ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އޮޕޮޒިޝަން ލީޑަރަކީ އޭދަފުށީ ދާއިރާގެ މެންބަރު ކަމަށް މަޖިލިސް ރައީސް އިއުލާން ކުރައްވައިފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ އޮޕޮޒިޝަން ލީޑަރަކީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީކޮށް މިއަދު އިއުލާން ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލިސް ރައީސް މިކަން އިއުލާން ކުރެއްވީ، އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހޮވި ވަޑައިގެންނެވި، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު، އިދިކޮޅު ޕީޕީއެމް އާ ގުޅިވަޑައިގަތުން ފާހަގަ ކުރައްވައި، އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެ ވަޑައިގެންނެވިކަން އިއުލާން ކުރައްވަމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނާއި މަޖިލީހުގެ ގަވާއިދުގައި ވާގޮތުން، މައިނޯރިޓި ލީޑަރު ކަނޑައަޅާނީ، މަޖިލީހުގައި އެންމެ ގިނަގޮނޑި އޮތް ޕާޓީ ފިޔަވައި ދެން އެންމެގިނަ ހިމެނޭ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކީ އޮޕޮޒިޝަން ލީޑަރުގެ ގޮތުގައި ކަމަށެވެ.

ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ޕީޕީއެމް އާ ގުޅިވަޑައިގަތުމުން މަޖިލީހުގެ ކޮންޕޮޒިޝަނަށް އައި ބަދަލާއެކު ދެވަނަަޔަށް އެންމެ ގިނަ ގޮނޑި ކޮންޓްރޯލު ކުރަނީ ޕީޕީއެމުން ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ބަދަލާއެކު، މަޖިލީހުގެ ދަފުތަރުގައި މެންބަރުން ހިމެނިވަޑައިގަންނަވަނީ، އެމްޑީޕީގެ 65 މެންބަރުންނާއި ޕީޕީއެމްގެ 6 މެންބަރުންނާއި ޖުމުހޫރީ ޕާޓީގެ 5 މެންބަރުންނާއި ޕީއެންސީގެ 3 މެންބަރުންނާއި އެމްޑީއޭއަށް 2 އަދި ވަކި ޕާޓީއަކާ ގުޅިވަޑައިނުގެން އިންތިހާބު ކާމިޔާބު ކުރެއްވި 6 މެންބަރުން ކަމަށެވެ.

މިކަން އިއުލާނު ކުރެއްވުމަށްހު އެކަމާމެދު ވާހަކަ ދެއްކެވުމަށް ކޮންމެ ސިޔާސީ ޕާޓީއަކުން މެންބަރަކަށް ފުރުސަތު ދެއްވުމަށްފަހު އެމެންބަރުން ވާހަކަ ދައްކަވައި ނިންމެވުމުން މަޖިލިސް ރައީސް ވިދާޅުވީ، އޮޕޮޒިޝަން ލީޑަރެއް ލިބިވަޑައިގަތުމާ ގުޅިގެން، ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމަށް އެ ލީޑަރުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.

ގާނޫނު ބުނާ ގޮތުން ކޮންމެ އަހަރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައި ދެއްވުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަށް މަޖިލީހުގެ އިދިކޮޅު ލީޑަރު ލިޔުމުން ޖަވާބު ފޮނުއްވަން ޖެހިވަޑައިގަންނަވައެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށާއި ނަމަވެސް، ޖަވާބު ފުރިހަމަ ކޮށްދެއްވަން ޖެހިވަޑަައިގަންނަވާނީ އޮޕޮޒިޝަން ލީޑަރު ކަމަށެވެ.

އެހެންކަމުން މިމަހުގެ ތިންވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނު އަސާސީގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނަށް، ގަވާއިދުގައި ބުނެފައިވާ 14 ދުވަހުގެ ތެރޭގައި ޖަވާބު ތައްޔާރު ކޮށްދެއްވުމަށް އޮޕޮޒިޝަން ލީޑަރުގެ އަރިހުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ޕީޕީއެމްއާ ގުޅިވަޑަގެންކަން އިއުލާން ކުރައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެ މެންބަރު، ރައްޔިތުންގެ މަޖިލީހަށް އަމިއްލަފުޅަށް އިންތިހާބުވެ ވަޑައިގެންނެވީ، ދާއިރާގެ ރައްޔިތުންގެ ގާތުގައި، ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރެއް ނޫންކަމަށް ވިދާޅުވެ ކަމަށެވެ.

ނަމަވެސް ހޮވި ވަޑައިގެންނެވި ދާއިރާގެ ރައްޔިތުންގެ ރުހުމެއް، އެ ރައްޔިތުންގެ އެދުމެއް، އަދި ހިތުގައި އޮތް ގޮތެއް އޮޅުން ނުފިއްލަވައި، މަޖިލީހުގެ ގަވާއިދުގެ ދަށުން ޕީޕީއެމްއާ ގުޅިވަޑައިގަތުމުގެ ސިޓީ އެމަނިކުފާނަށް ފޮނުއްވާފައިވާ ކަމަށެވެ. އަދި މެންބަރަކު އެދިވަޑައިގެންފި ނަމަ އެކަން ކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވާ ކަމަަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ޕީޕީއެމްއާ ގުޅިވަޑައިގެންނެވުމުން، މަޖިލީހުގެ މާލިއްޔަތު، ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި އޭނާ ހިމެނިވަޑައިގެންނެވި މަގާމު ގެއްލިފައިވާ ކަމަށެވެ.

އެ ދެޕާޓިގައި ވެސް އެ މެންބަރު ހިމެނިވަޑައިގެންނެވީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އޭނާގެ ބަދަލުގައި އެ ދެކޮމިޓީއަށް އަމިއްލަ މެންބަރަކު އައްޔަން ކުރައްވާނެ ކަމަށެެވެ.