ޓެކްނޮލޮޖީ

ސިންގަލް ކްލިކް: ދެ މޮނީޓަރު ބޭނުން ކުރަނީ ކީއްވެ؟

އާދަމް ނަސީރު

ވަރަށް ގިނަ އޮފީސް ތަކުގައި ދެ މޮނީޓަރު ބޭނުން ކުރާކަން ފާހަގަ ކުރެވޭނެއެވެ. ނުވަތަ އައި.ޓީ މަސައްކަތް ކުރާ ގިނަ ޒުވާނުން ގޭގައި ވެސް ދެ މޮނިޓަރު ނުވަތަ ތިން މޮނިޓަރު ގުޅައިގެން ވެސް މަސައްކަތް ކުރުމަކީ މިހާރު އާންމު ކަމެކެވެ. ސުވާލަކީ މި ގޮތަށް މަސައްކަތް ކުރުމުން ލިބެނީ ކޮން ފައިދާއެއް ހެއްޔެވެ.

1. ވަގުތު ސަލާމަތް ކޮށްދޭ

ދެ މޮނިޓަރ ބޭނުން ކުރުމަކީ ބޭކާރު ކަމެއް ކަމަށް ބައެއް މީހުން ގަބޫލުކުރިޔަސް، ޑިޒައިން ކުރާ މީހުންނާއި، ބޮޑެތި ކުރެހުންތައް މިސާލަކަށް އޮޓޯކެޑް ކަހަލަ ބޮޑެތި ސޮފްޓްވެއަރ ބޭނުން ކުރާ މީހުންނަށް ދެ މޮނިޓަރ ބޭނުން ކުރުމުން ވަރަށް ގިނަ ވަގުތު ސަލާމަތް ކުރެވެއެވެ. އެމީހުންނަކީ އެއްފަހަރާ އެތައް އެޕްލިކޭޝަނެއް ހުޅުވައިގެން މަސައްކަތް ކުރާ މީހުންނެވެ. ހަމަ އެގޮތަށް ވީޑިއޯ ހެދުމުގެ މަސައްކަތް ކުރާ ފަރާތްތަކުންވެސް ދެ މޮނިޓަރ ނުވަތަ ތިން މޮނިޓަރ އަޅުވައިގެން މަސައްކަތް ކުރަނީ ވަގުތު ސަލާމަތް ކުރުމަށާއި މަސައްކަތް ނިމެމުންދާ ވަރަކަށް ނިމިފައި ހުންނަ މަސައްކަތް ފުލް ސްކްރީނުން ބަލައިލުމަށެވެ.
ވަރަށް ގިނަ ކޮމްޕިއުޓަރ ޕުރޮގުރާމަރުންވެސް ދެ މޮނިޓަރ އެއްފަހަރާ ބޭނުން ކުރެއެވެ. ސަބަބަކީ އެއް މޮނިޓަރުގައި ކޯޑްތައް ލިޔަމުން ދާއިރު އަނެއް މޮނިޓަރުން އެ ކޯޑުތައް މަސައްކަތް ކުރާ ގޮތް ބެލުމަށެވެ.

މިހާރަކަށް އައިސް އޮފީސްތަކުގައި އާންމު މަސައްކަތް ކުރާ ފަރާތްތަކުންވެސް ކޮންމެވެސް ވަރަކަށް ދެ މޮނިޓަރ ބޭނުން ކުރާކަން ފާހަގަ ކުރެވެއެވެ. ސަބަބަކީ ކުރަމުން އަންނަ މަސައްކަތް ހުއްޓާ ނުލައި އެހެން އެޕްލިކޭޝަންތައް ބޭނުން ކުރުމެވެ. މިސާލަކަށް އެކްސެލް ޝީޓެއް ހުޅުވައިގެން ހުންނަ މޮނިޓަރ އެ ހުރި ގޮތަށް ބަހައްޓައިގެން ދެވަނަ މޮނިޓަރުން ވައިބަ ނުވަތަ އެހެން ވެސް އެޕްލިކޭޝަނަކުން މީހުންނާ މުއާމަލާތު ކުރުމެވެ.

އެއްޗެއް ބަލައިގެން ޓައިޕް ކުރަން ޖެހޭ ހާލަތްތަކުގައި ވެސް ދެ މޮނިޓަރ ބޭނުން ކުރާނަމަ ވަރަށް ފަސޭހަ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެގޮތުން ކޮޕީ ޕޭސްޓު ނުކުރެވޭ ފޮޓޯއެއްގައި ހުންނަ ލިޔުންކޮޅު ދެވަނަ މޮނިޓަރުން ބަލައިގެން ލިޔެލެވޭ އިރު، އަވަސް ވެފައި ބޮޑުތަނުން ފަސޭހަކަން ވަނީ ފާހަގަ ކުރެވިފައެވެ.

2. އެއް ކޮމްޕިއުޓަރ ދެމީހުންނަށް ބޭނުން ކުރެވޭނެ

ގޭގައި ކޮއްކޮ އާއި އެކު ފިލްމެއް ބަލަން އިނދެގެން ސިޓީއެއް ޓައިޕް ކޮށްލެވުމަކީ ދެމީހުންނަށް އެއްފަހަރާ ކުރެވިދާނެ ކަމެކެވެ. ގޭގައި ކޮއްކޮމެން އާންމްކޮށް ކާޓޫނެއް ބަލަން ތިބޭ އިރު އެއް މޮނިޓަރެއް ބޭނުން ކުރާނަމަ އިތުރު ކަމެއް ނުކުރެވޭނެއެވެ. އެހެން ނަަމަވެސް ދެ މޮނިޓަރ ބޭނުން ކުރާނަަމަ ކޮއްކޮއަށް ކާޓޫނެއް އަޅުވަދީފައި ވެސް އަނެއް މޮނިޓަރުން ބޭނުންވާ މަސައްކަތެއް ކުރެވިދާނެއެވެ.

3. އަޅާ ކިޔުމަށް ފަސޭހަ ކޮށްދޭ

އޮފީހުގައި ވަރަށް ގިނަފަހަރު ކުރަން ޖެހޭ މަސައްކަތަކީ ދެ ލިސްޓެއްގައި ހުންނަ ތަކެތި އަޅާ ކިޔުމެވެ. އެއް ލިސްޓާއި އަނެއް ލިސްޓު އަޅާ ކިޔާ ވަގުތު ތަކުގައި އެއް މޮނިޓަރެއްގައި ދެ ލިސްޓު ހުޅުވައިގެން އުޅޭއިރު އެހާ ފަސޭހައެކޭ ނުބުނެވޭނެއެވެ. އެހެން ނަމަވެސް ދެ މޮނިޓަރުން ދެ ލިސްޓު ހުޅުވައިގެން ވަރަށް ފަސޭހަކަމާ އެކު އަޅާ ކިޔިދާނެއެވެ. ދެ މޮނިޓަރުން ދެ ލިސްޓު ހުޅުވުމުން ލިބޭ ޖާގަ ބޮޑުވުމާއި ދެ ލިސްޓުގައި ހުންނަ ފަރަގު ދެނެގަތުމަށް ފަސޭހަ ކަމަށް ހުރިހާ ހޯދުން ތަކުންވެސް ވަނީ ސާބިތުވެފައެވެ.

އެހެންކަމުން ދެ މޮނިޓަރ ބޭނުން ކޮށްގެން މަސައްކަތް ކުރުމަކީ ނުކުރާ ވަރުގެ ކަމެއް ނޫނެވެ. މަސައްކަތުގެ ސުޕީޑް ލަސްކަމުގެ ޝަކުވާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އޮފީސްތަކުގައި މުވައްޒަފުންގެ މަސައްކަތުގެ ދުވެލި އަވަސް ކުރަން ބޭނުން ނަމަ އަވަހަށް ދެ މޮނިޓަރ ހޯދައިދޭށެވެ. ދެ ހާހެއްހާ ރުފިޔާ ހަރަދު ކޮށްލައިގެން އިތުރު މޮނިޓަރެއް އަޅުވަދީފި ނަމަ މަސައްކަތުގެ ހަލުވިމިނަށް އަންނަ ބަދަލާއި އެކު އެ ދެހާސް ރުފިޔާ ގެ ބަދަލުގައި ބޮޑު ފައިދާއެއް އެ އޮފީހަށް ނުވަތަ ކުންފުނީގެ އަހަރީ ހިސާބަށް އިތުރުވެގެން ދާނެއެވެ.