ޚަބަރު

އެހެން ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލުކޮށް، ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ ޓިކެޓް އައިޝަތު މޫސާއަށް

އަލީ ޔާމިން

ލޯކަލް ކައުސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާނެ ކެންޑިޑޭޓަކީ އައިޝަތު މޫސާ ކަމަށް ނިންމައި، އެޕާޓީން އެކަން އިއުލާނުކޮށްފިއެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އައިޝަތު މޫސާއަށް ޓިކެޓު ދޭން ނިންމާފައިވަނީ އެ ދާއިރާއަށް ވާދަކުރި އަނެއް ހަތަރު ކެންޑިޑޭޓުންގެ ކެންޑިޑެސީ މިއަދު ބާތިލްކޮށްފައިވާތީ ކަމަށެވެ. އަދި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލު ކުރަން ޖެހުނީ ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވުމުން ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

"މިޕާޓީން ވާދަކުރާނޭ ކެންޑިޑޭޓު ކަމުގައި ޕާޓީން ނިންމާފައި އެވަނީ، މިޕާޓީގެ ޕްރައިމަރީގައި ނެގި ވޯޓުގައި އާއިޝަތު މޫސާ އާއި އަހުމަދު އާސިމަށް އެންމެ މަތީން ވޯޓު ލިބި، އެ ދެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވަނިކޮށް ހިނގައިދިޔަ ހަމަނުޖެހުމަކާ ގުޅިގެން އަލުން ވޯޓު ގުނުމަށް ޕާޓީން ނިންމާފައިވަނިކޮށް 5 ފެބްރުއަރީ 2020 ވަނަ ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން އަހުމަދު އާސިމްގެ ކެންޑިޑެސީ ބާތިލުވުމުގެ ސަބަބުންނެވެ. 5 ފެބުރުއަރީ 2020 ދުވަހު ހިންގި ހަމަނުޖެހުމުގައި ބައިވެރިވި އަހުމަދު އާސިމް، ކެންޑިޑޭޓް އިބްރާހީމް މަނިކު، ކެންޑިޑޭޓު މުހައްމަދު ފިޝާވިން ސަލީމާއި އެ ހަމަނުޖެހުމުގައި ޝާމިލުވި ފަރާތްތަކުގެ ސުލޫކީ މައްސަލަ މި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް މިހާރު ހުށަހަޅާފައިވާ ކަމުގައިވެސް ދަންނަވަމެވެ..،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓުލުން ނިމި، ވޯޓުގުނުން ކުރިއަށްދަނިކޮށް ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ވޯޓުގުނުން ހުއްޓާލިއެވެ. އަދި އޭރު އެމްޑީޕީގެ ސެކްރެޓޭރިއެޓުން ނިންމީ އަލުން އެދާއިރާގެ ޕްރައިމަރީ ބޭއްވުމަށެވެ. ނަމަވެސް މިމަހުގެ ހަތަރުވަނަ ދުވަހު އެމްޑީޕީން ވަނީ އެ ދާއިރާގެ ވޯޓު އަލުން ގުނަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އެމްޑީޕީގެ އެ ނިންމުމާ ގުޅިގެން އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވި އަހުމަދު އާސިމާއި އިބްރާހީމް މަނިކާއި މުހައްމަދު ފިޝާވިން ސަލީމް ސޮއިކުރައްވައި އިއްޔެ ނެރުނު ބަޔާނުގައި ވަނީ ވޯޓު ފޮށި އަލުން ގުނުމަކީ އެދާއިރާގެ އެތައް ރައްޔިތުންގެ އިންތިހާބީ ހައްގަށް އުނިކަން އަންނަ ކަމެއްކަމަށް ބުނެ އެމްޑީޕީން ކުރިން ނިންމި ގޮތަށް އަލުން އެ ދާއިރާގެ އިންތިހާބު ބާއްވައި ދިނުމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓު އަލުން ގުނުމަށް މިއަދު އެމްޑީޕީގެ އޮފީހަށް ހާޒިރުވުމަށް ދެންނެވިފައިވަނިކޮށް، އެ ދާއިރާއަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އަހުމަދު އާސިމާއި އިބްރާހީމް މަނިކާއި މުހައްމަދު ފިޝާވިން ސަލީމް އިތުރު ބަޔަކާއެކު ޕާޓީ އޮފީސް ތެރެއަށް ވަދެ، ހަމަނުޖެހުން ހިންގައި، ވޯޓުފޮށި ޖަހައިގަނެ އޮފީހުން ބޭރަށް ގެންދިއުމަށްފަހު ފޮށި ހުޅުވައި އެ ފޮށީގައި ހުރި ވޯޓުކަރުދާސްތައް ނަގައި މަގުމައްޗަށް އުކައި އެހެން ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށެވެ.