ލައިފް ސްޓައިލް

ޖެނިޓަލް ވޯޓްސް: ޖިންސީ ގުޅުމުގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެއް

އަލީ ޔާމިން

ޖިންސީ ގުޅުމުގެ ސަބަބުން ޖެހޭ ބަލިތަކަކީ އާންމު ގޮތެއްގައި ވަރަށް ނުރައްކާތެރި ބަލިތަކެކެވެ. އޭގެ ތެރެއިންވެސް އެންމެ ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ސައިންސްވެރިންނާއި ޑޮކްޓަރުން ކަނޑައަޅާފައިވާ ބައްޔަކީ އެކުއަޔާޑް އިމިނިއުނޯ ޑެފިސިއެންސީ ސިންޑްރޮމް (އެއިޑްސް) އެވެ. އެއިޑްސްއަކީ އިންސާނީ ތާރީހު މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ބަލި ކަމުގައިވެސް ސިއްހީ މާހިރުން ސިފަކޮށްފައި ވެއެވެ. އެއިޑްސްގެ އިތުރުންވެސް ޖިންސީ ގުޅުމުގެ ސަބަބުން އެތައް ބައްޔެއް ޖެހެއެވެ. އެގޮތުން ޖެނިޓަލް ވޯޓްއަކީ ފާހަގަކޮށްލެވޭ ބައްޔެކެވެ.

ޖެނިޓަލް ވޯޓްސް އަކީ ހިއުމަން ޕެޕިލޯމާ ވައިރަސްގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. ޑޮކްޓަރުން ބުނާ ގޮތުގައި މި ބަލި ޖެހެނީ ބަލި ޖެހިފައިވާ މީހަކާ ޖިންސީގުޅުން ހިންގުމުންނެވެ. މި ބަލި ޖެހިފައިވާ ނަމަ ބަލީގެ އަލާމާތްތައް ޖިންސީ ގުޅުން ހިންގާތާ ދޭއް ނުވަތަ ތިން ހަފުތާގެ ތެރޭގައި ފެންނަން ފަށާނެއެވެ.

ޖެނިޓަލް ވޯޓްސް ޖެހުމުން ޖިންސީ ގުނަވަނާއި، ހޫނު ތެތްކަން އެކުލެވޭ ހިސާބުތަކުގައި އުންތަކެއްގެ ބައްޓަމަށް ހުންނަ ހަންކޮޅުތަކެއް އުފެދެއެވެ. މި ހަންކޮޅުތަކުގެ ސަތަހަ ހުންނާނީ މަޑު ރަތް ކުލައެއްގައެެވެ. މި ގޮތަށް މިހަންކޮޅުތައް ހުރުމުގެ ސަބަބުން ޖިންސީ ގުނަވަނާއި، އޭގެ ވަށައިގެންވާ ސަރަހައްދުގައި ފަސޭހައިން ފާރު އުފެދުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. ބައެއް ފަހަރު ފުރަގަސްފަރާތުގައިވެސް މިފަދަ އުންތައް ނަގައެވެ. އާންމު ގޮތެއްގައި މިބަލި ޖެހެނީ އަންހެނުންނަށެވެ. އަދި މިބަލި ޖެހުމުން ފަރުޖުގެ (އަންހެނުންގެ ކުރިމަތި ފަރާތުގެ) ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ އެތައް ކަމެއް އެބަހުއްޓެވެ. އެގޮތުން އެންމެ ހާއްސަ އިސްކަމެއް ދޭންވީ ކަމަކީ އިސްލާމީ ހަމަތަކާއި، އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޖިންސީ ގުޅުން ހިންގުމެވެ. އަދި ބަލި ޖެހިފައި ވާނަމަ، ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުން ކުރުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ. މީގެ އިތުރުން އެ ބަލި ޖެހިފައިވާ ނަމަ ރަނގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުމާއި، އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ސިއްހީ މާހިރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ޖެނިޓަލް ވޯޓްސް ޖެހިއްޖެ ނަމަ ޑޮކްޓަރީ ފަރުވާގެ އިތުރުން ގިނައިން ގްރީން ޓީ އަދި ޓީ ޓްރީ އޮއިލް އާއި ލޮނުމެދު ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. އަދި ފެހިކަން ގަދަ ކާނާއާއި ފަތް ގިނައިން ކެއުމަކީ ވެސް މުހިންމު ކަމެއް ކަމުގައި ސިއްހީ މާހިރުން ބުނެއެވެ.