ލައިފް ސްޓައިލް

ވެސާޗީ ބްރޭންޑް ވިއްކާލަނީ

މަޝްހޫރު ފެޝަން ބްރޭންޑް ވެސާޗީ ދެ ބިލިއަން ޑޮލަރަށް މައިކަލް ކޯރސް ކުންފުނިން ގަންނަން ނިންމައިފިއެވެ.

ވެސާޗީ އަކީ 1978 ގައި ޖިއާނީ ވެސާޗީ ނަމަކަށް ކިޔާ ފެޝަން ޑިޒައިނަރެއް މިލާންގައި އުފެއްދި ބްރޭންޑެކެވެ. މީގެ 21 އަހަރު ކުރިން ޖިއާނީ ވެސާޗީ މަރުވުމާ ގުޅިގެން މި ބްރޭންޑް މިހާތަނަށް ދެމެހެއްޓީ އޭނާގެ އާއިލާއިންނެވެ.

މައިކަލް ކޯރސް އަދި ވެސާޗީ ބްރޭންޑް އިންވެސް އޮފިޝަލް ކޮމެންޓެއް މިކަމާ ގުޅިގެން ނުކުރެއެވެ. ނަމަވެސް ލެދަރ ދަބަހަށް މަޝްހޫރު މައިކަލް ކޯރސް އިން ވަނީ ހައި-އެންޑް ފެޝަން ބްރޭންޑް ގެ ދުނިޔެއަށް ވަނުމުގެ އިޝާރާތެއް ކޮށްފައެވެ.

މައިކަލް ކޯރސް އިން ވަނީ މިދިޔަ އަހަރު ދިވެހިންގެ މެދުގައިވެސް މަޤްބޫލުކަން ހޯދައިފައިވާ ޖިމީ ޗޫ ބްރޭންޑް ވެސް 1.35 ބިލިޔަން ޑޮލަރަށް ގަނެފައެވެ.

ވެސާޗީގެ ހިއްސާގެ 80 އިން ސައްތަ އަކީ ޖިއާނީ ވެސާޗީގެ އާއިލާގެ ހިއްސާއެވެ. އަނެއް 20 އިން ސައްތަ އޮންނަނީ ބްލެކްސްޓޯން ކިޔާ ޕްރައިވެޓް އިކުއިޓީ ކުންފުންޏަކަށެވެ.

ޑޮނަޓަލާ ވެސާޗީ، ޖިއާނީ ވެސާޗީގެ ކޮއްކޯ ވަނީ އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ސްޓާފް މީޓިން އަކަށް ދައުވަތު ދީފައެވެ. އޭނާ އަކީ ކުންފުނީގެ އާރޓިސްޓިކް ޑައިރެކްޓަރވެސް މެވެެ. ރިޕޯޓްތައް ބުނާ ގޮތުގައި ވެސާޗީ ބްރޭޑް މައިކަލް ކޯރސް އިން ގަތުމަށްފަހުގައިވެސް ޖިއާނީ ވެސާޗީގެ އާއިލާގެ ރޯލު އެ ކުންފުނީގައި އޮންނާނެވެ.