މާލެ މިހާރު އޮތީ ފަލަސްތީނާއި އެއް ހާލަތެއްގައި ކަމަށް ވިދާޅުވުމުން ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވެ، ހޫނުފެނަށް ވެއްޓުމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް، އަނދުން ހުސައިން މައާފަށް އެދެފިއެވެ.
ރާއްޖެ ޓީވީ ގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަނދުން ހުސައިން ވަނީ މާލޭގެ ހާލަތާއި ފަލަސްތީނުގެ ހާލަތް އެއްގޮތް ކުރައްވައި ވާހަކަ ދައްކަވާފައެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑީއާގައި އެކި ފަރާތްތަކުން އަންނަނީ އޭނާއަށް ފާޑު ކިޔަމުންނެވެ.
މިމައްސަލައިގައި އަނދުން ހުސައިން މާފަށް އެދިވަޑައިގެންފައި ވަނީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓުގައި މާލޭގެ ހާލަތާއި ފަލަސްތީނުގެ ހާލަތު އެއްގޮތް ކުރީ މާލޭގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލަތު ސިފަކޮށްދިނުމަށް ކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ. އަދި އެހެން ވިދާޅުވީ އެއްވެސް ހާލަތެއްގައި ރާއްޖޭގައި ދިރިއުޅެމުން އަންނަ އެހެން ރަށްރަށުގެ ރައްޔިތުން "ކުޑައިމީސް" ކުރުމަށް ނޫން ކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ.
"މާލެ މިހާރު މިއޮތީ ފަލަސްތީނާއި އެއް ހާލަތުގައި ކަމަށް އަޅުގަނޑު ދެންނެވީ މާލޭގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލު ސިފަކޮށްދިނުމަށެވެ. އެއްވެސް ގޮތަކުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން ކުޑައިމީސް ކުރުމަކަށް ނޫން." އަނދުން ހުސެއިންގެ ޓުވީޓުގައި ވިދާޅުވި އެވެ.
އަނދުން ހުސައިން ވަނީ ސީދާ ގޮތުން އަދި ނުސީދާ ގޮތުންވެސް ރާއްޖޭގައި އުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ކުޑައިމީސް ބަހެއް ވިދާޅުވެފައި ނުވާނެކަން ފާހަގަ ކުރައްވާފަ އެވެ. އަދި އޭނާ ރާއްޖެ ޓީވީގެ ޕްރޮގްރާމުގައި ދެއްކެވި ވާހަކަ އޮޅިވަޑައިގަތް ބޭފުޅުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގެ މައްސަލައިގައި، އަނދުން ހުސެއިން ދެއްކެވި އެހެން ބައެއް ވާހަކަތަކާ ގުޅިގެން ވެސް ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވެސް ވަނީ، މި ވާހަކަތަކަށް ނިސްބަތްވާ ގޮތަށް މިއަދު ވާހަކަފުޅު ދައްކަވާފަ އެވެ. އެ ގޮތުން މާލެ އާއި ރަށްރަށާއި ރާއްޖޭގެ އެއް ރަށާއި އަނެއް ރަށުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އެއްވެސް ބޭފުޅަކު ވާހަކަ ނުދެއްކެވުމަށް މަޖިލިސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.