ޚަބަރު

ވެރިކަމުގައި ރައީސް ޔާމީން ދެއްކެވި ސާބިތު ކަމަށް ސާބަސް ހައްގު: ޖަމީލު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރިމަތިވެ ވަޑައިގެންނެވި ގޮންޖެހުންތަކަށް އެމަނިކުފާނު ދެއްކެވި ސާބިތު ކަމަށް ސާބަސް ހައްގު ކަމަށް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް އެމަނިކުފާނުގެ ރަނިން މޭޓެއްގެ ހައިސިއްޔަތުން އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދެއްވާ ޖަމީލު މަގާމުން ދުރުކުރެއްވިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަމަކީ ބިޔަ ބޮޑު މަސްއޫލިޔަތެއް ކަމަށާއި ފަސޭހަ ވަގުތުތައް މަދުވެފައި ނުތަނަވަސްވެ ހާސްވާ ވަގުތު ގިނަވާނެ ކަމަށެވެ. އެގޮތުން ރައީސް ޔާމިނަކީ އެންމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު އެއް ވެރިޔާ ކަމަށް ވިދާޅުވިއެވެ.

"އެންމެ ގިނަ ގޮންޖެހުންތައް ކުރިމަތިވި އެއް ވެރިޔަކީ ރައީސް ޔާމީން. ބޭރުންނާއި އެންމެން އިދިކޮޅުގައި އެންމެ ފަހުން މުއައްސަސާތައް ވެސް. ދެއްކެވި ސާބިތުކަމަށް ސާބަސް ހައްގު،" ޖަމީލުގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

ދެހާސް ދޭތަރަވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިގެން ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ފުޅާ ކޯލިޝަނެއްގެ ތެރެއިންނެވެ. ނަމަވެސް އެ ކޯލިޝަން ރޫޅި، އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް އިދިކޮޅު ހުރިހާ ފަރާތްތަކުން އެއްކޮޅަކަށް އެރިއެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނިވަޑައިގަތެވެ.

އެކަމުގެ ސަބަބުން ސަރުކާރަށް ކުރިމަތިވި ޕްރެޝަރާއެކު ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންނަށް އެކި ތުހުމަތުތަކުގައި ޖަލަށްލިއެވެ. އަދި އެ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް ނެރުނު އަމުރާއެކު، ރައީސް ޔާމީން ވަނީ ކުއްލި ހާލަތު އިއުލާނުކުރައްވައި، ދެ ފަނޑިޔާރުން ހައްޔަރު ވެސް ކޮށްފައެވެ.

އޭގެ އިތުރުން ރައީސް ޔާމީން އަވަހާރަކޮށްލުމަށް ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަކީ ވެސް ވެރިކަމުގައި އެމަނިކުފާނަށް ދިމާވި ނުރައްކާތެރި ދަނޑިވަޅެކެވެ. އެ ހަމަލާއިން ރައީސް ޔާމީން ސަލާމަތްވެ ވަޑައިގެންނެވިއެވެ.

ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވި ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ، އެންމެ އިތުބާރު ކުރެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހިންގި ބޮޑު ހިޔާނާތާގުޅޭ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.