ސްޕެނިޝް ލަލީގާ

ފަހަތުން އަރައި އޮސަސޫނާ އަތުން ރެއާލް މޮޅުވެއްޖެ

ސްޕެނިޝް ލަލީގާގައި ފަހަތުން އަރައި އޮސަސޫނާ އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި މިރޭ ކުޅުނު މެޗުގައި އޮސަސޫނާ އަތުން ރެއާލް މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އޮސަސޫނާގެ ހޯސޭ އަރްނައިޒްއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އަރްނައިޒް ފޮނުވާލި ފުރަތަމަ ހަމަލާ ރެއާލުގެ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް ދިޔަ އިރު، އޭނާ ފޮނުވާލި ދެވަނަ ހަމަލާގެ ހުރަހަކަށްވީ ރެއާލުގެ ކީޕަރު ތިބައުޓް ކޯޓުވާއެވެ.

މެޗުގެ 14 ވަނަ މިނެޓުގައި އޮސަސޫނާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ރުބެން ގާސިއާ ނަގައިދިން ކޯނަރަކުން އޮސަސޫނާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އުނޭ ގާސިއާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިންގެ މިޑްފީލްޑަރު އިސްކޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ގެރެތު ބޭލް ފޮނުވާލި ހަމަލާއެއް ބްލޮކްވުމާއެކު ލިބުނު ރީބައުންސް ބޯޅައަކުންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އިސްކޯ ފޮނުވާލި ހަމަލާ އަމާޒުވީ އޮސަސޫނާ ގޯލުގެ ތިރީ ކަނަކަށެވެ.

އޭގެ ފަސް މިނެޓު ފަހުން ރެއާލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ކަސެމީރޯ ބޮލުން ޖައްސާލި ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.

މެޗުގައި ރެއާލުން ކާމިޔާބުކުރި ފަހު ދެ ލަނޑު ފެނިގެންދިޔައީ މެޗުގެ ފަހުކޮޅެވެ. މެޗުގެ 84 ވަނަ މިނެޓުގައި ރެއާލުން ޖެހި ލަނޑަކީ ކަރަމް ބެންޒެމާ ދިން ބޯޅައަކުން ލޫކަސް ވަޒްކޭޒް ކާމިޔާބުކޮށްދިން ލަނޑެކެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ އޮސަސޫނާގެ ކީޕަރު ސާޖިއޯ ހެރޭރާގެ އަތުގައި ޖެހިފައެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ރެއާލުން ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ފެޑެރިކޯ ވަލްވާޑޭ ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލޫކާ ޖޮވިޗްއެވެ. އޮސަސޫނާގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖޮވިޗްއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ރެއާލްއެވެ. ކުޅުނު 23 މެޗުން ރެއާލަށް 52 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ބާސެލޯނާއަށް 22 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ގެޓާފޭއަށް 23 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ.