ކޮލަމް

ދީނާއި ސިޔާސަތުގެ ގުޅުން - 5

އަބްދުﷲ ފާރޫގް ހަސަން

މިފަހުގެ ތާރީޚަށް ވިސްނުން ހިންގާއިރު ނަޒަރިއްޔާތީ ބިންގަލުގެ މަތީގައި ވަރަށް ގިނަ ސަރުކާރުތަކެއް ވުޖޫދަށް އައިސްފައިވާތީފެނެއެވެ. އިޝްތިރާކިއްޔަތާއި ކޮމިއުނިޒަމުގެ ބިންގަލުގެ މަތީގައިވަނީ ދައުލަތްތަކެއް ގާއިމުވެފައެވެ. ފޭޝިޒަމާއި ނާޒިޒަމުގެ ތަމްސީލުކުރާ ދައުލަތްތައް ވެސް ވަނީ ފެނިފައެވެ. ރައުސުލާމީ ނިޒާމުގެ ސަރުކާރުތައް ވެސް އެބަހުއްޓެވެ. މީގެ ތެރެއިން ކޮންމެ ބަޔަކުވެސް ގެންދަނީ އެބަޔަކު ޚިޔާރުކޮށްފައިވާ ހަޔާތުގެ ފަލްސަފާއެއް އިޝްތިހާރު ކުރަމުންނެވެ. މިޒަމާނުގައި ކޮންމެ ސަރުކާރެއްގައި ވެސް އާއްމުންގެ ޚިޔާލާއި ފިކުރާއި އަޤީދާއަށް އަސަރުފޯރުވޭނެ ވަސީލަތްތަށް އެބަހުއްޓެވެ. ސަރުކާރުން ބޭނުންވާ ގޮތަކަށް ދަނީ އާއްމުންގެ ވިސްނުމާއި ފިކުރު ބައްޓަން ކުރުވަމުންނެވެ. ރައްޔިތުންނަކީ ތިމާމެންނަށް ތާއިދުކޮށް ތަބާވާ ބަޔަކަށް ހަދަމުންނެވެ.

ކަންމިހެންހުރުމާއެކު މުސްލިމުންގެ ވެސް އަމިއްލަ ސްޓޭޓެއް އޮންނާން އެބަޖެހެއެވެ. އިސްލާމްދީނުގެ ހުރިހައި ދާއިރާތަކަށް ބާރުދީ ހިންގުމަށެވެ. ދީނުގެ ހުރިހައި ޤާނޫނުތަކެއް ތަންފީޒުކުރުމަށްޓަކައެވެ. އެދައުލަތެއް ވާންޖެހޭނީ މާތްﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތަށް އަމަލުކުރެވޭ ދައުލަތެއްކަމުގައެވެ. އިސްލާމީ އަގުތަކާއި ފިކުރުތައް ފާޅުގައި ހާމަކުރެވި އަމަލުކުރެވޭ ދައުލަތެއްކަމުގައެވެ. އިސްލާމީ އަޤީދާތައް އަމަލީ މައިދާނުގައި އިންދައިރޯކޮށް ހެއްދުމުގެ މަގުފަހިވެފައިވާ ދައުލަތެއްކަމުގައެވެ. އިސްލާމްދީނާ ދެކޮޅުހެދުމަށާއި، އަޚްލާގު ފާސިދުކުރުމަށާއި، ލަދުހުތުރު ޚިޔާލުތައް ފެތުރުމަށް މީޑިޔާތަކަށް ފުރުސަތު ލިބުނަ ނުދިނުމަށްޓަކައެވެ. އައްލާމާ އިބްނު ޚުލްދޫން ދައުލަތެއް އުފައްދައި ވެރިކަމެއް ޤާއިމުކުރަން ތާއީދު ކުރެއްވީ މިގޮތުންނެވެ. ދައުލަތަކާ ނުލައި މުސްލިމުންގެ އުޚުރަވީ ކަންތައްތަކަށްވެސް ދޭންޖެހޭ އިސްކަން ނުދެވޭތީއެވެ. މާތްﷲ އާގުޅުން އާލާކޮށް އިންސާނިއްޔަތަށް ރަހްމާއި ހަމްދަރުދީ އާއްމު ނުކުރެވޭނެތީއެވެ. ހެޔޮކަންތައް ފަތުރައި އާއްމު ނުކުރެވޭނެތީއެވެ. އިންސާފުގާއިމުކުރުމުގެ މިޒާޖު މީހުންގެ ކިބައިގައި ނުއުފެއްދޭނެތީއެވެ. އިސްލާމްދީން އެދޭފަދަ މުޖްތަމައަކާއި ވެއްޓެއް އުފެއްދުމަށް ދައުލަތެއްގެ ބާރުބޭނުންވާނެތީއެވެ.

އިސްލާމްދީން އެދޭފަދަ އަޚްލާޤީ އަގުތަކަކާއި ހަމަތަކެއް ޤާއިމުކުރުމަކީ ފަރުދީ އިޚުތިޔާރަށާއި މީހުން އެކަމަށް ބޭނުންވާ ބޭނުންވުމެއްގެ މައްޗަށް އެކަނި ދޫކޮށްލެވޭނެކަމެއް ނޫނެވެ. އިސްލާމީ އަގުތަކާއި އިސްލާމީ ރިވާޔަތްތަކާއި ގޮތްތައް ގާއިމުކޮށް އަށަގެންނެވުމަކީ އިސްލާމީ ދައުލަތެއްގެ ކަމެކެވެ. މުންކަރާތްތަކުން އެއްކިބާވެވޭފަދަ މާހޫލެއް އުފެއްދުމަކީވެސް އިސްލާމީ ދައުލަތެއްގެ ވާޖިބެކެވެ. މިސާލެއްގެ ގޮތުން ނަމާދާމެދު ވިސްނައިލަމާ ހިންގަވާށެވެ. ނަމާދަކީ އަޅުކަމެކެވެ. ނަމާދާ ގުޅިފައިވަނީ އަރަހުށި މާތްﷲ ގެ ރަސްކަންފުޅާ ތިމާގެ އުންމީދުތައް ގުޅުވައިލުމާއެވެ. މިއީ ބޭރުފުށަށް ބަލާއިރު ފަރުދީކަމެކެވެ. ނަމަވެސް މާތްﷲ ގެ ފޮތުގައި އެއަޅުކަންވެސް ހަމައެކަނި ފަރުދީއެދުންތަކާއި ރުހުމާއި ނުރުހުމުގެ މައްޗަކަށެއް ދޫކޮށެއްނުލައްވައެވެ. އަދި ކީއްތޯއެވެ. ސަރުކާރެއް ގާއިމުކުރުމުގެ މަޤްސަދަކީ ނަމާދު ގާއިމުކުރުވުން ކަމުގައި ވަނީ ކަނޑައަޅުއްވައިފައެވެ. ވަޙީކުރައްވައިފައިވެއެވެ.

"އެއުރެންނީ ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރި ކުރައްވައިފިނަމަ ނަމާދު ޤާއިމުކޮށް ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކޮށް އުޅޭ މީހުންނެވެ."

މި މާތް އާޔަތުގައި ވަނީ ނަމާދާއި ޒަކާތުގެ ވާހަކަ ބަޔާންކުރައްވައިފައެވެ. އެދެކަންތައް އިންތިޒާމުކޮށް މީހުން އެކަންކަމަށް ޝައުވެރިކުރުވައި ހިތްޖެއްސުމަށްޓަކައި ސަރުކާރަކަށް ބޭނުންވެއެވެ. ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައި ކަންތައް މަނާކުރުމުގައި އިސްލާމްދީނުގެ ހުރިހައި އަޚްލާޤީ އަދި ޤާނޫނީ އުނގަންނައި ދިނުންތަކެއް ޝާމިލުވެއެވެ. މާނައަކީ ދައުލަތަކާ ނުލައެއް ދީނުގެ ރޫޙާނީ އަދި ތަޢައްބުދީ ނިޒާމުވެސް ޤާއިމުކޮށް ޗާލޫކޮށެއް ނުލެވޭނެއެވެ. އެކަމަކަށްޓަކައި ދީން ބާވައިލެއްވި ސާލިހު އަމަލުތައްވެސް މުޖްތަމައުގައި ފުރިހަމަޔަށް ދިރުވައި އާލާއެއް ނުކުރެވޭނެއެވެ. އެހެންކަމުން އަރަހުށި މާތްﷲ ބިންމަތީގައި މުސްލިމުން ތަމްކީނުކުރައްވައި ބާރުވެރިކުރެއްވުމުގެ މަޤްސަދުގެ ތެރޭގައި އަޅުކަން ޤާއިމު ކުރެއްވުން ވެސް ހިމެނެއެވެ. އާދެހެވެ. އިސްލާމްދީނުގެ ރޫހާނީ، ޢިބާދަތީ ނިޒާމު ޗާލޫކުރުމަށާއި، އަދުލު އިންސާފު ޤާއިމުކުރުމަށާއި، އަނިޔާވެރިކަން ހުއްޓުވުމަށާއި، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށްވެސް މުސްލިމުންގެ ދައުލަތެއް އޮތުން ލާޒިމެވެ. ޝައްކެއްނެތެވެ. ނަމާދާއި ޒަކާތަކީ ދެއަޅުކަމެކެވެ. ނަމަވެސް އެއީވެސް މީހުންގެ ޒާތީ މުއާމަލާ އެއް ނޫނެވެ. ޒާތީ މުއާމަލާއެއްނަމަކަ އަމީރުލް މުއުމިނީން އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ އަންހު ޒަކާތްދިނުމުން މަނާވެގަތް މީހުނާ ހަނގުރާމައެއް ނުކުރެއްވީހެވެ.

ރުބުޢީ ބިން ޢާމިރު ރަޟިޔަﷲ އަންހު ރުސްތުމުގެ ދަރުބާރުގައި އިސްލާމްދީނާއި މުސްލިމުންގެ ތައާރުފެއް ދެއްވުމުގެ ގޮތުން ދައްކަވައިފައިވާ ވާހަކަފުޅަކީ ވަރަށް ފުރިހަމަ ވާހަކަފުޅެކެވެ. މުސްލިމުންނާއި އިސްލާމްދީނުގެ ވަރަށް ފުރިހަމަ ޝަރަޙައެކެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. " ޝައްކެއްނެތެވ. އަރަހުށި މާތްﷲ އަހަރެމެން ފޮނުއްވީ އިންސާނުންނަށް އަޅުދާސްވެ އިންސާނުންނަށް އަޅުކަން ކުރުމުން އިންސާނުން ސަލާމަތް ކުރުމަށްޓކައެވެ. އެއްކައުވަންތަﷲ އަށް އަޅުކަންކުރުން ޤާއިމުކުރުވުމަށްޓކައެވެ. ދުނިޔޭގެ ދަތިކަމާއި އުނދަގޫތަކުގެ ތެރޭގައި ހަފުސްވެފައި ތިބުމުގެ ބަދަލުގައި އިސްލާމްދީނުގެ ތަނަވަސްކަމާއި ހަށިފަސޭހަކަމުގެ ތެރެއަށް އިންސާނުން ގެނައުމަށްޓަކައެވެ. ދީންތަކުގެ އަނިޔާވެރި ކަމާއި އަޅުވެތިކަމުގެ ތެރެއިން އިސްލާމްދީނުގެ އިންސާފުވެރިކަމުގެ ތެރެޔަށް ގެނައުމައްޓަކައެވެ. "

ރުބުޢީ ރަޟިޔަﷲ އަންހުގެ ވާހަކަފުޅުގެ ކޮންމެ ޖުމުލައަކީ ވެސް ވަރަށް މާނަހުރި ޖުމުލައެކެވެ. މިވާހަކަފުޅުގައި އެކަލޭގެފާނު ވިދާޅުވެފައިވަނީ " އަރަހުށި މާތްﷲ އަހަރެމެން ފޮނުއްވީ " މިފަދައިންނެވެ. މާނައަކީ އިންސާނުންނަށް މަގުދެއްކެވުމަށްޓަކައި އަރަހުށި މާތްﷲ ހަމައެކަނި މުސްލިމުންގެ މާތް ނަބިއްޔާ ފޮނުއްވީކީނޫނެވެ. މުޅި އިސްލާމީ އުންމަތްވެސް ފޮނުއްވީ ޚާއްޞަ މުހިންމަތަކާއިގެންނެވެ. އެ މިޝަންގެ އަމާޒުތަކުގެތެރެއިން އެއް އަމާޒަކީ ދުނިޔޭގެ އަހްލުވެރީން އިންސާނުންނަށް އަޅުދާސްވެ އަޅުކަންކުރުމުން ސަލާމަތްކޮށް ހަމައެކަނި އެއްކައުވަންތަ ﷲ އަށް އަޅުކަންކުރާ ބަޔަކަށް ހެދުމެވެ. ދެވަނަ ކަމަކީ އިންސާނުން ދުނިޔޭގެ ދަތިތަކާއި އުނދަގޫތަކުން ސަލާމަތްކޮށްދީ އިސްލާމީ ނިޒާމުގެ ތަނަވަސްކަމުގެ ތެރެއިން ހަޔާތުގެ މަތިވެރި އަމާޒުތަކެއް ހޯދައިދިނުމެވެ. ތިންވަނަ ކަމަކީ ދީންތަކުގެ ބޭއިންސާފައި އަނިޔާއިން ސަލާމަތްކޮށް އިސްލާމީ އަދުލުގެ ނިޒާމުގެ ހިޔާވަހިކަމާއި ހިމާޔަތް ހޯދައި ދިނުމެވެ.

ޝައްކެއްނެތް ގޮތުގައި މިތިން މަޤްސަދުގެ ތެރެއިން އެއްވެސް މަޤްސަދަކީ ސިޔާސަތާއި ، ދައުލަތާއި، އާރާއި ބާރާއި ނުފޫޒާ ނުލައި ހާސިލުކުރެވޭނެ މަޤްސަދެއް ނޫނެވެ. އެހެންކަމުން ދީނާއި ސިޔާސަތާ ގުޅުމެއްނެތް ކަމުގައި ދެކޭ މީހުންނާއި އެމޭރުމުން ވާހަކަ ދައްކައި އުޅޭމީހުން އަލުން ވިސްނައިލާން ޖެހެއެވެ. އެގޮތަށް ވާހަކަ ދައްކާ މީހުންނަކީ ހުޅަނގުގެ ފިކުރިއްޔާތުގެ ސަބަބުން މަސީހިއްޔަތުގެ ވިހަ އަސަރު ފޯރައިފައިވާ މީހުންނެވެ. އެބައިމީހުން ބުނެ އުޅެނީ ހަޤީޤީ އިސްލާމާއި ސިޔާސީ އިސްލާމަކީ ތަފާތު ދެކަމެއް ކަމުގައެވެ. ސިޔާސީ އިސްލާމަކީ ހަރުކަށިކަމާއެކު ބާރުގެ ބޭނުން ކުރުމާއި، ނިރުބުވެރިކަމުގެ މަންދޫބެއް ކަމުގައެވެ. އިސްލާމްދީނުގައި ނިރުބުވެރިކަމަށް ކުޑަވެސް ޖާގައެއް ނެތްކަމަށާއި އެއްވެސް މީހަކު ގަދަކަމުން އިސްލާމްދީނުގެ ދާއިރާއަށް ވެއްދުމުގެ އަމުރެއްނެތްކަމުގައެވެ. ޝައްކެއްނެތެވެ. މިވާހަކައިގައި ޙަޤީޤަތްތަކެއްވެސް އެކުލެވެއެވެ. ނަމަވެސް އެބައިމީހުން ހަނދާންނައްތައިލާ ކަމަކީ ހުރިހައި ގޮތަކުން ބަލާއިރުވެސް މުސްލިމުންނަށް ސިޔާސަތާއި ދައުލަތް ބޭނުންކަމެވެ. އިސްލާމީ ނިޒާމު ޤާއިމުކޮށް ހިންގުމަށެވެ. އިސްލާމީ މުޖްތަމައެއް ބިނާކޮށް މުސްލިމުންގެ ނަފުސު ދިފާޢުކުރުމަށެވެ. އިސްލާމްދީނަށް ގޮވައިލައި ދީން ފެތުރުމަށާއި، ހައްޤުފާޅުކުރުމަށެވެ. މުޅި ދުނިޔެއަށް ތައުހީދު އާއްމު ކުރުމަށްޓަކައެވެ. އެކަންކަމަކީ އިސްލާމްދީނުގެ ޒަމީރާއި، އެދީނުގެ ޚަމީރުގައި އެކުލެވިފައިވާ ކަންކަމެވެ. އެހެންކަމުން އެ މަޤްޞަދުތައް އެދީނަކާ ވަތްކެއް ނުކުރެވޭނެއެވެ.

އަޅުގަނޑުމެންނަށް ފެންނަނީ މަދީނާގައި މުސްލިމުންނަށް ކިރިޔާ ހިންދެމިލެވި ހަމަނޭވާލެވޭ ވަރުވުމާއެކު "ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ދުނިޔޭގެ ރަސްރަސްކަލުންނަށް ދައުވަތުގެ ސިޓީފުޅުތައް ފޮނުއްވާން ފެއްޓެވިތަނެވެ. އިސްލާމީ ދަޢުވަތަކީ އާލަމީ ދައުވަތަކަށް ހެއްދެވުމަށްޓަކައެވެ. އެދައުވަތު ބަވަނަ ކުރެއްވުމަށްޓަކައެވެ. އެކަމަށްޓަކައި ވެސް މުސްލިމުންގެ މަރުކަޒީ ބާރަކަށް ބޭނުންވިއެވެ. ދުނިޔޭގެ ވަރަށް ގިނަ ރަސްރަސްކަލުން " ކަމެކޭހިއްތަވަނީ" ދައުލަތްތަކުގެ މެދުގައި ބަދަލުކުރެވޭ ލިޔުންތަކަށެވެ. އެއްސަރުކާރަކުން އަނެއް ސަރުކާރަކަށް ފޮނުވާ ފަތްކޮޅުތަކަކީ ސިއްކަޖަހައިފައި ހުންނަ އެއްޗެކެވެ. އެހެންކަމުން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އިސްލާމީ ދައުލަތުގެ ސިއްކަފުޅެއް ހެއްދެވިއެވެ. އިސްލާމީ ދައުލަތަށް ރަސްމީ ސިފަގެންނެވިއެވެ.

ޝައްކެއްނެތެވެ. ކުރީންވެސް ބަޔާންކުރަމުން އަންނަފަދައިން ނަމާދު ރޯދަފަދަ އަޅުކަމާއި ޒިކުރުކޮށް ހެދުމަކީ އަޅާއި އޭނާގެ ވެރި ﷲ އާ ގުޅުވައިދޭ ވަސީލަތްތަކެވެ. އެކަމުގެ ރޫހު ދިރުވައި ދެމެހެއްޓޭނީ ދުޅަހެޔޮ ހަށިގަނޑެއް ގައެވެ. ހަށިގަނޑާއި ފުރާނަޔާ ފުރާނަ ހަށިގަނޑާ ވަތްކެއް ނުކުރެވޭނެއެވެ. ޖިސްމު ޣާއިބުވުމުގެ ނަތީޖާއަކީ ނަމުގައި އިސްލާމީ ދައުލަތްތަކުގެ ވެރީންނަކީ އެބައިމީހުންގެ ކަމާއި ބަހާއި ޚިޔާލާއި ފިކުރުގެ ގޮތުން ބަލާއިރު އިސްލާމްވަންތަކަން ކުޑަ ބަޔަކަށްވުމެވެ. ލާދީނީކަން ބޮޑު ބަޔަކު ކަމުގައިވުމެވެ. އިރުމަތީވަންތަކަން ވަރަށްވެސް ނުހުންނަ ހުޅަނގުވަންތަ މީހުން ކަމުގައިވުމެވެ. އެހެންވާންޖެހުނީ އެބައިމީހުންނަށް މުނާސަބު އިސްލާމީ މާހޫލެއް ނުލިބުމުގެ ސަބަބުންނެވެ. އިސްލާމީ އާޖުފާޖުހުރި މުޖްތަމައެއްގައި ނުއުޅެވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެހެންކަމުން އެބައިމީހުންނަކީ ހުޅަނގުގެ ޒިހުނިއްޔަތުގެ އިރުމަތީވެރީންނެވެ. އެމީހުން އިސްލާމީ ގައުމުތަކުގެ ވެރީން ކަމުގައިވެފައިވަނީ އިސްލާމީ ފިކުރިއްޔާތާ އެކުގައެއްނޫނެވެ. އެބައިމީހުންނަކީ ނަމުގައި މުސްލިމުންނެވެ. ފިކުރާއި ވިސްނުމާއި އަމަލުގައި ޣައިރު މުސްލިމުންނެވެ. އިސްލާމިއްޔާތާ ބެހޭގޮތުން އެބައިމީހުންގެ ހިތްތަކުގައިވަނީ ދުންފިނީގެ ތެރޭގައިވާ ވަރަށްވެސް ކުޑަމިންވަރެއްގެ ތަސައްވުރެކެވެ. އެބައިމީހުން އިސްލާމްދީން ކަމުގައި ބަލައިފައިވަނީ އަޅުކަމުގެ މަދު ކަންތައްތަކަކާއި، ބައެއް އާދަކާދައެވެ. އިސްލާމްދީނުގެ ފުރިހަމަ މަފްހޫމެއް އެބައިމީހުންނަކަށް ދަސްވެ އޮޅުން ފިލައިފައެއްނެތެވެ. އެހެންކަމުން އެމީހުންގެ ގާތުގައި ހުޅަނގުގެ ނަޒަރިއްޔާތަކަކީ ވަރަށްވެސް މާތް ނުހަނު މަތިވެރި އެއްޗެކެވެ. ކުރީންވެސް ދެންނެވިފަދައިން އެބައިމީހުން ހޭނިތަރުބިޔަތުވެފައިވަނީ ހުޅަނގުވަންތަ މާހޫލުގައި ކަމުގައިވާތީއެވެ.

(ނުނިމޭ)