ދެއަހަރު ނުފުރޭ ކުއްޖަކަށް ގއ. ކަނޑުހުޅުދޫގައި ކުއްޖާގެ އާއިލާ ތިންމީހަކު އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އިތުރު ބަޔަކަށް ދައުވާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމު މިހެން ވިދާޅުވެފައިވަނީ ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމު ވިދާޅުވީ އެ ކުއްޖާގެ އާއިލާއިންވެސް ކުއްޖާއަށް އިހުމާލުވެފައިވާ މީހުން ފާހަގަވެފައިވާ ކަމަށެވެ. އަދި އެމީހުން ހައްޔަރު ނުކުރި ނަމަވެސް އެމީހުންނަށް ދައުވާ ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ޝަމީމު ވިދާޅުވިއެވެ.
މި މައްސަލައިގެ ފުރިހަމަ މައުލޫމާތު މިއަދު މެންދުރު ފުލުހުން ޕީޖީއާއި ހިއްސާ ކުރާނެ ކަމަށް ޝަމީމު ވިދާޅުވިއެވެ. އަދި މި މައްސަލައާއި ގުޅިގެން ދައުވާ ކުރާނެ މީހުންގެ ސީދާ އަދަދެއް ވިދާޅުވާން އެނގިވަޑައިގަންނަވާނީ ފުލުހުން މި މައުލޫމާތު ހިއްސާ ކުރުމުން ކަމަށް ޝަމީމު ވިދާޅުވިއެވެ.
މީގެ އިތުރުން މި މައްސަލައާއި ގުޅިގެން މަޝްވަރާ ކުރަން ޖެހޭ ކަންކަމާއި ގުޅިގެން މަޝްވަރާކޮށް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ޝަމީމު ވިދާޅުވިއެވެ.
ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުފުރޭ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެކުއްޖާގެ ބައްޕަ އާއި ކުއްޖާގެ ކާފަގެ އިތުރުން ކުއްޖާގެ މުނި ކާފަ އެވެ. މި ތިން މީހުންވެސް މިހާރު ތިބީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެ މައްސަލައިގައި ހަައްޔަރު ކުރި ކުއްޖާގެ މުނި ކާފަ އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މިހާރުވެސް ޝަރީއަތް ކުރަމުންދާ މީހެކެވެ.