ކުޑަ ފިރިހެން ކުއްޖެއްގެ ބެލެނިވެރިކަން، ޑިސްއޭބިލިޓީ އެމްބެސެޑާ ކަމުން ދުރު ކޮށްފައިވާ، ގ. ނީރުވިކް އަހުމަދު ހިޝާނާ ހަވާލު ނުކުރުމަށް، 2017 ވަނަ އަހަރު ފެމިލީ ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް ވެސް އެކުއްޖާ އޭނާގެ ބެލެނިވެރިކަމުގެ ދަށުގައި އޭނާގެ ގޭގައި ގެންގުޅޭ މައްސަލައިގައި ހައިކޯޓުން ޖެންޑާ މިނިސްޓްރީއާ ސުވާލު ކޮށްފިއެވެ.
މި ކަމާ ޖެންޑާ މިނިސްޓްރީއާ ހައިކޯޓުން ސުވާލު ކުރީ، އެކުއްޖާ ހިޝާނާ ހަވާލު ނުކުރުމަށް، 2017 ވަނަ އަހަރު ފެމިލީ ކޯޓުން ކުރި ހުކުމް ހިޝާންގެ ފަރާތުން ހައި ކޯޓުގައި 2018 ވަނަ އަހަރު އިސްތިއުނާފު ކޮށްފައިވާތީ، މިއަދު ބޭއްވި އެކަމާބެހޭ ޝަރީއަތުގެ މަޖިލީހުގައެވެ.
ހިޝާން އެ މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ، އެ ކުއްޖާގެ ބެލެނިވެރިކަން އޭނާއާ ހަވާލު ނުކުރުމަށް ފެމިލީ ކޯޓުުން ކުރި ހުކުމުގައި ސަބަބު ބަޔާން ކޮށްފައި ނެތުމުންނެވެ.
އެކަމުގެ ސީދާ ސަބަބު ފެމިލީ ކޯޓުގެ ހުކުމްގައި ބަޔާން ކޮށްފައި ނުވި ނަމަވެސް، ކޯޓުން އެގޮތަށް ހުކުމް ކުރީ، ހިޝާންއާ ބެހޭގޮތުން ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ މައްސަލައިގައި ފުލުހުންގެ އިންޓެލިޖެންސުން ދިން މައުލޫމާތާއެކު ހިޝާންއާ ގުޅޭ ގޮތުން ދައުލަތުގެ ފަރާތުން ހުށަހެޅި އެސެސްމެންޓް ރިޕޯޓަކަށް ބެލުމަށްފަހު ގައި ކަމަށް ހުކުމްގައި ބުނެފައިވެއެވެ.
ކުޑަކުދިންތަކަކާ ބެހޭ ގޮތުން ފުލުހުން ބަލަމުންދާ މައްސަަލައަކާ ގުޅިގެން ހިޝާންގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ. އަދި އެ މައްސަލައިގައި އޭނާ ވަނީ ފުލުހަށްވެސް ހާޒިރު ކޮށްފައެވެ. އޭނާ މި މައްސަލަ އިސްތިއުނާފު ކުރި ނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހަކަށް ހާޒިރެއް ނުވެއެވެ. އަދި އެކުއްޖާގެ މަންމަވެސް ހާޒިރެއް ނުވެއެވެ. އެހެންކަމުން ހައިކޯޓުގެ ގަވާއިދުގައިވާގޮތުގެ މަތިން އެ މައްސަަލަ ކޯޓުން ވަނީ ބާތިލު ކޮށްފައެވެ.
ނަމަވެސް ފަނޑިޔާރުން ވަނީ ޝަރީއަތުގެ މާލަމަށް ވަޑައިގެން، މައްސަލައިގެ ހައްސާސްކަން ފާހަގަ ކުރައްވައި ކަމާބެހޭ މައުލުމާތު އޮޅުންފިލަންޖެހޭ ކަމަށް ވިދާޅުވެ، ޖެންޑާ މިނިސްޓްރީން ކޯޓަށް ވަޑައިގެންނެވި، ލީގަލް އޮފިސަރު އައިމިނަތު ސުނީތާ އާއި ބަންޑާރަ ނައިބުގެ އޮފީހުން ވަޑައިގެންނެވި ގާނޫނީ ވަކީލުންނާ ސުވާލު ކުރައްވައިފައެވެ.
މިއަދުގެ އަޑުއެހުން ސިއްރު ކުރުމަށް ޖެންޑާ މިނސިްޓްރީން ކޯޓުގައި އެދުނު ނަމަވެސް މައްސަލައިގެ ހައްސާސްކަމުން އެކަން ކުރަން ބޭނުން ނުވާ ކަމަށް ހައިކޯޓުން ކޯޓުން ބުންޏެވެ. ހައިކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވަނީ އެ ދެ މުއައްސަސާގެ ވަކީލުންނަށް މައްސަލައާ ބެހޭގޮތުން ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.
އެގޮތުން ބެލެނިވެރިންގެ ރުހުން އޮތްއިރުވެސް ފެމިލީ ކޯޓުން އެކުއްޖާގެ ބެލެނިވެރިކަން ހިޝާންއާ ހަވާލު ނުކުރީ ކީއްވެތޯ ޖެންޑާ މިނިސްޓްރީން ބަލަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނިކޮށް ހިޝާނާ ގުޅޭ ގޮތުން ނުބައި ކަންތައްތަކެއް ފާހަގަވާން ފެށުމުން އެކަން ޖެންޑާ މިނސްޓްރީގެ ސަމާލުކަމަށް ގެނެސް، މައްސަލައަށް ތަދައްހުލުވާން އަންގަވާފައި ވާއިރު އެކަމަށް ޖަވާބު ނުދިނީ ކީއްވެތޯވެސް ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.
ޖަވާބު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ ލީގަލް އޮފިސަރު ވިދާޅުވީ، ހައިކޯޓުގެ އެންމުގާ ގުޅިގެން މައްސަލައަށް ތަދައްހުލުވާން ޖެންޑާ މިނިސްޓްރީން ބަންޑާރަ ނައިބުގެ އޮފީހާއެކު ބައްދަލުވުންތައް ބޭއްވި ކަމަށެވެ. އަދި އެކަމާބެހޭ ގޮތުން ޖެންޑާ މިނިސްޓްރީގެ ސްޓޭންޑް ހިމަނައިގެން ރިޕޯޓެއް އެކުލަވައިލި ނަމަވެސް، ހިޝާނަށް އޮނަރަރީ ޑިސޭބިލިޓީ އެމްބެސެޑާގެ ލަގަބު އެރުވިކަން ސިޓީއަކުން ރައީސް އޮފީހުން އެންގުމާ ގުޅިގެން މައްސަލައަށް ތަދައްހުލު ނުވާން މިނިސްޓްރީން ނިންމީ ކަމަށެވެ.
އޭޖީ އޮފީހުގެ ވަކީލުވެސް ވިދާޅުވީ ޖެންޑާ މިނސިްޓްރީން އެ މައްސަލައަށް ތަދައްހުލު ވުމުގެ ކަންތައްތައް ކުރިޔަށް ގެންދިޔަ ކަމަށާއި، އެ މައްސަލައަށް ތަދައްހުލު ނުވާން މިނިސްޓްރީން ނިންމުމުން އެމަސައްކަތް ކުރިއަށް ނުގެންދިޔައީ ކަމަށެވެ.
ފަނޑިޔާރު ނިޔާޒު ވިދާޅުވީ ހިޝާންއާ ގުޅޭ ޝަކުވާތައް ހައިކޯޓުން ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައި ވަނިކޮށް އޭނާއަށް އޮނަރަރީ ލަގަބު އެރުވުމުން ހައިރާންވި ކަމަށެވެ. އެ މައްސަލަ ކުރިއަށް ދިޔައިރުވެސް އެކުއްޖާ މިއޮތް ހުރިހާ ދުވަސްވީ އިރު ވެސް ހުރީ ހިޝާންގެ ގޭގައިކަން ކޯޓަށް އެނގިފައިވާ ކަމަށާއި، އެ ކުއްޖާގެ ރަޖިސްޓްރީ ވެސް ހިޝާންގެ ގެއަށް ބަދަލުކޮށްފައިވާކަން އެނގިފައިވާކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
ހިޝާނާ މެދު އެހާ ސީރިއަސް ތުހުމަތުތަކެއް ކޮށް، ދައުލަތުގައި އެކަމާ ގުޅޭ ރިޕޯޓްތައް ހުރިއިރު އެފަދަ މީހެއްގެ ހަވާލުގައި އެ ކުއްޖާ ހުރިޔަ ދިނީ ކީއްވެގެންތޯ ފަނޑިޔާރު ޖެންޑާ މިނިސްޓްރީއާ ސުވާލުކުރެއްވި އެވެ.
ޖެންޑާގެ ވަކީލު ވިދާޅުވީ އެ ކުއްޖާއަކީ 18 އަހަރު ފުރިފައިވާ ކުއްޖެއް ކަމަށެވެ. ނަމަވެސް ފަނޑިޔާރު ވިދާޅުވީ ކުއްޖާގެ ނަފުސާނީ މައްސަލަތައް ހުންނަކަން އެސެސްމެންޓްތަކުން އެނގޭ ކަމަށެވެ. އެހެންކަމުން ބުއްދި ތަސައްރަފު ނުފުދޭ މީހަކު ބަލާނީ ކުޑަ ކުއްޖެއްގެ ގޮތުގައި ކަމަށާއި، އެ ކުއްޖާ ހުރި ތަނާއި ހާލަތު ދައުލަތުން ބަލަން ޖެހޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ބަންޑާރަ ނައިބުގެ ވަކީލު ވިދާޅުވީ 2018 ވަނަ އަހަރު ހިޝާންގެ މައްސަލަތައް ފާހަގަވުމުން ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކުއްޖާ ބެލެހެއްޓުން ބަލަދުވެރިޔަކާ ހަވާލު ކުރަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ކުއްޖާއާ ހަވާލުވާނެ މީހަކު ނުވި ކަމަށް ބުންޏެވެ.
ފަނޑިޔާރު ނިޔާޒު ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ޒިންމާއަކީ އެފަދަ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށާއި، އެކަމާބެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ. ނަމަވެސް މި މައްސަލާގައި އެގޮތަށް އަމަލުކޮށްފައިވާ ކަމަށް ފެންނަން ނެތް ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.