Close
ޚަބަރު

ފިލައި ތިބެ އަޑު ބަދަލުކޮށްގެން ވީޑިއޯ ހެދުމަކީ ފިނޑި ކަމެއް: މިނިސްޓަރު މަހުލޫފު

މަރިޔަމް ޝަހުދާ

ފިލައި ތިބެ އަޑު ބަދަލުކޮށްގެން ވީޑިއޯ ހެދުމަކީ ފިނޑި ކަމެއް ކަމަށް މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފު ފޭސްބުކް ޕޯސްޓެއްގައި މިހެން ވިދާޅުވެފައި ވާއިރު، އަންގާރަ ދުވަހު ހުޅުމާލޭގައި ބިދޭސީން ތަކަކަށް ދިން ހަމަލާގެ ޒިންމާ ނަގައި، ރޭގެ ވަގުތެއްގައި ބަޔަކު ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެ ވީޑިއޯއަށް އަޑުވެސް އަޅާފައި ވަނީ ދިވެހި ބަހުންނެވެ. އެ ވީޑިއޯގައި ވާހަކަދައްކާ މީހާގެ މޫނުމަތި ނިވާކޮށްފައި ހުރުމުން އެއީ ކާކުކަމެއް ވީޑިއޯއަކުން ނޭނގެ އެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ހަމަލާ ދިނުމަކީ ފިލައި ތިބެ އަޑު ބަދަލުކޮށްގެން ވީޑިއޯ ހެދުމަށްވުރެ ވެސް ފިނޑި އަމަލެއްގެ ކަމަށެވެ. އަދި އިސްލާމް ދީނަކީ ސުލްހައާއި ހަމަޖެހުމަށް ލޯބި ކުރުމަށް ބާރުއަޅާ ދީނެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު މަހުލޫފު ވަނީ ވިސްނައި، ދަސްކޮށް، އަޑުއެހުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

ހުޅުމާލޭގައި ބިދޭސީ ތިން މީހަކަށް ވަޅިން ހަމަލާދިން މައްސަލައިގައި، މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެމީހުންނާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އާންމެއް ނުކުރެ އެވެ.

އަންގާރަ ދުވަހު ހުޅުމާލޭގައ ދިން މިހަމަލާތަކުގައި އަނިޔާ ލިބުނު މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހުންގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ. އެ މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ ޗައިނާގެ ދެ ފިރިހެނުންނާއި އޮސްޓްރޭލިއާ ފިރިހެނެކެވެ.