ކޮރޯނާ ވައިރަސް

ކޮރޯނާވައިރަސްގެ ބައްޔަށް ކޮވިޑް 19 ގެ ނަމުން ނަން ދީފި

ކޮރޯނާވައިރަހުން ޖެހޭ ބައްޔަށް ކޮވިޑް19 ގެ ނަން ދީފައިވާ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން (ޑަބްލިޔުއެޗްއޯ) ބުނެފިއެވެ.

ކޮރޯނާވައިރަސް މިހާނަތަށް 10،000 މީހުންނަށް ޖެހިފައިވާ އިރު، އެއްހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޑަބްލިޔުއެޗްއޯގެ ޗީފް ޑރ. ގެބްރެޔާސުސް ވަނީ މިވައިރަސް ނައްތާލުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މި ވައިރަހަށް "ސާސް-ކޮވް-2"ގެ ނަން އިންޓަނޭޝަނަލް ކޮމިޓީ އޮން ޓެކްސްޒޮނޮމީ އޮފް ވައިރަސްއިން ވަނީ މީގެ ކުރިން ދީފައެވެ.

ވައިރަހުން ޖެހޭ ބައްޔަށް ނަމެއް ހޯދުމުގެ މަސައްކަތް ރިސާޗަރުން ކުރާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

"އެއްވެސް ތަނަކަށް ނުވަތަ ގައުމަކަށް، ޖަނަވާރަކަށް ނުވަތަ މީހަކަށް ނޫނީ ބަޔަކަށް ނިސްބަތް ނުވާ ނަމެއް ހޯދަން ބޭނުންވީ. އަދި ބައްޔާ ގުޅޭ އަދި ކިޔަން ފަސޭހަ ނަމެއް ދޭން ބޭނުންވީ" ޑަބްލިޔުއެޗްއޯގެ ޗީފް ވިދާޅުވިއެވެ.

މި ނަން ހަދާފައި މި ވަނީ "ކޮރޯނާ"، "ވައިރަސް" އަދި "ބަލި" ބޭނުން ކޮށްގެން ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ. ބަލި ރިޕޯޓްވެސް ކޮށްފައިވަނީ މިދިޔަ އަހަރު ކަމުން "19" އެނަމަށް އިތުރު ކުރީކަމުގައި އޭނާ ވިދާޅުވިއެވެ.

މިބަލި ޖެހިފައި 42،200 މީހުން ޗައިނާގައި އެކަނިވެސް މިހާރު ތިބިއިރު 2002 އަދި 2003ގައި ފެތުރުނު ސާސް ބަލިން މަރުވި މީހުނަށްވުރެ ކޮރޯނާ ވައިރަހުން މަރުވި މީހުން ވަނީ އިތުރުވެފައި ކަމަށް ޑަބްލިޔުއެޗްއޯގެ ޗީފް ވިދާޅުވިއެވެ.

ނަމަވެސް މިހާރު ވައިރަސް ފެތުރުން ކޮންޓްރޯލް ވެފައިވާ ކަމަށާއި މުޅި ދުނިޔޭގެ ނިސްބަތުން ވައިރަސް ފެތުރުން 20 ޕަސެންޓް ދަށްވެފައިިވާ ކަމަށް ޗީފް ވިދާޅުވިއެވެ.