ހުސެއިން ޝަމީމް

ގާސިމް މަރާލި އަދުހަމުގެ ޝަރީއަތް އަވަސް ކުރުމަށްޓަކައި ޕީޖީން އަދަބު ލުއިކުރުމުގެ އެއްބަސްވުމަކަށް

މަރިޔަމް ޝަހުދާ

މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރެއްގައި، ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލައިގެ ޝަރީއަތް އަވަސް ކުރުމުގެ ގޮތުން، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަދުހަމް މުހައްމަދުގެ އަދަބު ލުއި ކުރުމަށް ޕީޖީއާއެކު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޝަމީމު މިހެން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ދައުލަތުގެ ފަރާތުން އަދުހަމްއާ އެކު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ކަމަށް ޝަމީމު ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ދަށުން ގާސިމްގެ ވާރިސުން އަދުހަމަށް މަރުގެ އަދަބު ދޭން ނޭދޭ ނަމަ އޭނާގެ އަދަބު ލުއި ވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

މި އެއްބަސްވުމުގައި އަދުހަމު ސޮއިކޮށްފި ނަމަ، ގާސިމްގެ ވާރިސުން މަރަށް މަރުހިފަން ނެދޭހާ ހިނދު އޭނާއަށް ކޯޓުން ޖަހާނީ 17 އަހަރާއި ހަ މަހުގެ ހުކުމެއް ކަމަށް ޝަމީމު ވިދާޅުވިއެވެ. އަދި އިއުތިރާފުގެ އެއްބަސްވުމުގައި ސޮއި ނުކޮށްފި ނަމަ ކޯޓުން އޭނާއަށް ކުރާނީ މަރުގެ ހުކުމެއް ކަމަށާއި، އަދުހަމު ކުށަށް އިއުތިރާފު ނުވި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް ޝަމީމު ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ އަދުހަމާ އެކު ހެދޭ އެއްބަސްވުމުގެ ދަށުން، މިއަދުގެ ޝަރީއަތުގައި ގާސިމުގެ މަރުގެ ހާދިސާ ހިނގައިދިޔަ ގޮތް އަދުހަމް ކިޔައިދޭނެ ކަމަށެވެ.

މި ފަދަ އެއްބަސްވުމެއް އެކުލަވާލީ ޝަރީއަތްތަކަށް ދާ ވަގުތާއި ހަރަދު ކުޑަކުރުމަށް ކަމަށް ޝަމީމު ވިދާޅުވިއެވެ. ޝަމީމު ވަނީ ކޮންމެ މައްސަލައަކަށް ބޮޑު ހަރަދެއް ދާއިރު، އެއްބަސްވުމަކާއެކު ޝަރީއަތަށް ދިއުމުން ޝަރީއަތް ދިގުކޮށް ނުހިނގާނެކަން ފާހަގަ ކުރައްވާފައެވެ. އަދި އެއްބަސްވުމަކާއެކު ޝަރީއަތަށް ދާ ހާލަތްތަކުގައި ޝަރީއަތް ކުރިއަށްގެންދާނީ އިއުތިރާފު ކަށަވަރު ކުރުމަށް ކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވި އެވެ.