އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 32

އަބްދުﷲ ފާރޫގް ހަސަން

1

(03 ފެބުރުއަރީގެ އަދަދާ ގުޅޭ)

معـنّـى ވިދާޅުވިއެވެ. "އެކަމަކު ތިޔައީ މަދީނާއިން އަންނަ މީހުން ދަތުރުކުރާ ދިމާއެއް ނޫނެވެ. ބަޙުރައިނުން އަންނަމީހުން ދަތުރުކުރާ މަގެވެ. ކަލާއަށް ޙަޤީޤަތުގައިވެސް ލަޝްކަރެއް ފެނިވަޑައިގެންނެވި ކަމުގައިވާނަމަ އީރާނީން މާދުރުން ވަށައިލައިގެން އަޅުގަނޑުމެންގެ ފުރަގަހަށް އައީކަމަށް ވެދާނެއެވެ."

"ނޫނެކެވެ. އެއީ އީރާނީން ކަމަކަށެއް ނުވާނެއެވެ. އެބައިމީހުން އެފަދަ ޙަރަކާތެއްކުރާނަމަ މިހިސާބުގަނޑުގެ ޢަރަބީން އަޅުގަނޑުމެންނަށް ޚަބަރު ދިނީހެވެ. އެއީ އަޅުގަނޑުމެންނަށް އެހީވާން ބަޙުރައިނުން އަންނަ ޤާފިލާއަކަށްވުމަކީ ދުރުކަމެއް ނޫނެވެ."

معـنّـى ގެ އެކުވެރިޔެއް ޚިޔާލު ފާޅުކުރިއެވެ. "ކަލާ ތިޔަ ދެކެވަޑައިގަތް އަސްތަކާއި ޖަމަލުތަކަކީ ކޮންމެވެސް ހުއިހައްޕާ މީހެއްގެ މިލްކަކަށްވެސް ވެދާނެ ނޫންތޯއެވެ؟"

حسّان ޖަވާބު ދެއްވިއެވެ. "ހުއިހައްޕާ މީހުން އެކަލަ ހިޔާވައްސެއް ފެނެއް ވިނައެއްނެތް ފަރުބަދަތަކެއްގެ ތެރެއަކަށް އެބައިމީހުންގެ ސޫފިތަކެއް ނުގެންދާނެއެވެ."

معـنّـى ވިދާޅުވިއެވެ. ’ކޮންމެވެސް ބަދަވީ ޤަބީލާއެއް ސަހަރާއިން ނުކުމެގެން މިދިމާއަށް އަންނަނީ ކަމުގައިވެސް ވެދާނެނޫންތޯއެވެ؟"

حسّان ވިދާޅުވިއެވެ. "އަޅުގަނޑަށް ދެންނެވޭންއޮތީ ވަރަށްގިނަ އަސްތަކަކާއި ޖަމަލުތަކެއް އެފަރުބަދަމަތީން ފައިބައި ޖެހިގެންހުރި ފަރުބަދައިގެ ނިވަލަށް ގެއްލެމުންދަނިކޮށް އަޅުގަނޑު ދުށްވާހަކައެވެ. އެއަސްތަކާއި ޖަމަލުތަކުގައި ސަވާރުން ތިބިތޯ ބަލާނެ ފުރުޞަތެއް އަޅުގަނޑަކަށް ނުލިބުނެވެ. ކޮންމެގޮތެއްގައިވެސް މިއީ އަޅުގަނޑަށް ކުރެވުނު ހީއެއް ނޫނެވެ."

معـنّـى ގެ ދެވަނަ އެކުވެރިޔާ ބުންޏެވެ. "حسّان އެވެ! އަޅުގަނޑަށް ހީވާގޮތުގައި ކަލާއަށް ތިޔަފެނިވަޑައިގަތް ކަމުގައިވާނީ ފުއްލާ އައިނެކެވެ."

حسّان ކުޑަކޮށް ނުޤަބޫލުފުޅު ވެވަޑައިގަތުމާއެކު ޖަވާބު ދެއްވިއެވެ. "ފުއްލާތަކެއް ފެނުމުން އެއީ އަސް ނުވަތަ ޖަމަލު ކަމުގައި ހީކުރުމުގެ ކުށެއް އަހަންނަކަށް ނުކުރެވޭނެއެވެ. އަނެއްކާ ފުއްލާތައް ފެނާއި ވިނަ ހޯދުމަށްޓަކައި އެސޮރުމެންގެ މަޤާމުތަކުން ނުކުންނާނީ ރޭގަނޑުއެވެ. ފަތިސްވުމުގެ ކުރީން ސަހަރާއަށް އެނބުރި ހިނގައިދާނެއެވެ."

معـنّـى އޭނާގެ އެކުވެރީންކުރެ އެކަކާ ދިމާޔަށް ވިދާޅުވިއެވެ. "ކަލޭ އަވަހަށް އެނބުރި ލަޝްކަރުގެ ތެރެއަށް ދާށެވެ. މުޖާހިދުންގާތު ތައްޔާރުވާން ބުނާށެވެ. އަހަރެމެން އުއްމީދު ނުކުރާކަހަލަ ޙާލަތަކާ ކުރިމަތިލާން ޖެހުމަކީވެސް ދުރުކަމެއް ނޫނެވެ."

معـنّـى ގެ އެކުވެރީންކުރެ އެކަކު އަސް އަނބުރައިލައިފައި އޭނާގެ އަހުގައި ހަންމުށި އަޅައިފިއެވެ. معـنّـى އާއި އޭނާގެ ދެވަނަ އެކުވެރިޔާ އަސްމަތިން ފައިބައިވަޑައިގެންފިއެވެ. ކުޑައިރުކޮޅެއްގެ ފަހުން ވާދީގެ އެންމެ ކައިރިޔަށްހުރި ފަރުބަދަމަތީން ސަވާރުންގެ އެއްބަޔަކަށްފަހު އަނެއްބަޔަކު ފެންނާން ފަށައިފިއެވެ. حسّان އަތްޕުޅުން އިޝާރާތް ކުރައްވަމުން ބާރު އަޑުފުޅުން ވިދާޅުވިއެވެ. "އެބޭކަލުން ވަޑައިގެންފިއެވެ. އެބޭކަލުން ވަޑައިގެންފިއެވެ."

ދުރުން އަންނަ ސަވާރުން އިރުކޮޅަކު ފަރުބަދަމަތީ މަޑުކޮށްލުމަށްފަހު މަޑުމަޑުން ފަރުބަދަމަތީން ފައިބާން ފަށައިފިއެވެ. ތިރިއަށް ފައިބާ މީހުންގެ ބަދަލުގައި އާ އަސްވާރުންނާއި ޖަމަލު ސަވާރުން ފަރުބަދަމަތީން ފެންނަމުންދެއެވެ.

އިރުކޮޅަކު ހިމޭނުން ތިބުމަށްފަހު معـنّـى ގެ އެކުވެރިޔާ ބުންޏެވެ. އަޅުގަނޑުމެން އަވަހަށް އެނބުރި ދާންވީއެވެ. މިއީ އީރާނީންކަމުގައި ވުންވެސް އެކަށީގެންވެއެވެ. حسّان އެވެ. ކަލާ އަޅުގަނޑުގެ އަހުގެ ފަހަތުގައި އިށީނދެވަޑައިގަންނަވާށެވެ. އަވަސް ކުރައްވާށެވެ."

حسّان އެނބުރި ބައްލަވައިލެއްވުމަކާނުލައި ޖަވާބު ދެއްވިއެވެ. "އަޚާއެވެ. އެއީ އީރާނީން ކަމަކަށެއް ނުވާނެއެވެ. އީރާނީން ކަމުގައިވީނަމަ އަވީގެ ތެރޭގައި އެބައިމީހުންގެ ދަހަނާތަކާއި އައްޑަނަތައް ވިދާތަން ފެނުނީހެވެ. ކުއްލިޔަކަށް ޙަމަލަދޭން ޤަޞްދުކުރާ ލަޝްކަރެއް ރޯމާދުވާލު އުސްފަރުބަދަތަކެއްގެ މައްޗަކުން ދުޝްމިނުންގެ ކުރިމައްޗަކަށް ނާންނާނެއެވެ. އެބައިމީހުން ސީދާ މިއަންނަނީ މިދިމާޔަށެވެ. އެބައިމީހުންނަށް މިހިސާބަށް އާދެވޭއިރު ފެންނާނީ އަހަރެމެންގެ ލަޝްކަރަށް އެކަންޏެއް ނޫންކަމާއި ދުރުދުރުގެ އަވަށްއަވަށުގެ މީހުންނަށްވެސް ފެންނާނެކަން އެބައިމީހުންނަށް އެނގޭނެއެވެ."

معـنّـى ގެ އެކުވެރިޔާ ބުންޏެވެ. "އެބައިމީހުންގެ ޢަދަދު އަޅުގަނޑުމެންނަށްވުރެ އެތައް ގުނައެއް އިތުރުކަމުގައިވާނަމަ ތިޔަކަމަށް އަންނާނީ ކޮންތަފާތެއްތޯއެވެ؟"

حسّان ވިދާޅުވިއެވެ. "އެބައިމީހުންގެ ޢަދަދު ދެހާހަށްވުރެ ގިނައެއް ނުވާނެއެވެ. ސަވާރުންގެ އެންމެފަހު ޖަމާޢަތް ފަރުބަދަމަތީން އެތިބަ ފައިބަނީއެވެ. އޭގެފަހަތަކުން އަހެއްވެސް ޖަމަލެއްވެސް ނުފެނެއެވެ. ހަނގުރާމަކުރާން އަންނަ ލަޝްކަރެއް އެގޮތަކަށް ޙަރަކާތެއް ނުކުރާނެއެވެ. އަހަރެން އީރާނުގެ ސިފައިންގެ ތެރޭގައި އުޅުނީމެވެ. އެބައިމީހުން ޙަރަކާތްތެރިވާނެގޮތާއި ސަފުތަކުގެ ތަރުތީބު ހުންނާނެގޮތް އަހަންނަށް އެނގެއެވެ."

معـنّـى އިރުކޮޅެއްވާންދެން ހައްދަވާނެ ނުހައްދަވާނެ ގޮތަކާމެދު ފިކުރުފުޅު ކުރައްވާން ހުންނެވިއެވެ. ސަވާރުންގެ ފުރަތަމަ ޖަމާޢަތް ވާދީގެ މެދަކާ ހަމަޔަށް އައުމުން حسّان ބާރުއަޑުފުޅުން ވިދާޅުވިއެވެ. "އެއީ ޢަރަބީންކަން ކަށަވަރެވެ. އެބައިމީހުންގެ ހެދުމަށް ވިސްނައިވަޑައިގެން ބައްލަވާށެވެ. އީރާނީ ލަޝްކަރުތަކާ އެކުގައި ހުންނަ ހަތިޔާރުތަކާއި އެހެނިހެން ސާމާނުތަކެއް އެބައިމީހުންގެ އަތަކު ނެތެވެ."

معـنّـى ކުއްލިޔަކަށް އޭނާގެ އަސްކޮޅުމައްޗަށް ފުންމައިވަޑައިގަތުމަށްފަހު އޭނާގެ އެކުވެރިޔާގާތު ވިދާޅުވިއެވެ. "ކަލޭގެ އަސް حسّان އަށް އަރުވާށެވެ. އަހަރެމެން ދެމީހުން ތަންކޮޅަކަށް އެލަޝްކަރާ ކައިރިޔަށް ގޮސްލާނަމެވެ."

حسّان ދުވެވަޑައިގެންފައި ވަޑައިގެން އޭނާގެ އަތުން އަހުގެ ލަގަން އަތުލައްވައިފިއެވެ. އޭނާ އަސްމައްޗަށް ސަވާރުވެވަޑައިގެން معـنّـى ގެ ފަހަތްޕުޅުން އަސް ދުއްވައިލައްވައިފިއެވެ. ފަރުބަދަމަތީން ފައިބައިވަޑައިގެން ވާދީގެ ތެރެއިން ތަންކޮޅަކަށް ވަޑައިގަތުމަށްފަހު އެދިމާޔަށް އަންނަ ޤާފިލާއާ ބައިމޭލެއްހައި ދުރަށް އެބޭފުޅުން އަސް މަޑުކުރައްވައިފިއެވެ. معـنّـى حسّان އާ ދިމާޔަށް ވިދާޅުވިއެވެ. "އެންމެކުރީގައި އެއިންނެވި އަސްވާރަކީ ބޭބޭފުޅު ފިޔަވައި އެހެންމީހަކަށް ނުވާނެއެވެ. ނަމަވެސް މިލަޝްކަރުގެ ޢަދަދު ދޮޅުހާހަށްވުރެ ގިނަވާނެހެނެއް ހީއެއްނުވެއެވެ."

حسّان ޖަވާބު ދެއްވިއެވެ. "އަޅުގަނޑަށް ޔަޤީނެވެ. ކަލޭގެފާނުގެ ބޭބޭފުޅު އެލަޝްކަރަކަށް މަގުދައްކަވާ މަތިވެރި ލަޝްކަރުގެ ބޮޑުބައި އަދި އަޅުގަނޑުމެންނަށް ފެންނަ ހިސާބަށް ނާންނަނީއެވެ."

معـنّـى ޖަވާބުދެއްވިއެވެ. "ބޭބޭފުޅު މަދީނާއިން ބޮޑު ލަޝްކަރަކާއެކު ވަޑައިގެންނެވިނަމަ ތަންކޮޅެއްކުރީން އަޅުގަނޑުމެންނަށް ޚަބަރު ލިބިއްޖައީހެވެ."

حسّان އިރުކޮޅަކު ހިމޭނުން ހުންނެވިއެވެ. އެހެން ހުންނަވައިފައި ވިދާޅުވިއެވެ. "އަޅުގަނޑަށް ހީވާގޮތުގައި ކަލޭގެފާނުގެ ބޭބޭފުޅަށް އަޅުގަނޑުމެން ފާހަގަކުރެއްވިއްޖެއެވެ. އެކަލޭގެފާނު އެވަޑައިގަންނަވަނީ ސީދާ މިދިމާޔަށެވެ."

معـنّـى އިތުރު އެއްޗެކޭ ވިދާޅުނުވެ އޭނާގެ އަސްކޮޅުގައި ހަންމުށި އަޅުއްވައިފިއެވެ. އިރުކޮޅެއްގެ ފަހުން އެދެބޭފުޅުން ތިއްބެވީ مثــنّـى بــن حــارثـــة ގެ ކުރިފުޅުމަތީގައެވެ. مثــنّـى ގެ މޫނުފުޅުމަތީގައިވާ ފަތަޙައިގެ ހިނިފުޅުވެޑުވުމުން އެބޭފުޅުންގެ ގުނައި ޢަދަދު ނުކުރެވޭހައި ގިނަ ސުވާލުތަކުގެ ޖަވާބު ލިބިވަޑައިގެންފިއެވެ.

مثــنّـى އެކަލޭގެފާނުގެ ފަހަތްޕުޅުން އަންނަ ލަޝްކަރަށް ބައްލަވައިލެއްވުމަށްފަހު އެބޭފުޅުންނާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "މިބައިމީހުން މިއަންނަނީ ރޭގަނޑު ހަތަރުދަމު ދަތުރުކޮށްފައެވެ. ތިޔަބޭފުޅުން އެނބުރި ވަޑައިގެން މިބައިމީހުންގެ ކެއުމުގެ އިންތިޒާމު ހަމަޖައްސަވާށެވެ. އަޅުގަނޑު އަންނަތަން ބައްލަވާން ތިޔަބޭފުޅުން މުޢަސްކަރާ މިހާ ދުރަށް ވަޑައިގަތުމުގެ ބޭނުމެއް ނެތެވެ."

معـنّـى ސުވާލުކުރެއްވިއެވެ. "އަޅުގަނޑުމެން އިންތިޒާމު ކުރާންވީ ކިތަކަށް މީހުންނަށްތޯއެވެ؟"

مثــنّـى ޖަވާބު ދެއްވިއެވެ. "އަޅުގަނޑާއެކު އައީ އަށާރަސަތޭކަ މީހުންނެވެ."

"ލަޝްކަރުގެ އަނެއްބައި އޮތީ ކިހައިދުރެއްގައިތޯއެވެ؟"

مثــنّـى ޖަވާބު ދެއްވިއެވެ. މަދީނާގެ ލަޝްކަރު އަދިއެއް ނުފުރައެވެ. މިއީ އަޅުގަނޑާއެކު ބަޙުރައިނުން އައިމީހުންނެވެ. ތިޔަބޭފުޅުން ކަންބޮޑުވެވަޑައި ނުގަންނަވާށެވެ. އަޅުގަނޑުގެ އެންމެއިސް މަޤްޞަދަކީ ޢިރާޤުގެ ސަރަޙައްދަށް ވަނުމަށް أميـرالمؤمنـين ގެ އަރިހުން ޤަވާޢިދުން ހުއްދަ ހޯދުމެވެ. އެމަޤްޞަދުގައި ކާމިޔާބު ލިބުމުން އަޅުގަނޑު ޚިޔާރުކުރީ ބަޙުރައިނުގެ މަގެވެ. އަޅުގަނޑާއެކު މިތިބަ މުޖާހިދުންނަކީ ބަޙުރައިނުން އައިމީހުންނެވެ. މީގެތެރެއިން ގިނަމީހުންނަކީ އަޅުގަނޑުމެންގެ ޤަބީލާގެ މީހުންނެވެ. ދެންތިއްބެވި ޤަބީލާތަކުގެ ވެރީންނަށްވެސް ޚަބަރު ފޮނުވައިފީމެވެ. އަޅުގަނޑު އުންމީދުކުރަނީ ދާދިއަވަހަށް ބަޙުރައިނުން މުޖާހިދުންގެ އިތުރު ޤާފިލާތައް އައިސް އަޅުގަނޑުމެންނާ ބައްދަލުކުރާނެ ކަމަށެވެ. އެއަށްފަހު އިރާދަކުރެއްވިއްޔާ خــالــد بــن الـوليـد ގެ ވެރިކަމުގެ ދަށުގައި އަޅުގަނޑުމެން މަދާއިނާ ދިމާޔަށް މިޞްރާބު ޖަހާނީއެވެ. މިހާރު ތިޔަބޭފުޅުންގެ އެކުވެރީންނަށް خــالــد بــن الـوليـد ވަރަށް އަވަހަށް އެބަވަޑައިގަންނަވާކަމުގެ އުފާވެރި ޚަބަރު ދެއްވިދާނެއެވެ.

ޢިރާޤުގެ ސަރަޙައްދަށް ޖަމާވަމުންދިޔަ މުޖާހިދުންގެ ޢަދަދު ދުވަސްކޮޅެއްގެ ތެރޭގައި އަށްހާހަށް އަރައިފިއެވެ. ހަމައެޔާއެކު خــالــد بــن الـوليـد رضـى اللّـه عنـــه ދިހަހާސް މުޖާހިދުން ގޮވައިގެން ޔަމާމާއިން ފުރައިވަޑައިގެންނެވި ޚަބަރުވެސް ލިބިއްޖެއެވެ. އޭގެފަހުން މާގިނަދުވަހެއް ނުވެއެވެ. އެއްދުވަހެއްގެ ހެނދުނު އިރުއެރިވަގުތު مثــنّـى بــن حــارثـــة އާއި އެކަލޭގެފާނުގެ އެކުވެރީން ގެންދެވީ خــالــد بــن الـوليـد ގެ ލަޝްކަރަށް މަރުޙަބާ ވިދާޅުވަމުންނެވެ. ބަޙުރައިނުގެ ކޮންމެ ސިފައިންގެ މީހަކުވެސް އަދި ކޮންމެ އޮފިސަރަކުވެސް ހުރީ خــالــد ގެފާނު ދެކޭހިތުންނާއި އެކަލޭގެފާނާ ވާހަކަދައްކާހިތުން ކެތްތެރިކަން ކުޑަވެފައެވެ. ނަމަވެސް مثــنّـى ގެ ރޭއްވެވުމުގެ މޮޅުކަމާއި އިންތިޒާމުތަކުގެ ވަރުގަދަކަމުން ވަށައިގެންހުރި ފަރުބަދަތައް ޙަރަކާތްތެރިވި ކަމުގައިވިޔަސް އެއިން މީހަކަށް ސަފުންބޭރަށް ނުކުންނާކަށެއް ނުކެރުނީހެވެ. ނަމަވެސް އިންސާނީ ކީރިތި މޫރިތިކަމުގެ އެފުރިހަމަ ނަމޫނާ ސަފުތައް ޗެކްކުރެއްވުމަށްފަހު مثــنّـى އާއި އަދިވެސް ބައެއް އޮފިސަރުންނާއެކު ފޭލިގެކޮޅަށް ވެދެވަޑައިގަތުމުން معـنّـى އެބައިމީހުންނަށް ސަފުތައް ރޫޅާލުމުގެ އަމުރުކުރައްވައިފިއެވެ. އެއާއެކު އުފާވެރިކަމުގެ ނަޢުރާގެ އަޑުހަރުކުރަމުން އެބައިމީހުންގެ އާއެކުވެރީންނާ ކަރާކަރުޖައްސައި ސަލާމްކުރާން ފަށައިފެއެވެ.

حسّان ވެސް ހުންނެވީ އިސްލާމީ ލަޝްކަރުތަކުގެ އެމަތިވެރި ލީޑަރު ކައިރިން ދެކެވަޑައިގަންނަވާ ހިތްޕުޅުންނެވެ. އެކަލޭގެފާނާ ވާހަކަދައްކަވާ ހިތްޕުޅުންނެވެ. خــالــد بــن الـوليـد އާއި مثــنّـى بــن حــارثـــة رضى اللّـه عنـهما ކިސްރާގެ ރަސްކަމުގެ ޗާޓުގައި އާރޮނގުތަކެއް ދަންމަވާން ތިއްބެވި ފޭލިގޭގެ ބޭރުގައި އެތައްއިރަކު އޭނާ ކުރުކާލި ކަނޑުއްވާން ހުންނެވިއެވެ. ކިސްރާގެ ސިފައިންގެ މީހެއްގެ ޙައިޘިއްޔަތުންނާއި ޤައިސަރުގެ ޤައިދީއެއްގެ ގޮތުން އޭނާއަށްވަނީ ފާރިސީންނާއި ރޫމީންގެ ބޮޑެތި ވަރުގަދަ ލަޝްކަރުތައް ފެނިވަޑައިގެންފައެވެ. އެލަޝްކަރުތަކުގެ ކާބޯތަކެތި އުފުލާ މީހުންގެ އަދަދުވެސް މިލަޝްކަރަށްވުރެ މާގިނައެވެ. ކުރީންވެސް އޭނާ ހުންނެވީ خــالــد ގެފާނު މާކަބޮޑު ލަޝްކަރެއް ގެންނަވާނެކަމުގެ އުއްމީދަކު ނޫނެވެ. ނަމަވެސް خــالــد ގެންނެވި ދިހަހާސް ސިފައިންނަކީ އޭނާ ހީފުޅުކުރެއްވި ވަރަށްވުރެ މާމަދު ޢަދަދެކެވެ. ކުއްލިޔަކަށް ކޮންމެވެސް މީހެއް އޭނާގެ ކޮނޑުފުޅުމަތީގައި އަތްބާއްވައިފައި ބުންޏެވެ. "ދެން މާގިނައިރަކު ކަލާއަށް އިންތިޒާރު ކުރައްވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެއެވެ."

حسّان އެނބުރިވަޑައިގެން ބައްލަވައިލެއްވިއިރު އެއީ مثــنّـى ގެ ތިންވަނަ ކޮއްކޯފުޅު مسعود އެވެ. އޭނާ ވަޑައިގަތީ ބަޙުރައިނުން އެންމެފަހުންއައި ފަންސާސް ވޮލަންޓިޔަރުންގެ ޖަމާޢަތުގައި އިހަކަށް ދުވަހުއެވެ. ގުނަވަންތައް ވަރުގަދަ، އިސްކޮޅުފުޅު ދިގު މިރީތި ޒުވާނާގެ އުމުރުފުޅަކީ ވިއްސަކަށް އަހަރެވެ.

حسّان ވިދާޅުވިއެވެ. "خــالــد بــن الـوليـد ޢިރާޤު ފަތަޙަކުރެއްވުމަށްޓަކައި މިލަޝްކަރު ފުދޭނެކަމަށް ދެކެވަޑައިގަންނަވަނީތޯއެވެ؟ ކުޑަވެސް ލަސްކުރެއްވުމަކާނުލައި ޙަމަލަދެއްވާނެކަން ކަލާއަށް ޔަޤީންތޯއެވެ؟"

مسعود ޖަވާބު ދެއްވިއެވެ. "އަޅުގަނޑަށް ޔަޤީނެވެ. خــالــد بــن الـوليـد ދުޝްމިނުންނަށް ތައްޔާރުވާނެ ދަނޑިވަޅެއް ނުދެއްވާނެއެވެ. އޭނާ މިތާނގައި މަޑުކުރެއްވުމުގެ ބަދަލުގައި އަސްމަތީން ފައިބައިވަޑައިނުގެން މިއަދު އިރުއޮއްސުމުގެ ކުރީން އަހަރެމެން ޢިރާޤުގެ މިވެނި ސަރަޙައްދަކަށް ވެރިވާން ބޭނުންފުޅޭ ވިދާޅުވިޔަސް އަޅުގަނޑު ޢަޖައިބެއް ނުވީމުހެވެ."

(ނުނިމޭ)