ޚަބަރު

ރާއްޖޭގައި ކްލައިމެޓް އެމަޖެންސީ އިއުލާން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި

އިބްރާހިމް ޒަކީ

މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ މައްސަލަތަކަކީ އިމެޖެންސީ މައްސަލަތަކެއް ކަމަށް ކަނޑައަޅައި، ރާއްޖޭގައި ކްލައިމެޓް އިމަޖެންސީ އިއުލާން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސް ކުރީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބުމާއި، މި ބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތް ކުރުމަށް އޮތް ހަނި ފުރުސަތު ކުޑަވަމުން ދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެދި، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގައި ހިމަނައިގެންނެވެ.

މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި އެ ގަރާރު ފާސްކުރުމަށް ޖަލްސާގައި ބައިވެރިވި 68 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށް ގިރުމުގެ ސަބަބުން ބޮޑެތި ގަސްތައް މޫދަށް ވެއްޓޭ މައްސަލައާ ގުޅިގެން އުފެދިފައިވާ ރައްޔިތުންގެ ކަންބޮޑުވުމާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށްވެސް މިއަދު ފާސްކުރި ގަރާރުގައި ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި ފޮސިލް ފިއުލް އުފެއްދުމުގެ މަޝްރޫއުތަކަށް ދުނިޔޭގެ ގައުމުތަކުން ކުރާ އިންވެސްޓްމެންޓްތަކާއި ދޭ ސަބްސިޑީތައް ހުއްޓާލައި، އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް އެފައިސާ ހޭދަކުރަން މަގުފަހިކުރުމަށް އެފަަދަ ގައުމުތަކާއި ޖަމިއްޔާ ޖަމިއްޔާ ޖަމާއަތްތަކަށް ގޮވާލައި ރާއްޖެއިން ވަކާލާތު ކުރަން ހިމަނާފައި ވެއެވެ.

މީގެ އިތުރުން ގައުމުތަކުން ޖައްވަށް ބޭރުކުރާ ކާބަން މަދު ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއިން ވަކާލާތު ކުރުމާއި، ގައުމުތަކުން ގްރީން ހައުސް ގޭސް ޖައްވަށް ދޫކުރާ މިންވަރު 2030 ވަނަ އަހަރުގެ ނިޔަލަށް 40 ޕަސެންޓް ދަށްކުރުމުގެ އިތުރުން 2050 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯއަށް ތިރިކުރުމަށް ގައުމުތަކަށް ގޮވާލައި ރާއްޖެއިން ވަކާލާތު ކުރުމަށްވެސް ހިމަނާފައި ވެއެވެ އަދި ޕެރިސް އެގްރިމެންޓްގެ ރޫހާ ހިލާފުވާ މަތީ މިންވަރެއްގައި، ޖައްވަށް ކާބަން ބޭރުކުރާ ގައުމުތައް ފާހަގަކޮށް އިގްތިސާދީ ގޮތުން އެގައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅޭނެ އުސޫލުތަކެއް އދ ގެ ގިއުގަނޑުގެ ދަށުން އެކުލަވާލައި ތަންފީޒު ކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ވަކާލާތު ކުރުމަށްވެސް ހިމަނާފައި ވެއެވެ.