އަބްދުﷲ ޝާހިދު

ރަސްމީ ދަތުރުފުޅެއްގައި ތިން ވަޒީރަކު އިންޑިއާއަށް ވަޑައިގެންފި

ޝަހީދާ އަބްދުﷲ ސައީދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި، އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިންޑިއާއަށް ފުރާވަޑައިގަތީ މިއަދުއެވެ.

ފޮރިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިނިސްޓަރު ޝާހިދުއާއި މިނިސްޓަރު ފައްޔާޒުއާއި މިނިސްޓަރު އަމީރުގެ މިދަތުރުފުޅުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. މިއީ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އެމަނިކުފާނުގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ތިން ވަޒީރަކު މިއަދު އިންޑިއާއަށް ވަޑައިގެންނެވި އިރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ދާދި އަވަހަށް އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށެވެ.

އަދި ސައޫދީ އަރަބިއްޔާއަށާއި، ޗައިނާއަށް ވެސް ވަޑައިގަތުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ގުޅުން ހީނަރުވެފައިވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އަމަލުތައް ހުރި ގޮތުންނެވެ. ނަމަވެސް މިސަރުކާރުން އެގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.