޖާދުކޮށްފައެވެ. އެއީ އިސްލާމްދީނުގެ "ނުރުހެވޭ އެޑިޝަނެއް" ކަމުގައި ލޭބަލްކޮށްފައެވެ. ހުޅަނގުން ލައިދިނީމާ ދިރުވާމީހުންގެ ފަރާތުން އެބައިމީހުންގެ ބަސް ތެދުކަމުގެ ސަނަދު ހޯދައިފައެވެ. ތިމާމެންގެ ވެރިކަމާއި އިސްތިއުމާރުގެ ހުއްދަފަތެއްގެ ގޮތުންނެވެ. ޞައްޙަ އިސްލާމީ ތަސައްވުރުގެ ނުރައްކަލުން ތިމާމެން ސަލާމަތްވުމަށްޓކައެވެ.

އިސްލާމްދީނާއި އެދީނުގެ އެންމެހައި ތައުލީމާތުތަކަކީ އެއްކަމެއް އަނެއްކަމަކާ ގުޅިގެން ހުރިހައި ފުރޮޅުތަކެއް ލައިމެހިގެން އުފެދޭ މަޖްމޫއާއެކެވެ. އެކައެކެވެ. އެއީ ރޫޅައި ވަކިވަކިކޮށްލެވޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން އިސްލާމްދީން ބައިބައެއް ނުކުރެވޭނެއެވެ. ސިޔާސީ އިސްލާމާއި، އަޚްލާޤީ އިސްލާމާއި، ތަރުބަވީ އިސްލާމާއި، ރޫހާނީ އިސްލާމާއި، އިޤްތިސާދީ އިސްލާމާއި މިފަދަ ގޮތްގޮތަކަށެއް ބައެއް ނުކުރެވޭނެއެވެ. އިމާމު ހަސަނުލްބަންނާ ރަޙިމަހުﷲ ލިޔުއްވައިފައިވެއެވެ.

"މިހާރަކަށް އައިސް ވަރަށް ގިނަ މީހުން ސިޔާސަތާއި އިސްލާމްދީނާ ބެހޭގޮތުން ވާހަކަ ދައްކާއިރު އެއީ އެއްކަމެއް އަނެއްކަމަކާ ވަކި ދެކަމެއްގެ ގޮތުގައި ފެންނަ ގޮތަށް ވާހަކަ ދައްކާތީ އެބަފެނެއެވެ. ތިމަތިމާމެންގެ ޖަމާއަތް ނުވަތަ ޖަމިއްޔާ ތައާރުފުކުރާއިރު މިއީ ސިޔާސަތާ ނުބެހޭ ޚާލިސް އިސްލާމީ ޖަމާއަތެކޭ އެބަ ބުނެއެވެ. ނުވަތަ މިއީ ސިޔާސަތާ ގުޅުމެއްނެތް ދީނީ ޖަލްސާއެކޭ އެބަބުނެއެވެ. މިގޮތަށް ބުނާ ބުނުމަކީ ސިޔާސީ ޖަމާއަތަކާ ނުވަތަ ޕާޓީއަކާ ގުޅުމެއްނެތް ނުވަތަ އިންތިޚާބީ ހަރަކާތަކާ ގުޅުމެއްނެތް ޖަމާއަތެކޭ ނުވަތަ ޖަލްސާއެކޭ ބުނުމުގެ ގޮތުން ބުނާ ބުނުމެއް ކަމުގައިވާނަމަ އެއީ ރަނގަޅު ބުނުމެކޭ ބުނެވިދާނެއެވެ. ނަމަވެސް ކަނޑައެޅިގެން މުޠުލަގަށް ސިޔާސަތަށްއިންކާރު ކުރުމާއި އެއާގުޅުވައިގެން އިސްލާމްކަމަށް އިޤްރާރުވުމަކީ ރަނގަޅު ބުނުމެއްނޫނެވެ. ބައެއްމީހުންގެ ދޫމައްޗަށް މިބާވަތުގެ ޖުމްލަތައް އަންނަނީ ހުޅަނގުގެ ނުފޫޒުގައި ދީނާއި ސިޔާސަތު ވަކިކުރުން އެފަދަ މީހުންގެ ނަފްސިއްޔާތާއެކުވެ ކަށީގައިހިފުމުގެ ސަބަބުންނެވެ. "

އިސްލާމްދީނުގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި އަންނަނިވި މާތް އާޔަތް ފުދެއެވެ.

"އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި މުސްލިމުންނަށް އޮތް ހިދާޔަތެއްކަމުގައްޔާއި ރަހްމަތެއްކަމުގައްޔާއި އުފާވެރި ޚަބަރެއްކަމުގައެވެ." (އައްނަހްލު: 89)

ޤުރްއާނީ އުސްލޫބަކީ އިންސާނީ އުސްލޫބާ ތަފާތު އުސްލޫބެކެވެ. މިއާޔަތުގެ މަފުހޫމަކީ އިންސާނީ ހަޔާތުގެ ކޮންމެ މަރްހަލާއަކަށާއި، ކޮންމެ ދިމާޔަކަށާއި ކޮންމެ ދާއިރާއަކަށް ވެސް އެފޮތުގައި އުސޫލީ މަގުދެއްކެވުމެއް ވާކަން ބަޔާންކުރެއްވުމެވެ. ސިޔާސަތުކަމުގައި ވިޔަސް އިޤްތިސާދު ކަމުގައި ވިޔަސް ހަނގުރާމަޔާއި ސުލްޙަޔާގުޅޭ ކަންކަން ކަމުގައިވިޔަސްވެހެވެ. އާދެ، އިންސާނީޙަޔާތުގެ އެއްވެސް ދާއިރާއެއް އެއްވެސް ދިމާއެއް އެފޮތުގެ މަގުދެއްކެވުމުގެ ދާއިރާއިން ބޭރުވެފައެއް ނުވެއެވެ.

އިސްލާމްދީނަކީ ވަރަށް ޖާމިޢުދީނެކެވެ. ޖާމިޢުދީނެއް ކަމުގައިވުމުގެ އެއް މަޠުލަބަކީ އެދީނަކީ ޢިބާދަތާއި ރިޔާސަތުގެ އެކުވެންޏެއް ކަމުގައިވުމެވެ. ދީނާއި ދައުލަތުގެ އެކައެއްކަމުގައިވުމެވެ. ޝައްކެއްނެތެވެ. އެދީނުގެ އަސާސީ މަޤްޞަދަކީ މާތްﷲގެ ރަސްކަންފުޅަށް މީސްތަކުންގެ ކިބައިގައި ހިތުލޯބި އުފެދުމާއި އެކަލާނގެ ރަސްކަންފުޅާ ގުޅުން ބަދަހިކުރުވުމެވެ. ދީނުގެ އަސްލު އަމާޒަކީ އެއީ އެވެ. ނަމަވެސް މާތްﷲގެ ރަސްކަންފުޅާ ގުޅުން ގާއިމުކުރުމާއެކު އެކަލާނގެ އަދުލުވެރި ޤާނޫނުތައް ހިންގަން މަސައްކަތް ކުރާން ޖެހެއެވެ. އެކަމަށްޓަކައި އިޚްތިޔާރާއި ބާރު ބޭނުންވެއެވެ. އެކަމަށްޓަކއި ގަދައަޅައި މަސައްކަތްކުރުމަކީ ވެސް ދީން އެދޭ ކަމެކެވެ. ސަރުކާރުގެ ބާރާ ނުލައެއް ބިންމަތީން ފަސާދަ ނައްތައެއްނުލެވޭނެއެވެ. މާތްﷲ ގެ އަޅުތަކުންގެ މެދުގައި އަދުލުއިންސާފާއި އަމަންއަމާންކަން ގާއިމު ކުރުމުގެ އެކަށޭނަ ކަމެއް ނޯންނާނެއެވެ. ބައެއްމީހުން ހީކުރާ ގޮތުގައި ވެރިކަމަކީ ދެއަތްއުރާލައިގެންތިއްބައި މާތްﷲ ދެއްވާ އިނާމެކެވެ. ކީރިތި ޤުރްއާނުގައި ވަނީ ހެޔޮއަމަލުތަކުގެ ބަދަލުގައި އިއްޒަތާއި ވެރިކަން ދެއްވުމުގެ އުފާވެރި ޚަބަރުދެއްވައިފައެވެ. އެގޮތުން ބަލާއިރު ވެރިކަމަކީ އީމާންކަމުގެ އަހްލުވެރީންނަށް ބަޝާރަތު ލިބިފައިވާ ކަމެކެވެ. މާތްﷲގެ ވައުދުފުޅެކެވެ. މާތްﷲގެ ވައުދުފުޅެއްގެ ޙައިޘިއްޔަތު ލިބިފައިވާ ކަމަކަށް އެކަން އަދައިގެން މަސައްކަތެއް ކުރާކަށެއް ނުޖެހެއެވެ. މި ތަޞައްވުރު އެންމެ ބޮޑަށް އާއްމުވެފައިވަނީ ވެސް ދީނީ މީހުންގެ ތެރޭގައެވެ. ނަމަވެސް މިއީވެސް ކުށްހީއެއްގެ މައްޗަށް ބިނާވެފައިވާ ތަސައްވުރެކެވެ. މިދުނިޔެއަކީ އާލަމުލް އަސްބާބެވެ. މާތްﷲ ގެ ވައުދުފުޅުތައް ވެސް މިދުނިޔޭގައި ޙަޤީޤަތަކަށް ވެގެން އަންނަނީ އަސްބާބުތަކުގެ ތެރެއިންނެވެ. އަރަހުށި މާތްﷲ މުސްލިމުންނަށް ކަމެއް ދެއްވަން ވައުދު ކުރެއްވުމުން އޭގެ މާނަޔަކީ އަސްބާބުތަކުގައި ނުހިފައި ތަދުބީރުކުރުމެއްނެތި މަސައްކަތެއްނުކޮށް ތިއްބައި އެކަމެއް ދެއްވުމެއްނޫނެވެ. ޝައްކެއްނެތެވެ. އެފަދަ ދެއްވުން ތަކަށްވެސް އެކަލާނގެ ކުޅަދުންވަންތައެވެ. ނަމަވެސް އެއީ މާތްﷲ ކަންހިންގަވާ ސުންނަތާ ޚިލާފުކަމެކެވެ. މިސާލެއްގެ ގޮތުން ބަލައިލަމާ ހިންގަވާށެވެ. އަރަހުށިމާތްﷲ ވަނީ އެކަލާނގެ ޚަލްޤުތަކުންނަށް ރިޒުގުދެއްވަން ވައުދު ކުރައްވައިފައެވެ.
"ބިމުގައި އުޅޭ ދިރޭ އެއްޗެހިގެ ތެރެއިން އެ އެއްޗަކަށް ﷲ ރިޒުގުނުދެއްވާ އެއްޗެއް ނުވެއެވެ." ( ހޫދު :06 ) .

ނަމަވެސް ރިޒުގު ލިބުމާ ގުޅުއްވައިފައިވަނީ އެކަން އަދައިގެން ކުރާ މަސައްކަތާއެވެ. ޙަލާލު ރިޒުގުހޯދަންވެސް އެކަމުގެ ވަސީލަތުގައި ހިފުމާއެކު ތަދުބީރުކުރުމަށްވަނީ އަންގަވައިފައެވެ.

"ނަމާދުކޮށް އަވަދިވެއްޖެ ހިނދު ފަހެ ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ؛ ހަޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން ﷲގެ ފަޟުލަވަންތަކަމުން ދެއްވުމަށް އެދޭށެވެ.(އަލް ޖުމްޢާ:16)

މުސްލިމުންގެ މިޒަމާނުގެ ތާރީޚަށް ނަޒަރު ހިންގާއިރު ފިގުހުވެރީންނާއި މުޙައްދިޘުންނާއި، މުފައްސިރުންނާއި، ޙަދީޘް ޝަރަހަކުރައްވާ ބޭކަލުންނަކީ ތަދުމަދުބައެއްނޫނެވެ! ނަމަވެސް އިސްލާމީ ޢިލްމުތަކުގެ ދާއިރާއަށް ވެދެވަޑައިގެންފައިވާ ފުންކަމާއި ފުޅާކަމާއި ނަބަވީ ސީރަތާއި އިސްލާމީ ތާރީޚުގެ ދާއިރާގައި ލިބިވަޑައިގެންފައިވާ ދިގުއަތްޕުޅަށްބަލާއިރު ޝާހުވަލިއްޔު ﷲ މުޙައްދިޘް ދަހްލަވީއަށްފަހު ހިންދުސްތާނުން އެބޭބޭކަލުންގެ ނަންފުޅު ފާހަގަ ކުރެވޭ ޝަޚްސިއްޔަތްތަކުގެ ތެރެއިން އެންމެ ޚާއްޞަ އެއްބޭކަލަކީ މައުލާނާ ސައްޔިދު ސުލައިމާން ނަދުވީ (ރަޙިމަހުﷲ) އެވެ. އައްލާމާ ނަދުވީ މި މައިގަނޑު ނަމުގައި ލިޔުއްވައިފައިވެއެވެ.
"އިސްލާމްދީން އެންމެ ފުރަތަމަ ވެސް ވުޖޫދަށް އައިސްފައިވަނީ ދީނާއި ދުނިޔެއާއި ދުނިޔެއާއި އުޑުގެ ސުވަރުގެ އާއި އުޑުގެ ރަސްކަމާއި ދުނިޔަވީ ޚިލާފަތާ މިދެދާއިރާގެ ދަޢުވަތާއިގެންނެވެ. ކްރިސްޓިއަނިޓީ ފަދައިން ކަލާނގެއާއި ގައިސަރާ ދެފަރާތަށް ދެބައި އެޅުމަކީ އިސްލާމީ ނަޒަރުގައި އޮތްކަމެއްނޫނެވެ. އިސްލާމްދީނުގައި ވަނީ އެންމެ ޒާތުފުޅެއްގެ މަތިވެރި ޝަހެންޝާހިއްޔަތެވެ. އެމަތިވެރި ޒާތުފުޅުގެ ހުކޫމަތުގެ ދާއިރާގައި ގައިސަރެއްވެސް ކިސްރާ އެއްވެސް ނެތެވެ. އަރްޝީންފެށިގެން ބިމުގެ ފައިތަޅާއަށް ވެސް ހިނގާނީ އެކަލާނގެ ހުކުމްފުޅެވެ. އުޑުގައިވާ ވެރިރަސްކަލާނގެ އަކީ ވެސް ބިންމައްޗަށް ހުކުމް ހިންގަވާ މަތިވެރި ރައްބަކީވެސް އެއީއެވެ."

އުޑުގައިވެސް އިލާހަކީ އެކަލާނގެއެވެ. އަދި ބިމުގައިވެސް އިލާހަކީ އެކަލާނގެއެވެ." (އައްޒުޚުރުފު : 84 ،ސީރަތުނަބިއްޔު ޖިލްދު ހަތެއް ސަފުޙާ ހަތެއް )

އިސްލާމްދީނުގައިވާ ދީނީ ތަސައްވުރު ބަޔާންކުރުމުގައި ވަރަށް ގިނަ ފަހަރަށް އެއް އަތަށް ބަރުވެވޭތަން އާދެއެވެ. ބައެއް ފަހަރަށް ސިޔާސީ ދާއިރާއަށް މާބޮޑަށް އަހަންމިއްޔަތު ދެވި އިއުތިގާދާއި އަޅުކަންވެސް ދީނުގެ ސިޔާސީ ދާއިރާއާ ތަބާކުރެވެއެވެ. ބައެއް ފަހަރަށް ދީނުގެ ސިޔާސީ ޝަރަހައިގެ ދާއިރާގައި މާވަރުގަދަޔަށް މަޢުރިކާ ހިންގުމުގެ ސަބަބުން ބައެއް މީހުން ރައްދު އަމަލުގެ ނަފުސިއްޔާތުގެ ޝިކާރަޔަކަށްވެއެވެ، އެފަދަ މީހުން ހުށަހަޅަނީ ޖިހާދުކުރުމެއް އިޙުތިސާބުކުރުމެއް ނެތް އިސްލާމެކެވެ. އިސްލާމީ ދައުލަތެއް ގާއިމު ކުރަން މަސައްކަތް ކުރުމެއް ނެތް އިސްލާމެކެވެ. އެމަސައްކަތް ކުރާ މީހުންނަށް ތާއިދުކުރުމެއް ހިތްވަރު ދިނުމެއްނެތް އިސްލާމެކެވެ. އެކަމުގެ އެދުމެއް ވެސް ހިތުގައި ނުހިނގާ އިސްލާމެކެވެ. މި މައިގަނޑު ނަމުގައި އެންމެ ފުރިހަމަ މެދުމިންކަމާއި ތިލަފަތުގެ ދެކޮޅު އެއްވަރުކަން ފެނިފައިވާ އިލްމުވެރިންކުރެ އަޅުގަނޑުގެ ހަނި މަޠާލއާގައި ލިސްޓްގެ އެންމެ ކުރީގައިވަނީ ޢައްލާމާ ސައްޔިދު ސުލައިމާނު ނަދުވީ ނަންފުޅެވެ.
(ނުނިމޭ)