ވާހަކަ

ކޮންމެ ހިނދެއް - 21

2

"މުދިންބޭ...." އަޑުގައި ވަނީ މަލާމާތުގެ އަސަރެވެ. މާހިލްއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އޭނާ ލަސްލަހުން ފަހަތަށް އެނބުރުނެވެ.

އޭނާއަށް ހީވި ހީވުން ޔަޤީންވެއްޖެއެވެ. އެއްވެސް އިޚުތިޔާރަކާއިނުލާ މާޒީގެ ދުވަސްތަކެއް އޭނާގެ ލޯމަތީގައި ޕްލޭވާން ފަށައިފިއެވެ. ހިނދުކޮޅަކަށް އެމޫނަށް ނަޒަރެއް ދެވިއްޖެއެވެ. އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ނަޒަރު ވަކިކޮށްލުމަށްފަހު ކާރުގެ ތެރެއަށް ދެމިގަތެވެ. ލައްޕާލަން އުޅުނު ދޮރު އޭނާއަށް ނުޖެހެނީސް ނައިޝީ ހިފަހައްޓައިފިއެވެ. މާހިލް ބަލައިލުމާއެކު ގުދުވެލާފައި މާހިލްއަށް ދިނީ ހިނިތުންވުމެކެވެ. މާހިލް މޫނު އަނބުރާލިތަން ފެނުމާއެކު ނައިޝީގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

"އައްދެ މިއަދު އަހަރެންގެ މި މޫނު ފެނުމުން ގޮތެއް ނުވީތަ؟ ގައިމުން އެދުވަހު ހުރީ އަހަރެންގެ ކޮންމެ ހަރަކާތަކަށް ތި ހިތް ދީގެން. ހަނދާންނެތުނީތަ؟" ނައިޝީ ވާހަކަދެއްކިއެވެ. ހުންގާނުގައި ހިފަހައްޓަލައިގެން ކުރިމައްޗަށް ނަޒަރު ސީދާކޮށްގެން އިން މާހިލްގެ ދެއަތަށް ބާރު ކުރެވެމުން ދިޔައެވެ. ނައިޝީގެ ވާހަތަކުން އޭނާ ހަނދާންކުރަން ބޭނުންނުވާ ދުވަސްތަކެއް މަތިން ހަނދާންވަމުން ދިޔައެވެ.

"ވާހަކަވެސް ނުދައްކާނަންތަ؟ އަހަރެން މިއަށް އަރަންތަ؟ އަހަރެން ބުނާ ތަނަކަށް ގެންގޮސްދޭނަންތަ؟" ނައިޝީ ވާހަކަ ކުރިއަށް ގެންދިޔައެވެ. މާހިލް ހަމަ އިންގޮތަށް ބަހެއްވެސް ނުކިޔާ އިނެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ ކޮން ކަންތައްގަނޑެއް ކަމެއް ނޭނގެއެވެ.

"މުދިންބޭ....!! އަހަރެން އެހެން ކިޔާތީ ތަ ވާހަކަނުދައްކާ ތިއިންނަނީ" މިފަހަރުވެސް ވާހަކަދެއްކީ ނައިޝީއެވެ.

"ތިއީ ކާކު...؟" އެތައް އިރަކު ވާހަކަނުދައްކާ އިނުމަށްފަހު މާހިލް އަހައިލިއެވެ.

މާހިލްގެ ފަރާތުން އެފަދަ ޖަވާބަކަށް އުންމީދުނުކޮށް ހުރި ނައިޝީ ލިބުނު ޚައިރާންކަމުގައި ހަށިގަނޑު ސީދާކޮށްލިއެވެ. ތަންވަޅު ބަލާފައި މާހިލް ކާރު ކުރިއަށް ދުއްވާލީ ހަމަ ކުއްލިއަކަށެވެ. ސިހުނު ވަރުން ނައިޝީއަށް ފަހަތަށް ޖެހުވުނުއިރު އަނގައިން ބާރު ހަޅޭކެއްވެސް ނިކުތެވެ.

ގެއަށް ވަދެގެން ދިޔަ މާހިލް މޫޑު އޮފްވެފައި ހުރުމުގެ ސަބަބުން ސޯފާގައި އޭނާގެ އިންތިޒާރުގައި އިން އާވާއާއި ޝާނިމް ނުފެންނަ ކަހަލައެވެ. މާހިލް ފެނުމާއެކު އޭނާއަށް ބަދަލުތަކެއް އައިސްފައިވާކަން އާވާ ދެނެގަތެވެ. ޝާނިމްއަށް ނަޒަރެއް ދެމުން އާވާ ތެދުވެގެން ސިޑިއާއި ދިމާލަށް ހިނގައިގަތެވެ.

ތަޅުގައި ހިފާ އަނބުރާލަމުން އާވާ ކޮޓަރިއަށް ވަނެވެ. މާހިލް ފެންނާކަށް ނެތެވެ. ނަމަވެސް ބޭލި ޖުއްބާ އެނދުމަތީގައި އޮތެވެ. އާވާ އެނދުމަތިން ޖުއްބާ ނެގުމަށްފަހު އަލަމާރިން ކޮނޑެއް ނަގާ އަޅުވަމުން ދިޔައިރުވެސް ބަލަހައްޓައިގެން ހުރެވުނީ ފާހާނާގެ ދޮރާއި ދިމާލަށެވެ. އޭނާގެ ހަރަކާތްތަކުގައި ލަސްކަމެއް ވިއެވެ. މާހިލްއަށް ވީގޮތެއް ނޭނގޭތީ އޭނާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ.

މާހިލް ފާހާނާއިން ނިކުތީ އާވާ އެގޮތަށް އެނދުގައި އިންނަތާ އެތައް ވަގުތެއް ފާއިތުވި ފަހުންނެވެ. އެނދުގައި އިން އާވާ މާހިލްއަށް ފެނުމާއެކު އޭނާ ހީލައިފިއެވެ. އޭނާގެ މޫނުމަތިން ކަމެއްވެފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

"އެވީ!! ބަހެއްވެސް ނުކިޔާ އިނީމަ ޚައިރާންވެއްޖެ. ކަމެއްވެފަތަ؟" މާހިލް ވާހަކަދެއްކިއެވެ.

"ނުވޭ. އެކަމަކު ހީވަނީ ކޮންމެސް ކަމެއް މާހިލްއަށް ވެއްޖެހެން. އެހެންވެ ޝާނިމްސަރ އާއި ދެމީހުން ކުރިމަތިން އަޅާފައި އައިރު ވެސް ބަލާވެސްނުލީ" އާވާ މާހިލްއާއި ދިމާލަށް ދަމުން ބުނެލިއެވެ.

"ހެހެހެ... ތެދަށް ބުނަންތަ. ގެއަށް ވަންއިރު ވަރަށް މޫޑް ކަޓާފަ ހުރީ. އަނެއްކޮޅުން ފާހާނާއަށް ވެސް ދާންވެފަ ހުރީ. ވަރަށް ބޮޑަށް ސޮރީ" އަލަމާރި ކައިރީގައި ހުރެ ޓީޝާޓް ބޮލަށް މަހާލާފައި މާހިލް އައިސް އާވާ ކުރިމަތީގައި ހުއްޓި އުނަގަނޑުގައި ދެއަތް އަޅުވާލުމަށްފަހު ގާތަށް ދަމައިލިއެވެ.

"ކާންދަމާ. ޝާނިމްސަރ އިންނާނީ ވަރަށް ބަނޑުހައިވެފަ" އާވާ ބުނެލިއެވެ.

"ހިނގާ ދޯ. އަހާބަލަ މޫޑު ކަޓާވަރުގެ ކޮންކަމެއްތޯ ވީ" މާހިލް ބުނެލިއެވެ.

"ކޮންކަމެކޯ ވީ" ދެމަފިރިން އެކީގައި ކޮޓަރިން ނިކުންނަމުން އާވާ އަހައިލިއެވެ.

"މަގުމަތިން ރަންޑިއެއް އަވަލީ. ލަދުހަޔާތްކުޑަ ވިޔަސް އެއީ ބޮޑުވަރު" މާހިލް ބުނެލިއެވެ. އާވާ ކައިރިއަށް އައީ ހިންޏެވެ.

"އެކަހަލަ މީހުންވެސް އުޅޭތަ؟" އާވާ އަހައިލިއެވެ.

ކުއްލިއަކަށް އަނުމްއަށް ހޭލެވުނީ ކަންފަތް ކައިރީގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ބޯހިއްލާލުމަށްފަހު އޭނާ ފޯނު ނަގާފައި ބަލައިލިއެވެ. ނުދަންނަ ނަންބަރަކުން ގުޅާތީ އޭނާ ފޯނަށް ޖަވާބުދޭހިތެއް ނުވިއެވެ. ހަމަ އެސިކުންތުގައި އޭނާ ފުންމައިގެން ތެދުވިއެވެ. ހޭވިފައިވާ އިސްތަށިގަނޑު ދެއަތުން ރަމަތަ ކޮށްލުމަށްފަހު ފޯނު ނަގާފައި ގަޑި ބަލައިލިއެވެ. މެންދަމު އެއްގަޑި ބައިވާން ކައިރިވެއްޖެއެވެ. އެއްޗެއް ނުކައި ހުރުމުގެ ސަބަބުން ބަނޑަށް ހޫނުކަމެއްވެސް އަރައިގެން ދިޔައީ ހަމަ އެ ސިކުންތުގައެވެ. ފާހާނާއަށް ވަދެ މޫނު ދޮވެގެން ނިކުމެ އެންމެ ފުރަތަމަ ކަމަކަށް އިޝާ ނަމާދު ކޮށްލިއެވެ. އެއަށްފަހު ކޮޓަރިން ނިކުންނަމުން އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ހަމަ އެކުލައިގެ ހަރުވާޅެއް ލިއެވެ. އެއީ އޭނާ ނިދުމަށް ބޭނުންކުރާ ހެދުމެކެވެ. އެވަގުތު އޭތި ލައިގެން ބޭރަށް ނިކުންނަން އޭނާ ނިންމީ ގޭތެރޭގައި އެއްވެސް މީހަކު ހޭލާ ނޫޅޭނނެކަމަށް ވިސްނާފައެވެ. ކަޅު ކުލައިގެ ކުޑަ ބުރުގާކޮޅެއް އަޅައިގެން ކޮޓަރިން އޭނާ ނިކުމެ ދެފަރާތް ބަލައިލިއެވެ. ތަނަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. އާރިޔަންގެ ކޮޓަރި ދޮރު ދަށުން ހުދު އައްޔެއް ފާޅުވާން ހުއްޓެވެ. އޭނާ ބަދިގެއާއި ވީ ދިމާލަށް ހިނގައިގަތީ އާރިޔަންގެ ކޮޓަރިއާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައެވެ.

ބަދިގެއާއި ކައިރިވީ ވަރަކަށް އޭނާއަށް އަޑެއް އިވެމުން ދިޔައެވެ. ދޮރު ކައިރީގައި ހުއްޓުމަށްފަހު އޭނާ ސިއްރުން އެތެރެއަށް ބޯދިއްކޮށްލިއެވެ. ތަށި ތަކުގެ މަތި ނަގަން ހުރީ އާރިޔަން ނޫން ދެވަނަ މީހެއް ނޫނެވެ. ކަޅު ކުލައިގެ މީހާއަށް ވުރެ ބޮޑު ޓީޝާޓެއްގެ ދަށުން ލައިގެން ހުރީ ނޭވީބްލޫ ކުލައިގެ ކަކުލާއި ހަމައަށް ހުރި ސޯޓްބުރިއެކެވެ.

"އާރިޔަން ކީއްވެތަ ތެލިތައް ހާވަނީ. ގައިމުން އަހަރެން ކޮޓަރިއަށް ވަނީ އެންމެންނަށް ކާން ހަދާފަ. އޭނަ ނުކަނީތަ؟" އަނުމް ހިތަށް އެރިއެވެ. އޭނާ އިތުރަށް ބޭރަށް ޖެހިލުމަށްފަހު ކާ މޭޒުމަތި ފެންނަވަރަށް ބޯ އަރިކޮށްލިއެވެ. އަދިވެސް ހުރީ ކާންހެދި ގޮތަށެވެ. މީހަކު އެތަނުން ކުނޑިފުކެއްގައި އަތްލާފައި ހުރި ހެނެއް ހިއެއް ނުވެއެވެ. އެތެރެއަށް ވަންނަން އުޅެފައިވެސް އަނުމް ވިސްނުން ބަދަލުކުރީ ލައިގެން ހުރި ހެދުމާއި މެދު ވިސްނާލާފައެވެ. އެގޮތަށް އެއްވެސް މީހެއްގެ ކުރިމައްޗަށް އެރުމަކީ އޭނާ ކުރާނެ ކަމެއް ނޫނެވެ. އޭނާ އަލުން ކޮޓަރިއަށް ދާން ހިނގައިގަތެވެ.

"އަންހެން ވަގެއްތަ؟؟" ކުއްލިއަކަށް އޭނާ ސިހުނީ އާރިޔަންގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ނަމަވެސް އޭނާ އެނބުރި އާރިޔަންއަށް ބަލައިނުލިއެވެ.

"ކޯޗެއް ވަގަށް ނަގައިގެން ތިދަނީ" އާރިޔަން އަހައިލިއެވެ. އެއީ އަނުމް ކަމެއް އޭނާއަށް ކުޑަކޮށްވެސް ނޭނގެއެވެ. ބަހެއް ނުކިޔާ އަނުމް ކުރިއަށް ހިނގައިގަތެވެ. އޭނާއަށް ކުއްލި ސިހުމެއް ލިބިގެން ދިޔައީ އާރިޔަން އައިސް ކުރިމަތީގައި ޖެހުމުންނެވެ. ދެކުދިންގެ ހަތަރުކަޅި ބައްދަލުވިއެވެ. އަނުމްއަށް އިސްއޮބާލެވުނުއިރު އާރިޔަންއަށް ކުރެވުނީ އޭނާ ކުރަން ބޭނުންވިކަމެއް ނޫނެވެ. އަނުމްގެ ފައިން ފެށިގެން ބޮލާއި ހަމައަށް އޭނާއަށް ނަޒަރެއް ދެވުނެވެ. އެކަހަލަ ހެދުމެއްގައި އަނުމް ހުއްޓާ މިއީ އޭނައަށް ފެނުނު ފުރަތަމަ ފަހަރެވެ.

"އަ..އަނުމް...." އާރިޔަންއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަނުމް ކުރިއަށް ދުއްވައިގަނެއްޖެއެވެ. އަނުމް ކޮޓަރިއަށް ވަންނަން ދެން ބަލަން ހުރި އާރިޔަންގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

"ބިއުޓިފުލް" އާރިޔަންއަށް ބުނެވުނެވެ.

ބަދިގެއަށް ވަދެ ކަބަޑުތައް ހާވައިގެން އާރިޔަންއަށް ފެނުނު ކަޕްނޫޑުލީހެއް ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްޓިއެވެ. ފުރިޖުން މިރުހާއި ލުނބޯ ނަގައިގެން އައިސް ފަރިތަކަމާއެކު ކޮށަން ފެށިއެވެ. ފެންހޫނު ކުރާ ޖަގު ހިފައިގެން އެނބުރިލިތަނާ އެނާއަށް ދޮރުމައްޗަށް އެރި އަނުމް ފެނިއްޖެއެވެ. މިފަހަރު އަނުމް ހުރީ އޭނާ އާންމުކޮށް ލައިއުޅޭ ހެދުމުގައެވެ. ބަލަހައްޓައިގެން ހުރި އާރިޔަންއަށް ސަމާލުކަމެއް ނުދީ އޭނާ މޭޒުމަތީގައި ހުރި ކާއެއްޗެހި ތަކުގެ މަތި ނަގަންފެށިއެވެ.

"އެކަކުވެސް ނުކައިތަ؟" އަނުމް އަހައިލިއެވެ.

"އެހެން ކަންނޭނގެ. މަންމަ އަލަމްކޮ ގޮވައިގެން ބޭރަށް ދިޔައީ. ވަރަށް ލަހުން އައީ" އާރިޔަން ޖަވާބުދިނެވެ.

"ނުކަންޏާވެސް ބުނެލެވޭނެ ދޯ. މިއީ ބޮޑު އިސްރާފެއްނޫންތަ؟ ކާއެއްޗެއް ނުލިބިގެން ބަނޑުހައިހޫނު ކަމުގަ ކިތަން ފުރާނަ ރެޔަކާ ދުވާލު މަރުވެގެން އެދަނީ" އަނުމް ހިތްހަަމަނުޖެހުނެވެ.

"ސޮރީ އަހަރެން ނުކެއީ ތިއަށް އަލްމަންޑް އަޅާފަ ހުރުމުން. އެކައިފިއްޔާ އަހަރެން އެލަރޖިކްވާނެ. އޭރުން އޮންނަންޖެހޭނީ ހޮސްޕިޓަލުގަ" އާރިޔަން ބުނެލިއެވެ. އަނުމް އާރިޔަންގެ މޫނަށް ނަޒަރެއްދިނެވެ. ދެވަނަ ސިކުންތުގައި އޭނާ ތަށިތައް ހުސްކުރަން ފެށިއެވެ. ބަލައިލެވުނު ގޮތަކުން އޭނާއަށް އާރިޔަން އަތުގައި ހުރި ކަޕްނޫޑުލްސް ތަށި ފެނުނެވެ. އޭނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް އާރިޔަން އަތުން އެތަށި ޖަހައިގަތެވެ. އެއަށްފަހު ހުރި ގޮތަށް ގެންގޮސް އެއްފަރާތުގައި ހުރި ޑަސްބިނަށް ލިއެވެ.

"މަރުވާނެގޮތެއް ނޭނގިގެންތަ ތިއުޅެނީ. މަރުވަން ބޭނުންވަންޏާވެސް އަހަރެން ކައިރީގައި ހުރެގެން މަރުވާނެކަމެއް ނެތް" އަނުމް ހަޅޭއްލަވައިގަތެވެ.

"އަހަރެން ހާދަ ބަނޑުހައިވެގެނޭ ކާން އުޅުނީ. އެއީ އަހަރެން ކައިއުޅޭ އެއްޗެއްވެސް ނޫން. ބަނޑުހައިވެފަ ހުރީމަ... ކޮބާތަ މައްސަލައަކީ؟" އާރިޔަން އަހައިިލިއެވެ.

"މިގޭ ކަބަޑުގައި މި އޮންނަތާ އަހަރެއް ވަނީ. އެކައިގެން ކަމެއް ވިއްޔާ ކޮންތާކަށް ވަންނާނީ؟" އަނުމް ވާހަކަދެއްކިއެވެ.

"އަހަރެންނަށް ކަމެއް ވެދާނެތީ އަނުމް ތިހާ ކަންބޮޑުވަނީ ކީއްވެ؟" އާރިޔަން އަނުމްގެ މޫނަށް ބަލަހައްޓައިގެން ހުރީ ސީރިޔަސް ނަޒަރަކުންނެވެ. އަނުމްއަށް ބުނަންވީ އެއްޗެއް ނޫނެވެ. ކުރިން އާރިޔަން ރަކިކޮށްލާހެން ރަކިކޮށްލާކަށްވެސް ބޭނުމެއް ނުވިއެވެ. އެއަށް ދޭނެ ޖަވާބެއްވެސް ދުލަކަށް ނައެވެ. އާރިޔަންއަށް ނަޒަރެއް ދިނުމަށްފަހު އޭނާ އަނެއް ފަރާތަށް އެނބުރިއްޖެއެވެ.

ތެދެކެވެ. އެކައިގެން އާރިޔަންއަށް ކަމެއްވެއްޖިއްޔާ އޭނާއަށް ކީއްހެއްޔެވެ؟ އާރިޔަން އަކީ އޭނާގެ ކާކު ހެއްޔެވެ؟ އޭނާ އާރިޔަން ހިފެހެއްޓީ ކީއްވެގެން ހެއްޔެވެ؟ އާރިޔަންއަކީ އޭނާގެ ކުރިމަތީގައި ފުރޭތައެއް ނޫން ހެއްޔެވެ؟ އޭނާއަށް އާރިޔަން މުހިންމު މިވަނީ ކީއްވެގެން ހެއްޔެވެ؟ އެއްފަހަރާ އެތައް ސުވާލެއް އޭނާގެ ހިތާއި ސިކުނޑި ވަކި ހިއްޕާލައިފިއެވެ. ބޮލުގައި ރިއްސައިގަތުމުން އޭނާ އެވިސްނުންތައް އެއްފަރާތް ކޮށްލިއެވެ.

"މިއުޅެނީ އެއްޗެއް ހަދަން. އަހަރެންވެސް ނުކައި ނިދުނީމަ ވަރަށް ބަނޑުހައި. މަޑުކޮށްލަންވީނުން" އަނުމް ވާހަކަދެއްކިއެވެ. އާރިޔަން ބަހެއް ނުކިޔާ މޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އިށީނެވެ. އޭނާ ފޯނާ ކުޅެންކަމަށް ހެދިގެން އިނަސް އަނުމްއަށް ނޭނގޭނެހެން އަނުމްގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަނުމްއަށް ބަދަލުތަކެއް އައިސްފައިވާކަން އާރިޔަންއަށް ޤަބޫލުކުރެވިއްޖެއެވެ. އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނުމް އޭނާއަށް 'ފުރޭތަ' މި ނަމުން ގޮވާ ނުހެދުމެވެ. އަނެއްކޮޅުން އޭނާ އަނުމް އާއި ކޮށްލި ސުވާލުގެ ޖަވާބު އަނުމްއަށް ނުދެވުނު ސަބަބާ މެދުވެސް އޭނާއަށް ވިސްނެމުން ދިޔައެވެ.

"ކީއްވެތަ ތިމާއަށް އެމީހަކު އިހުސާންތެރިކަމެއް ކޮށްދިނީމަ ބަލައިނުގަންނަނީ" އާރިޔަން އަހައިލިއެވެ. އުނދުން ކައިރީގައި ބިސްގަނޑު އަޅަން ހުރި އަނުމް ބަލައިލިއެވެ. އޭނާގެ ބޭނުމަކަށްވީ ގިނަގިނައިން އަނުމްއާއި ވާހަކަދައްކައިގެން އެދެމެދުގައި އޮތް ދުރުކަން ކަނޑުވާލުމެވެ.

"އަހަރެންނަކީ ތިހީކުރާ ކަހަލަ މީހެއް ނޫން. މީހަކު ހެޔޮކަމެއް ކޮށްދިނިއްޔާ ބަދަލުގައި އެމީހަކަށް ތެޔޮހަމެއް ދިނުން އެއީ އަހަރެންގެ އުސޫލެއް ނޫން" އަނުމް ބުނެލިއެވެ.

"މިފަހަރު ތެޔޮހަމެއް ނުދޭ. އެޓްލީސްޓް ޝުކުރުއަދާކޮށްލިނަމަ" އާރިޔަން ބުނެލިއެވެ. އަނުމްގެ ދެބުމަށް ގޮށްޖެހުނެވެ. އާރިޔަންގެ އެދައްކާ ވާހަކައިގެ މާނަ އޭނާއަށް ނަގައެއް ނުގަނެވުނެވެ.

"އަހަރެން... ތިބުނަނީ..." އަނުމް ވާހަކަދައްކަން އުޅުނެވެ.

"މިބުނަނީ އަނުމްއަށް އެހީވެދިން ފުލުސް އޮފިސަރުގެ ވާހަކަ. ވިސްނަބަލަ. އެސޮރު މަގުމައްޗަށް ފައިބާފައޭ އަނުމްއަށް ޖާގަދިނީ" އާރިޔަން ބުނެލިއެވެ. އޭނާގެ މޫނުމަތިން ތަފާތުކަމެއް ފާހަގަވިކަން އަނުމް އެވަގުތުކޮޅު ބަލައިލިނަމަ ފާހަގަވާނެއެވެ.

"ޔެސް. އެކަމަކު އެއީ ކާކުކަމެއް ނޭނގޭ. ދެރަވި ފަހުން. އަސްލު އަވަހަށް އެތަނަށް ދާންވެގެން ހިތްއަވަސްވެފަ ހުރިވަރުން ހަނދާންނެތުނީ" އަނުމް ވާހަކަދެއްކިއެވެ.

"ބައިދަ ވޭ.... ކިހިނެއް އިނގުނީ؟ ކާކު ބުނީ؟؟" އަނުމް އަހައިލިއެވެ.

"ހެހެހެ. އެނގިދާނެއްނު. އަހަރެން ކަހަލަ މީހުންގެ އެކުވެރިން އުޅޭނެ ޕޮލިހުގަ. އަހަރެންނަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑެއިލީ ކަސްޓަމަރެއް. އެހެންނޫނަސް އެމީހަކު އަނުމް ހޯދަން ނޫޅުނިއްޔަ ރަނގަޅީ" އާރިޔަން ވާހަކަދެއްކިއެވެ.

ފަހުން އަނުމް އެކަމާ ގުޅުވައިގެން އެއްވެސް ވާހަކައެއް ނުދައްކައެވެ. އޭނާ އެގް ސޭންޑްވިޗް ތައްޔާރުކޮށްގެން ގޮސް އާރިޔަން ކުރިމަތީގައި ބެހެއްޓިއެވެ. އެއަށްފަހު ކޮފީތަށި ބެހެއްޓިއެވެ. އާރިޔަން ކައިރީގައި ނޭހިޔަސް އޭނާއަށް އެންމެ ރަނގަޅުވާނީ ކޮފީ ކަން އަނުމްއަށް އިނގެއެވެ.

"އަނުމްވެސް ބައިވެރިވާންވީނުން" އާރިޔަން ބުނެލިއެވެ. އަނުމް އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ފުރިޖުން ނެގި ޖޫސް ޕެކެޓުން ބިއްލޫރި ތައްޓަކަށް ޖޫސް އަޅައިގެން އައިސް މޭޒު ކައިރީގައި އިށީނެވެ.

އޮފީސް ނިންމާފައި ޝާނިމްއާއި މާހިލް ނިކުތީ އެކީގައެވެ. ދެކުދިން ކާރުގައި ގެއާއި ދިމާލަށް ނައްޓާލިތަނާ މާހިލް ބިއްލޫރިގަނޑުން ބޭރު ބަލައިލި ވަގުތު ދުރުގައި ބަލަހައްޓައިގެން ހުރި ނައިޝީ ފެނުނެވެ. އޭނާގެ ހިތުގައި ފޫހިކަމެއް އުފެދުނެވެ. ދުވާލަކު އެތައް ފަހަރަކު އޭމުނު އޭނާއަށް ފެންނަން ފަށައިފިއެވެ. އެގޮތަށް އޭނާގެ ފަހަތުން ނައިޝީ އުޅުމަކީ ރަނގަޅު ފާލެއް ނޫންކަން އޭނާއަށް އިނގިއްޖެއެވެ. ނައިޝީ އަކީ ނުރައްކާތެރި މީހެކެވެ. އޭނާގެ ދިރިއުޅުން ބަރުބާދުކޮށްލާނެ ކަމުގެ އިންޒާރު މީގެ އަހަރުތަކެއް ކުރިން ނައިޝީ ވަނީ ދީފައެވެ.

"ހާދަ ގޮތެއްފޮތެއް ނެތް އަންހެންކުދިން އުޅެއޭ ދޯ. އަބަދުނުވާނެ ދޯ އެހެން އުޅެން. ތިމާގެ ދިރިއުޅުން ރަނގަޅު ދިމާލަށް ގެންދަން މަސައްކަތްވެސް ކުރަންވާނެ ދޯ. މަރުވާނެ ވަކި އިރެއް އިނގޭނެތަ؟" މާހިލް ވާހަކަދައްކަމުން ދިޔައެވެ.

"އަންހެންކުއްޖެއްގެ އުނދަގު ފޯރަނީތަ؟" ޝާނިމް އަހައިލިއެވެ.

"އާނ. މާޒީގައި ހެދިފައި ހުންނަ ގޯސްތައް އެއީ. ހިއެއް ނުކުރަން މިދުވަސް ދެކެން ޖެހިދާނެ ކަމަކަށް" މާހިލް ވާހަކަދެއްކިއެވެ. "މާބޮޑަށް ވިސްނާނެ ކަމެއްނެތް. ތިބުނާ މަންޖެގަނޑު ވައިވެގެން ހިނގައިދާނެ" ޝާނިމް ބުނެލިއެވެ.

އެއްވެސް އަސަރެއްނެތް ހިނިތުންވުމެއް މާހިލްގެ ތުންފަތަށް ވެރިވިއެވެ. ޝާނިމް އެބުނާހާ ފަސޭހައިން ނައިޝީ އޭނާ ދޫކޮށްނުލާނެކަން އޭނާއަށް އިނގެއެވެ. އެެހެންނޫނަމަ ހަ އަހަރު ވަންދެން ފަހަތަކުން ނުދުވާނެއެވެ.

މާހިލްއާއި ޝާނިމް މަޑުކޮށްލައިގެން ތިބީ ގޯތިތެރޭގެ އެއްފަރާތުގައި ހުރި ބޮޑު ކުޑައިގެ ދަށުގައެވެ. މާގިނަ އިރެއް ނުވެ އާވާ އެމީހުންނަށް ކޮފީ ގެނެސްދީފިއެވެ.

"އެވީ! ބަލާ ޝާން ދައްކާ ވާހަކަ" އާވާ އަތުގައި ހިފާ ކައިރީގައި ބައިންދަމުން މާހިލް ބުނެލިއެވެ.

"ކޮންވާހަކައެއް؟" އާވާ އަހައިލިއެވެ.

"އަހަރެން ބުނީ ވަރަށް އަވަހަށް މާޔާއާއި އިންނަން އުޅޭ ވާހަކަ. އެކަމަކު ކައިވެނީގެ ފަހުން އުޅޭނެތަނެއް ހޯދަން މަސައްކަތްކުރާ ވާހަކަ" ޝާނިމް އާވާއަށް އޮޅުންފިލުވައިދިނެވެ.

އާވާ ބަލައިލީ މާހިލްގެ މޫނަށެވެ. ހީވާގޮތުން ދެ ސިކުނޑީގައި ވެސް މިވަގުތު ދެކެވެމުން ދަނީ އެއް ވާހަކައެކެވެ.

"ދެން އެވީ ބުނެބަލަ ޝާން އެބުނި އެއްޗަކަށް އެއްޗެއް" މާހިލް ބުނެލިއެވެ.

"މިހާރުވެސް ޝާނިމްސަރ ތިއުޅެނީ މިގޭގައެއްނު. މެރީ ކުރިޔަސް މާޔާ ގޮވައިގެން ހަމަ މިތާ ހުރެވޭނެ. މިއެއްނު ޝާނިމްސަރ ގެ ގެއަކީ" އާވާ ވާހަކަދެއްކިއެވެ. ޝާނިމް މާހިލްއަށް ބަލައިލިއެވެ. އެވަގުތު މާހިލް ހީލަމުން ދެބުމަ އެކީގައި ހިއްލާލިއެވެ. ޝާނިމް ކައިރިއަށް ހިނިއައެވެ. މާހިލްގެ ސިކުނޑިން ބައެއް އާވާގެ ބޮލުގެ ތެރޭގައި ވާކަހަލައެވެ. ދެމީހުންގެ ވިސްނުންވެސް ހުރީ އެއްގޮތަށެވެ.

"އަހަރެން ދުރުކޮށްލަން ބޭނުންނުވަންޏާ ޝާން މިގޭގަ ހުރޭ މާޔާ ގޮވައިގެން. އަހަރެމެން އުޅޭނީ އެއް ފެމެލީހެން. ކުޑަދުވަސްކޮޅަކުން މިގޭ ހަތަރުފާރުން އެތެރޭގައި އަހަރެމެންގެ ކުޑަކުޑަ ދަރިންތަކުގެ އަޑުތަކުން ގުގުމާލާފަ ހުންނާނީ" މާހިލް ވާހަކަދެއްކިއެވެ. މާހިލް ކަތި ނަޒަރަކުން އާވާއަށް ބަލައިލިއެވެ. ދަރިންގެ ވާހަކަ ބުނުމުން އާވާ އިސްޖަހައިލިތަން ފެނުމުން މާހިލްގެ ހިތް ލޯބިން ފުރުނު ކަހަލައެވެ. އުނގުތެރޭގައި އޮތް އާވާގެ އަތްތިލައިގައި މާހިލް ހިފައިލިއެވެ. އާވާ ބަލައިލުމާއެކު އެ އަތްތިލައަށް މާހިލް ފިތާލިއެވެ.

"ވަރަށް އަވަހަށް އެވީ އަށް ދަރިއެއް ދޭނަން އިނގޭ" މާހިލް ސިއްރު ސިއްރުން އާވާގެ ކަންފަތްދަށުގައި ބުނެލިއެވެ.

"އެކަމަކު މިތާކު ނޫން ތިކަން ކުރާނީ. ކޮޓަރީގަ އިނގޭ" ޝާނިމް ހިނިގަނޑަކާއެކު ބުނެލިއެވެ. ލަދުގަތްވަރުން އާވާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

މުޅިން އާ ދުވަހެކެވެ. މެންދުރަށް ކައްކާފައި އައިސް އަނުމް ޖައްސައިލީ ސިޓިންގރޫމް ސޯފާގައެވެ. ރިމޯޓް ނަގާފައި ޓީވީ ޖައްސާލިއިރު ގޭތެރެއިން އިތުރު މީހަކު ފެންނާކަށް ނެތެވެ. ބޭރުން އައިސް ވަން އާރިޔަން ފެނުމުން އަނުމް ބަލައިލިއެވެ.

"ކާން ހަދާފައި ހުންނާނީ" އާރިޔަން އެއްޗެއް ބުނުމުގެ ކުރިން އަނުމް ބުނެލިއެވެ.

"މިއަންނަނީ" އާރިޔަން ވަނީ ކޮޓަރިއަށެވެ.

މާގިނަ އިރެއްނުވެ ކޮޓަރިން ފަލަކްނާޒް ނިކުތެވެ. ކައިރީގައި އަލަމް ރީތިކޮށްލާފައި ހުއްޓެވެ. އަނުމް ފެނުމާއެކު އަލަމް އައިސް އަނުމްގެ އުނގުތެރެއަށް ވަނެވެ. ބަހެއްނުކިޔާ ފަލަކްނާޒް ވަނީ ބަދިގެއަށެވެ.

"ކޮން ބަޔަކަށް ކައްކާފަ އެއީ؟" ފަލަކްނާޒް ވާހަކަދެއްކި އަޑަށް ކާޓޫނު އަންނަ ތަނަކަށް ޗެނަލް ބަދަލުކުރަން އިން އަނުމް ދިޔައީ ސިހިގެންނެވެ. ފަލަކްނާޒަށް ބަލައިލިއިރު އޭނާ ހުރިގޮތުން ކަންތައްތައް ރަނގަޅު ނޫންކަން އަނުމްއަށް އިނގުނެވެ.

"ދޭބާ ދޮންތަ ކޮޓަރިއަށް. ޓެބް އިންނާނެ ޗާޖަރަށް ޖަހާފަ. ނައްޓާލައިގެން ދޮންތަ ދަންދެން ގޭމް ކުޅެން އިނދޭ އިނގޭ" ކުޑަކުޑަ އަލަމް ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލުމަށްފަހު އަނުމްގެ ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ.

"އަހަރެން ކެއްކީ މިގޭގަ އުޅޭ މީހުންނަށް. މިގެއިން ބޭރުގަ އުޅޭ މީހުންނަކަށް ނޫން" އަނުމް ބުނެލިއެވެ.

"ކަލޭ ހީކުރީ އަހަރެމެންނަށް އަބަދު އުޅެވޭނީ ކަލޭ ކެއްކީމަ ކައިގެން ކަމަށްތަ؟ އަމިއްލައަށް ގޮސް ކާންވީނުން. އަހަރެންނާ އަހަރެންގެ ދެ ދަރިން ކާން މިދަނީ ބޭރަށް" ފަލަކްނާޒް ބުނެލިއެވެ. ކެތްކުރަން އުޅުނަސް އަނުމްއަށް ހިފަހައްޓައެއް ނުލެވުނެވެ. "ތީދެން ބޮޑުވަރު. ނުކަންޏާވެސް ކުރިން ބުނެލާނަމަ. ގައިމުން ކުރިން ތިއީ ބޭރުން ކައިގެން އުޅޭ މީހެއް ނޫން. މިގޭގަ އަހަރެން ގުއި ގަނޑެއް ކައްކާފަ ހުއްޓަސް އެކައިގެން ހުންނަނީ. އެއީ ކީއްވެ؟ އަމިއްލައަށް ކައްކައިގެން ކާވަރަށް ވުރެ ތިމާ ކަންނެތްވީމަ" އަނުމް ހިތްހަމަނުޖެހިފައި ހުއްޓަސް ވާހަކަދެއްކީ އަޑުހަރުކޮށެއް ނޫނެވެ.

"މާ ފާޑުފާޑުގެ ވާހަކަ ދައްކާނެކަމެއް ނެތް. ތިމާ ވަރުގެ ކަމެއް ނެތިގެން އުޅޭއިރު ތިމާ ތިއީ އަގުވެއްޓިފަ ހުރި މީހެއް" ފަލަކްނާޒް ބުނެލިއެވެ.

"އަހަރެންގެ އަގުވައްޓާލަން މަސައްކަތްކުރި މީހަކީވެސް ތިއީ. ތިއީ މިދުނިޔޭގަ ހުރި ޑްރާމާ ކުޅެން އެންމެ މޮޅު މީހާ. ހޮލީވުޑަށް ނިކުންނަން ފެންނަނީ. އެވޯޑެއް ޙައްޤުވޭ. އަހަރެންގެ އަގުވެއްޓޭ ވާހަކަދައްކާއިރު އެއްދުވަހަކުން ތިމާގެ އަގުވެއްޓިގެންދާނެ. އެވެސް އެންމެންގެ ކުރިމަތީގައި. އަހަރެންނަށް ހެޔޮ ހުރިހާ އިރެއްގަ ގޮސް ބޭރުން ކެޔަސް. އަލަމްއާއި އާރިޔަން ކާނީ މިގެއިން" އަނުމް ވާހަކަދައްކާ ނުނިމެނީސް ފަލަކްނާޒް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިފިއެވެ.

ހިތްހަމަނުޖެހިފައި އިން އަނުމް އަވަސް އަވަހަށް ޓީވީގެ ޗެނަލް ބަދަލުކުރަމުން ދިޔައިރު އަދިވެސް އެތެރެހަށީގައި ހޫނުވި ލޭތައް ކެކެމުން ދިޔައެވެ. އަނގައިން ނުބުނަން ހުއްޓަސް މީހަކު ދުލުގައި ހިފާ ދަމާއިރު ހިމޭނުން ހުރެވޭނީ ކާކަށް ހެއްޔެވެ؟

"ކޮބާތަ އަހަރެންގެ ނޫކުލައިގެ ޝޯލް" ދޮރު ހުޅުވާލުމާއެކު ފަލަކްނާޒްގެ އަޑު ކަންފަތުގައި ޖެހުނެވެ.

"ކޮބާހޭ އަހަރެންގެ ނޫ ކުލައިގެ ޝޯލް" މިފަހަރު ފަލަކްނާޒްގެ އަޑު ބާރެވެ.

"ނުފެނޭތަ؟ މިއޮތީނު އަހަރެންގެ ގައިގަ އެލިފަ" ކޮޅަށް ތެދުވެފައި އަނުމް ބުނެލިއެވެ. އަރައިގަތް ރުޅިގަނޑާއެކު ފަލަކްނާޒްގެ ދަތްކުނޑި ވިކުނެވެ. ވިއްދާ އެއްޗެއް ބުނަން އުޅުނު ވަގުތު ދޮރުގައި ބެލްއެޅި އަޑު އިވުނެވެ.

(ނުނިމޭ)