ޚަބަރު

ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކުގެ ނަން "ހައިކޮމިޝަން"އަށް ބަދަލުކޮށްފި

އަލީ ޔާމިން

ކޮމަންވެލްތުގެ އެހެން ގައުމުތަކުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް، "އެމްބަސީ"ތަކުގެ ބަދަލުގައި ހައިކޮމިޝަންތަކަށް ބަދަލުވުމާއި ގުޅިގެން، އެތަންތަނުގައި ހުރި ނަންބޯޑުތައް ބަދަލުކޮށްފިއެވެ.

ނަން ބޯޑުތައް ބަދަލުކޮށްފައި ވަނީ ދިވެހި ރާއްޖެއިން އަލުން ކޮމަންވެލްތާއި ގުޅުމުންނެވެ.

މިއަދު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބޯޑު ބަދަލުކޮށް، ހައިކޮމިޝަންގެ ބޯޑު ބަހައްޓަވައިދެއްވީ، އެކަމަށްޓަކައި ލަންޑަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ.

މި ރަސްމިއްޔާތުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ ފަރަހަނާޒް ފައިޒަލް އާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ސަބްރާ ނޫރައްދީންގެ އިތުރުން ހައިކޮމިޝަންގެ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

އިނގިރޭސިވިލާތުގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮޝަނާއި، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބޯޑުވެސް ވަނީ މިއަދު ބަދަލުކޮށްފައެވެ.

ނަންބޯޑުތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި އެޤައުމުގައި ހާރިޖިއްޔާގެ އިސް ބޭފުޅުންނާއި، ކޮމަންވެލްތު އެހެން ގައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

ދިވެހިރާއްޖެ، ކޮމަންވެލްތުގެ 54 ވަނަ ގައުމުގެ ގޮތުގައި އެޖަމާއަތާ އަނެއްކާވެސް ގުޅިފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.