ކޮލަމް

ސިނާންގެ ކޮލަމް: ދިވެހީންގެ ލޭނާރު މަސްވެރިކަމުން ޓޫރިޒަމަށް ބަދަލުވީ ކީއްވެ؟

ސިނާން އަލީ

1

ދިވެހީންގެ ލޭނާރަކީ ޓޫރިޒަމޭ ބުނުމުން އަޑުއަހަން ފަސޭހައެއް ނޫނެވެ. ދާދި މިދާކަށް ދުވަހާއި ޖެހެންދެން އެ ލޭނާރަކީ މަސްވެރިކަމެވެ. މިއަދު އެހެން ބުނާނެ މީހަކު ނެތެވެ. ލޭނާރު ކަމަށް ބެލެވެނީ ގައުމަށް އެންމެ ގިނަ ފައިސާ ވަންނަ ވިޔަފާރި ނުވަތަ އެ ވިޔަފާރީގެ ދާއިރާ ކަމަށް ގަބޫލު ކުރެވެ އެވެ. މިއަދު އެއީ ޓޫރިޒަމެވެ. އެ ހަގީގަތް ބަދަލެއް ނުކުރެވޭނެ އެވެ. އެކަމަކު އެ ލަގަބު މަސްވެރިކަމުން ޓޫރިޒަމަށް ދިޔަ ގޮތް ވެސް އެއީ ދައްކާން ޖެހޭ ވާހަކައެކެވެ.

ދިވެހީންގެ ލޭނާރުގެ ޝަރަފު މަސްވެރިކަމަށް ގެއްލުނު ފަހުން މާގިނަ އަހަރުތަކެއް ނުވެ އެވެ. މިވީ މަދު އަހަރު ތަކުގެ ތެރޭގައި ލައްކަ ގިނަ ކަންކަން ވެއްޖެ އެވެ. ގިނައީ އިހުމާލެވެ. ސިޔާސަތެއް އޮތަސް، ނެތަސް ސިޔާސަތުވެރީންގެ އަޅައިލުމެއް މަސްވެރިކަމަށް ނެތުމަކީ އެންމެ ބޮޑު އިހުމާލެވެ. ބައެއް ކަންކަމަށް ބަލައިލަމާތޯ އެވެ.

މީގެ އަހަރުތަކެއް ކުރީން ރާއްޖޭގައި ކުރަމުން އައި އެތައް މަސްވެރިކަމެއް އެއްކޮށް އުވި ހިނގައްޖެ އެވެ. އަނެެއްބައި ކަންކަން ވަނީ އުވިގެން ދިޔުމުގެ ފަހު މަރުހަލާގަ އެވެ. އޭގެ ތެރޭން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ދެތިން ކަމެއްގެ ގޮތުގައި، ހުއިފިލަނޑާގެ މަސްވެރިކަމާއި ފާނަ މަސްވެރިކަން އަދި އިހީގެ މަސްވެރިކަން ހިމެނެ އެވެ. މާކުރީގެ ހަނދާންތަކެއް ނޫނެވެ. މީގެ މަދު އަހަރުތަކެއް ކުރީން ވެސް މި ތިން މަސްވެރިކަމަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ފުޅާ ދާއިރާއެއްގައި ކުރަމުން އައި ކަންކަމެވެ. މިއަދު އެކަންކަން ކުރާ ދޯންޏެއް ފެނުން ވެސް ވަނީ ތަފާތު ކަމަކަށެވެ.

ސަބަބަކީ ކޮބާ ހެއްޔެވެ؟ އެކަން ދެނެހުރީ ކާކު ހެއްޔެވެ؟ ސިޔާސަތުވެރީން ނުވަތަ ސަރުކާރުތަކުން މަސްވެރިކަން ކުރާ މީހުންނަށް ހުޅުވައިދިން ފުރުސަތަކީ ކޮބައިހެއްޔެވެ؟ ކަނޑުފަޅު ފީނައިގެން އެމީހުން ކުރި ބުރަ މަސައްކަތަށް ހޯދައިދިން ބާޒާރަކީ ކޮބައިހެއްޔެވެ؟ ޓޫރިޒަމުގެ މުޅި އިންޑަސްޓްރީ ކޮޅަށް ޖަހަން ކުރި މަސައްކަތާ ގާތަށް ވެސް މަސްވެރިކަން ތަރައްގީ ކުރަން ކުރި ކަމެއް އެބަ އޮތްހެއްޔެވެ؟

ނޫނެކެވެ. ކޮށްދިން އެއްކަމެއް ވެސް ނެތެވެ. އެމީހުންނަށް ބާޒާރެއް ލިބުނިއްޔާ ލިބުނީ އެވެ. ނުވާ ބަޔަކު ހުއްޓާލާފައި އެހެން ކަމެއް ކުރަންވީ އެވެ. މަސްވެރިންނާ މެދު ސަރުކާރުގެ ސިޔާސަތަކީ އެއީއޭ ބުނާ ކަހަލަ އެވެ.

ދެން އޮތީ ކަނޑުމަހުގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ މަސްވެރިކަމެވެ. ރާއްޖޭގައި 150 ވަރަކަށް ރިސޯޓު އޮތް އިރު، މަހަށް ފުރާ ދޯނި ފަހަރުގެ އަދަދު އެތައް ހާހަކަށް އަރައެވެ. ހަމަ އެކަނި ކަނޑުމަހާއި ބޮޑު ކަންނެއްޔަށް ދުއްވާ އޮޑިދޯނި ފަހަރަށް އެކަނި ބެއްޔަސް އެ އަދަދު ހާހުން ހާހުން ގުނައިލެވޭނެ އެވެ. ސުވާލަކީ އޮޑިދޯނިފަހަރު، އޭސީ ކޮޓަރިތަކާއި ފުރިހަމަ ސިޓިން ރޫމު ތަކާއި އެކު ދިރިއުޅެވޭނެ މޮޅު ފެންވަރުގެ ގެޔަކަށް ބަދަލުވެ، އޭގެ ސައިޒު ކުދި ކުދި ފަލި ދޯނި ފަހަރު ނުވަތަ ޓޫޓީ އިންޖީނު އެޅި ދޯނި ފަހަރުން، 100 ފޫޓުން މަތީގެ ބޮޑެތި "މަނަވަރު"ތަކަށް ބަދަލުވި އިރު، މި އިންގިލާބީ ބަދަލާ އެކު ފައިހަމަ ކުރަން ސަރުކާރުތަކުން ކުރީ ކޮން ކަމެއްތޯއެވެ؟

މަސްވެރިކަމުގެ މޫސުމެއް އައިސްފި ނަމަ މަސްކޮޅު ކިރޭނެ ފަދައެއް މިއަދުވެސް ނެތެވެ. އައިހެއް ނުލިބެ އެވެ. މަސް ކިރާން ސަރުކާރުގައި ހުރި މަސްބޯޓުފަހަރުގެ ސައިޒު އަމިއްލަ މީހުން މަހަށް ދުއްވާ ދޯނިފަހަރަށް ވުރެ ކުއްޖެވެ. ދެން މިކަން ކުރާނެ ގޮތެއް ވިސްނާވަޑައިގަންނަވާށެވެ!

މަސްވެރިކަމުގެ ކޮންމެވެސް ބޮޑު މާސްޓާ ޕްލޭނެއް ނުހަދާ ދުވަސްވަރެއް އަޅުގަނޑުގެ ހަނދާނަކަށް މިދިޔަ ވިއްސަކަށް އަހަރަށް ބަލާ އިރު ވެސް ނާދެ އެވެ. އެ މާސްޓާޕްލޭނުތަކުން ވާ ފައިދާއެއް ފެންނާނެ ދުވަހެއް ވެސް ނާދެ އެވެ. ބާނާ މަސްކޮޅު ނުކިރިގެން ކަނޑަށް އުކާލަން ނުޖެެހޭ މަސްވެރި މޫސުމެއް ނާދެ އެވެ. ދެން އަންނަ މޫސުމަށް ތައްޔާރުވެ މަސްވެރީން ބާނާ ހުރިހާ މަހެއް ގަނެވޭނެ މިންވަރަށް ތައްޔާރުވާނެ ކަމަށް ނުބުނާ އަހަރެއްވެސް ނާދެ އެވެ. މަސް ގަނެފައި މަސްވެރީންނަށް ދޭން ޖެހޭ ފައިސާކޮޅު ވަގުތުން ދެވޭނެ ގޮތް "ކުރިޔަށް އޮތްތަނުގައި" ހަމަޖައްސާނެ ކަމަށް ސަރުކާރުގެ މަސް ކުންފުނީން ނުބުނާ އަހަރެއް ވެސް ހަމަ ނާދެ އެވެ. އެކަމަކު އެ ބުނާ އަހަރެއް މަސްވެރީންނަކަށް ވެސް ނާދެ އެވެ.

އަޅުގަނޑުގެ ނަޒަރުގައި، މިދިޔަ އަހަރުތަކުގައި، ސަރުކާރުތަކުން ކުރި ކަމަކީ މަސްވެރިކަން ތަރައްގީކުރުމުގެ ނަމުގައި އެ އިންޑަސްޓްރީ އިތުރަށް ނިކަމެތި ކުރީއެވެ. ވާދަވެރި ވިޔަފާރީގެ މާހައުލެއް މިއަދުވެސް މިތަނުގައި ނެތީ ސަރުކާރުތަކުގެ އިހުމާލުންނެވެ. އެނގޭ ކަމަކީ ކަނޑުމަހުގެ މަސްވެރިކަން ވެސް ބޮޑުކަންނެލީގެ މަސްވެރިކަމަށް ވެސް އެ މަސް ގަނެވިއްކޭނެ ވާދަވެރި ބޮޑު މާކެޓެއް ރާއްޖޭގައި އުފައްދަން ސަރުކާރުތަކުން ކުރިކަމެއް ނެތްކަމެވެ.

ރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ދިވެހީންގެ ލޭނާރަށް ބަދަލުވެގެން ދިޔަ އިރު، އެބުނާ ރަން ބިސް ފަޅުވައި، ބޮޑުކޮށް އެޔަށް ފަރުވާދިން ގޮތަށް ދިވެހީންގެ ލޭނާރުގެ ޝަރަފު އޮތް، މަސްވެރިކަމަށް ފާރަވެރި ނުވީ ކީއްވެތޯއެވެ؟ ހުރިހާ ލުޔެއް ޓޫރިޒަމަށް އަދި ހުރިހާ ފުރުސަތުތަކެއް ޓޫރިޒަމަށް އެކަނި ފަހިކޮށްދިނީ ކީއްވެތޯ އެވެ؟

ދުނިޔޭގެ ބޮޑެތި ހޮޓެލް އަދި ރިސޯޓު ޗޭނުތައް ރާއްޖެއަށް ގެނެސް، ޓޫރިޒަމް އިންޑަސްޓްރީ ދިރުވައި ބިޔަކުރަން ބޭރު ގައުމުތަކަށް ގޮސް، ރައްޔިތުންގެ ޓެކްސް ފައިސާއިން މިލިއަނުން ހަރަދުކުރި ގޮތަށް، މަސްވެރިކަމުގެ އިންޑަސްޓްރީ ތަރައްގީކޮށް ސަރަހައްދީ އެންމެ ބޮޑު "މަސް ގަނެ ވިއްކުމުގެ ބާޒާރު" ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ގާއިމުކުރަން މަސައްކަތް ނުކުރީ ކީއްވެތޯއެވެ؟

ދުނިޔޭގެ ބޮޑެތި ބިލިއަނަރުން އައިސް ރާއްޖޭގެ ކަނޑުފަޅުގައި ސްޓޭޝަންތަކާއި މަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރާ ބޮޑެތި ހަބުތައް ހަދަން ފުރުސަތު ދީ އެކަން މާކެޓު ކުރި ނަމަ، ރައީސް ސޯލިހު ދާދި ފަހުން އެ ވިދާޅުވިގޮތަށް، މި ސަރަހައްދުގައި މަހުގެ އަގު ކޮންޓްރޯލުކުރާ ބަޔަކަށް ދިވެހީން ނުވާނެތޯ އެވެ؟ އެހެން އެކަން ކުރި ނަމަ، މިއަދު ދިވެހީން ހަމަ އެކަނި މިފްކޯ އަދި އެންސިސްގައި އާދޭސް ކޮށްލަކޮށްލަ ތިބެން ޖެހޭނެތޯ އެވެ؟ އެއްކޮޅުން ބޮޑު ކަންނެލީގެ މުޅި އިންޑަސްޓްރީ އޮތީ އެންސިސްގެ ކޮންޓްރޯލުގަ އެވެ. އަނެއްކޮޅުން ކަނޑުމަހުގެ ކޮންޓްރޯލު އެއޮތީ އަމިއްލަ ހާލާވެސް ނުވާ، ނޭވާ ހޮޅިޔަށް އެޅިފައި އޮތް މިފްކޯގަ އެވެ.

މިދުވަސްވަރު މީ އަހަރު ތެރޭގައި ރާއްޖެއަށް އަންނަ އެންމެ ރަނގަޅު މަސްވެރިކަމުގެ ދުވަސްވަރެވެ. އެންވެރިކަން ރަނގަޅުވެފައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ކަނޑުމަހުގެ މަސްވެރިކަން ވެސް، ބޮޑުކަންނެލީގެ މަސްވެރިކަންވެސް ރަނގަޅެވެ. އެކަމަކު ކުރާނީ ކީއް ހެއްޔެވެ؟ އެންސިސްގައި ބޮޑު ކަންނެލީގެ އަގު މިހާރު ހުރީ 50 ރުފިޔާއަށް އަދި 40 ރުފިޔާއަށެވެ. މިއީ އެކުންފުނީން ކަންނެލި ގަންނަ އެންމެ ދަށް ރޭޓުގެ ތެރޭގައި ހިމެނޭ އަގެކެވެ. ރަނގަޅު އަދަދަކަށް ކަންނެލި ގަނެ، ވަގުތުން ފައިސާދީ، ޕެކްކޮށް ބޭރު ކުރެވޭނެ ކެޕޭސިޓީ ހުރި ދެވަނަ ކުންފުންޏެއް މިރާއްޖޭގައި އެންސިސް ފިޔަވައި ނުވެސް ނެތީއެވެ. އެއީ ސަރުކާރާ ބެހޭ ކަމެއް ނޫންތާއެވެ!

ޓޫރިޒަމް ފަދަ އިންޑަސްޓްރީއަކަށް ގައުމުގެ މައި އިގުތިސާދު އެއްކޮށް ބަރޯސާވެ އޮތުމަކީ ރާއްޖެއަށް ކިހާ ރިސްކު ބޮޑު ކަމެއްކަން މިވަގުތު މި އޮތީ ފެންނާށެވެ. ދުނިޔޭގެ ކޮންމެ ތަނަކަށް އަންނަ ލޮޅުމަކާ އެކު ދިވެހީން ބަނގުރޫޓުވާ ހިސާބަށް ރިސްކު ބޮޑުވަނީ، އެންމެ އިންޑަސްޓްރީއަކަށް މުޅި ގައުމު ހުސްވެފައި އޮތީމަ އެވެ. އަމުދުން އެ އިންޑަސްޓްރީއަކީ ދިވެހީންގެ އެއްވެސް ކޮންޓްރޯލެއް ނުވެސް ނެތް އިންޑަސްޓްރީއަކަށް ވާތީ އެވެ.

މީ މިކަމާ މެދު އަނެއްކާވެސް ސީރިއަސްކޮށް ވިސްނައި ކަންތައްތަކެއް ނިންމާން ވެއްޖެ ވަގުތެވެ. ކަރުދާހުގައި ސިޔާސަތު ހުރެގެން ފައިދާއެއް ވާނެ ނަމަ، އެކަން އޮތީހީ ރަން ތިރީސް އަހަރުގައްޔާއި އޭގެ ފަހުން އައި އަހަރުތަކުގައި ވެސް ވެފަ އެވެ. ވާން ޖެހޭ ގޮތަކީ ޓޫރިޒަމެކޭ އެއްފަދައިން މަސްވެރިކަމުގެ ބާޒާރުވެސް މިތަނުގައި ހުޅުވައިލާންވީ އެވެ. ބޭރުގެ ކުންފުނިތައް އައިސް މިތަނުގައި އިންވެސްޓުކުރާން ފުރުސަތު ދޭންވީ އެވެ. ޓޫރިޒަމަށް އިންވެސްޓަރުން އަދި މާކެޓް ހޯދަން ފައިސާ އިންވެސްޓްކުރާ ފަދައިން މަސްވެރިކަންވެސް އިޝްތިހާރު ކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ފެންވަރުގެ "މަސް ހަބު"ތައް ހަދަން ފުރުސަތު ދޭންވީ އެވެ. އޭގެ އެތައް ބައިވަރު ހަބުތައް ރާއްޖޭގެ އެތަންމިތަނުގައި ހުންނަން ވީއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ޗޭނު ތަކާއި ޖޮއިންޓް ވެންޗާތައް ހިމެނޭން ވީއެވެ. މަސް ގަތުމުން ވަގުތުން ފައިސާ ދޭނެ އެވެ. ޕެކު ކުރުމާއި އެކްސްޕޯޓު ކުރުމުގެ ކަންކަން ކުރާނީ ވެސް އެތަނުންނެވެ. މަސް ބޭރުކުރުމަށް އެމީހުންގެ އުޅަނދުފަހަރު އެތަންތަނަށް އައިސް މަސް ގެންދާނެ އެވެ. އެ ހަބުތަކުން ގަންނާނީ ހަމައެކަނި ބޮޑުކަންނެއްޔާއި ކަނޑުމަސް އެކަންޏެއް ވެސް ނޫނެވެ. ފަރުމަސްކޮޅު ނުކިރިގެން އުޅޭ މީހުންނާއި ހުއިފި ލަނޑަޔާއި އިހީގެ މަސްވެރިކަން އަދި ފާނައިގެ މަސްވެރިކަން ކުރާ މީހުން އަތުން އެތަކެތި ގަންނަ މީހުން ވެސް މީގެ ތެރޭގައި ހިމެނޭނެ އެވެ. ގޮނޑުދޮށުން ހަންޖެއް ބާނާ މީހާއަށް ވެސް އެންމެ ކައިރީގައި ހުންނަ ފެކްޓަރީ ނުވަތަ ހަބަށް ގޮސް އެ ދެތިން ކިލޯވެސް ކިރައިލެވޭނެ އެވެ. މުޅި ރާއްޖޭގެ އެކި ތަންތަނުގައި މި ހަބުތައް އުފެދުމުން ވާދަވެރި މާކެޓު އުފެދި އަގުތައް އޭގެ ޒާތުގައި އަމިއްލައަށް ބަދަލުވެ، މަސްވެރީންނަށް ފައިދާ ވާން ފަށާނެ އެވެ.

ސަރުކާރުން މިހާރު އެވަނީ މަސްވެރިކަމަށް މި ބުނި ފަދަ ބަދަލުތަކެއް ގެނެވިދާނެ ބިލެއްވެސް ފާސަކޮށްފަ އެވެ. އަދި މަސްވެރީންނަށް ހަމަ އަގު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ވެސް މެއެވެ. އެހެން ނަމަވެސް، އަދި މި ފެންނަނީ މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ވެސް ހަމަ އެކަނި ކަރުދާސް މަސައްކަތްތަކެއް ކުރައްވާ ތަނެވެ. ކުލައެއް ނުޖެހެއެވެ.

ދިވެހީންގެ ހަގީގީ ލޭނާރަކީ މަސްވެރިކަން ނޫން އެހެން އެއްޗެއް ކަމަށް އަޅުގަނޑު މިއަދުވެސް ގަބޫލެއް ނުކުރަމެވެ.