އަބްދުﷲ ޝާހިދު

އިންޑިއާ އަދި ޗައިނާއާ އެކުވެސް ގުޅުން ބަދަހިކުރާނަން، ގައުމުގެ މިނިވަންކަމަށް ބުރޫއަރާނެ ޖާގައެއް ނުދޭނަން: ފޮރިން މިނިސްޓަރު

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖެއިން އިންޑިއާ އާއި ޗައިނާ އާއެކު ވެސް ގުޅުން ބަދަހިކުރާނެ ކަމަށާއި، ނަމަވެސް ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާ އަދި ޗައިނާއަކީ ރާއްޖެއާ ވަރަށް ގާތްގުޅުމެއް އުފެދިފައިވާ ދެ ގައުމު ކަމަށެވެ. މިސަރުކާރުންވެސް އެ ދެ ގައުމާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުން އިންޑިއާއާ ގާތްގުޅުމެއް އޮތުމުން، އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ހިނގައިދާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ނުދާނެ ކަމަށާއި، ރާއްޖޭގެ ވެލި ފުކެއް ވެސް އެހެން ގައުމަކަށް ނުދޭނެ ކަމަށެވެ.

އަދި ގައުމުތަކާ ގުޅުން ބަދަހިކުރި ނަމަވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފަދަ އެއްވެސް ކަމަކަށް ރާއްޖެއިން ޖާގަ ނުދޭނެ ކަމަށް ވެސް މިނިސްޓަރު ޝަހިދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް މިހާތަނަށް ދިމާވި އެންމެ ބޮޑެތި ކަންކަމުގައި އެހީތެރިކަން ފޯރުވާފައިވަނީ އިންޑިއާއިން ކަމަށާއި، އިންޑިއާއާ ގުޅުން ކަނޑާލައިގެން ނޫޅެވޭނެ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ދާދި އަވަހަށް އިންޑިއާ އަށާއި، ޗައިނާއަށް، އަދި ސަޢޫދީ އަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.