ޚަބަރު

ކައުންސިލް އިންތިހާބުގެ ކެމްޕޭން ގެންދަން ބޭނުންވަނީ މޮޅުވާގޮތަށް: ނަޝީދު

އަލީ ޔާމިން

1

އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ކުރިއަށް ގެންދަން ބޭނުންވަނީ މޮޅުވާ ގޮތަށް ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގެ ފާށަނާ މާލަމުގައި އެމްޑީޕީން ރޭ ބޭއްވި އެޕާޓީގެ 168 ވަނަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބާ ބެހޭ ގޮތުން ދަންނަވަން އޮތްހާވެސް ވާހަކައަކީ އިންތިހާބުން މޮޅުވާ ގޮތަށް ކެމްޕޭންގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ.

"އިންތިހާބު ގެންދަން ބޭނުންވަނީ ވަރަށް ސާފުކޮށް އެންމެ ގޮތަކަށް، އެއީ މޮޅުވާ ގޮތަށް. އަޅުގަނޑު މި އިންތިހާބާއި ބެހޭ ގޮތުން ދަންނަވަން އޮތްހާވެސް ވާހަކައަކީ ބޭނުންވަނީ މި އިންތިހާބުން މޮޅުވާ ގޮތަށް ކެމްޕޭންގެ ކަންކަން ކުރިއަށް ގެންދިޔުމޭ" ނަޝީދު ވިދާޅުވިއެވެ. އަދި އިންތިހާބުން މޮޅުވުމަށް މައިގަނޑު ދެކަމެއް ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތައް ހިންގަމުން އަންނަ ގޮތް ރައްޔިތުންނަށް އެނގެން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި މޮޅުވުމަށް މައިގަނޑު ދެކަމެއް ކުރާން ޖެހޭ. އެހެން އިންތިހާބު ތަކާ ހިލާފަށް މިފަހަރު ޕާޓީއަށް ފެންނަ ގޮތުގައި ކައުންސިލްތައް ހިނގަމުންދާތަން އަދި ހިނގާ ގޮތް ހަމަ މިހާރު މިވަގުތު ރައްޔިތުންނަށް އެބަ ފެންނާން ޖެހޭ. ރައްޔިތުންނަށް އެބަ އެނގެން ޖެހޭ ކޮން ކަމެއް ކުރަންތޯ އަޅުގަނޑުމެން ބަޔަކު މި އިންތިހާބު ކުރަނީ." ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ފާއިތުވި ފަސް އަހަރު ކައުންސިލްތަކަށް ދިމާވެފައި އޮތީ ވަރަށް ދަތިގޮތެއް ކަމަށާއި، ނަމަވެސް ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު ކައުންސިލްތައް ބާރުވެރިކުރެވިގެންދާނެ ކަމަށާއި މާލީ ގޮތުން ތަނަވަސް ވެގެންދާނެ ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން ކައުންސިލްތަކުން މަސައްކަތް ކުރުން ކަމަށާއި، ރައްޔިތުން ގަބޫލު ކުރާ އާންމު އުސޫލެއް ތަންފީޒުވަމުން އަންނަ ތަން ފެނުން ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ކައުންސިލްތަކުގެ ބައްދަލުވުންތައް ހަފުތާއަކު ތިން ދުވަހު ގަވައިދުން ބޭއްވި އެއިން ކޮންމެ ބައްދަލުވުމަކީ އެޖެންޑާއެއް ކުރިއަށް އިއުލާން ކުރެވި އަދި ބައްދަލުވުން އާންމުންނަށް ހުޅުވާލެވި، އަދި ބައްދަލުވުމުގައި ހުށަހެޅޭ ކަންކަން އާންމުންގެ މެދުގައި ބަހުސް ކުރެވި، ތާއީދު ލިބި ވޯޓަށް އެހި ފާސްވާ ގޮތަށް ކަންކަން ތަންފީޒުވަމުން ދިޔުން. އާންމު އުސޫލެއް ހިނގަމުންދާތަން ފެނިގެން ދިއުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނު ތަމްފީޒު ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށާއި، އެގާނޫނު ތަންފީޒުވަމުން އަންނަތަން މިހާރު ރައްޔިތުންނަށް ފެންނަމުން އަންނާނެ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވޭނީ ރައްޔިތުންނާއި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއި އެއްބާރުލުމާއެކުގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.