ވިޔަފާރި

ބީއެމްއެލުން އެކައުންޓު ހުޅުވުމަށާއި ލޯންގެ ކަންކަމަށް ހާއްސަ ސެންޓަރެއް ގާއިމުކޮށްފި

މަރިޔަމް ޝަހުދާ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން އެކައުންޓު ހުޅުވުމަށާއި ލޯންގެ ކަންކަމަށް ހާއްސަ ސެންޓަރެއް ގާއިމުކޮށްފި އެވެ.

ބީއެމްއެލްގެ އެކައުންޓް އޯޕެނިން އަދި ލޯން ސެންޓަރު ގާއިމުކޮށްފައި ވަނީ އަމީނީމަގުގައި ހުންނަ ބީއެމްއެލްގެ ކަސްޓަމާ ސާވިސް ސެންޓަރުގެ ފުރަތަމަ ފަންގިފިލާގައެވެ. މި ސެންޓަރުގެ ހިދުމަތް ރަސްމީ ކޮންމެ ދުވަހަކު 08:00 އިން 15:00 އަށް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މި ސެންޓަރުން އަމިއްލަ ފަރުދުންނަށް އެކައުންޓު ހުޅުވުމުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލުން މައުލޫމާތު ދެއެވެ. އަދި މި ސެންޓަރު މެދުވެރިކޮށް ޕާސަނަލް ލޯނާއި ހައުސިންގް ލޯނަށް އެދި ހުށަހެޅޭނެ ކަމަށްވެސް ބީޢެމްއެލުން މައުލޫމާތު ދިނެވެ.

ބީއެމްއެލުން މިކަމާ ގުޅިގެން ކުރި ޓުވީޓެއްގައި ވަނީ އެ ސެންޓަރުން ހިދުމަތް ހޯދޭނީ ކުރިއާލާ އެޕޮއިންޓްމަންޓް ހައްދައިގެން ކަމަށް ބުނެފައެވެ. ނަމަވެސް ލުއި ލޯނަށް އެދޭ ފަރާތްތަކާއި ވެހިކަލް ލޯނަށް އެދޭ ފަރާތްތަކުން ޕްރީ-ބުކިންގް ހައްދަން ނުޖެހޭނެކަން ބީއެމްއެލް އިން ފާހަގަ ކުރެއެވެ. އެގޮތުން 3330200 އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

އެކައުންޓް ހުޅުވުމުގެ ހިދުމަތުގެ އިތުރުން އެ ސެންޓަރު މެދުވެރިކޮށް ލުއި ލޯނު، ވެހިކަލް ލޯނު، ހައުސިންގް ލޯނު،، ލައިފްސްޓައިލް ލޯނު އަދި ކިޔަވާ ލޯނަށް އެދި ހުށަހެޅޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެ ސެންޓަރަކީ އަމިއްލަ ފަރުދުންނަށް ހިދުމަތް ދިނުމަށް ހާއްސަކޮށްގެން ގާއިމު ކުރި ސެންޓަރެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.