ޚަބަރު

ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ބައްޕަގެ ބަންދަށް ވެސް އިތުރު 15 ދުވަސް

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުފުރޭ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި އެކުއްޖާގެ ބައްޕަގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ މައްސަލައިގައި ކުއްޖާގެ ބައްޕަ، ގއ. ކަނޑުހުޅުދޫ/ ރިހިވެލި، އަބްދުއްސަލާމް ހައްޔަރުކުރީ ރަށުން މާލެ އައިސް ހުޅުމާލެ ފުލެޓެއްގެ ތެރޭގައި ހުއްޓައި މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އެދުވަހު އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ ކޯޓު އަމުރުގައި ބުނާ ގޮތުން، އަބްދުއްސަލާމްގެ ބަންދަށް އިއްޔެ ވަނީ 15 ދުވަސް އިތުރުކޮށްފައެވެ. އެ މުއްދަތު ހަމަވާނީ މިމަހުގެ 17 ވަނަ ދުވަހަށެވެ. އަދި މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

މުއްދަތު އިތުރުކުރި ސަބަބެއް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކަމަށެވެ. އަދި އޭނާއަށް ތުހުމަތުކުރަނީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގަމުންދާކަން އެނގިހުރެ ނޭންގުން އަދި ކުޑަކުދިން ބެލުމުގައި އިހުމާލުވުމެވެ.

މި މައްސަލާގައި ކުއްޖާގެ ކާފަ އާއި މުނިކާފަ ވެސް ހުރީ ހައްޔަރުގައެވެ. އުމުރުން 62 އަހަރުގެ ކާފަ އާއި 81 އަހަރުގެ މުނިކާފަ ހައްޔަރުކުރީ ހުސްވި މަހުގެ 16 ވަނަ ދުވަހު ކަނޑުހުޅުދޫންނެވެ. އަދި ހައްޔަރުކޮށް ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖެހިއެވެ. ނަމަވެސް އެމުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ދެ މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފައެވެ.

އެ މައްސަލައިގައި ހަައްޔަރު ކުރި މުނި ކާފަ އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މިހާރުވެސް ޝަރީއަތް ކުރަމުންދާ މީހެކެވެ. އަދި ކާފަ އަކީ ވެސް އެފަދަ ތާރީހެއް އޮތް މީހެއްކަމަށް އެށަށުން މައުލޫމާތުދިން ބައެއް މީހުން ބުންޏެވެ. އަދި އޭނާ އަކީ އެ ރަށު މިސްކިތު މުދިމެވެ. ނަމަވެސް އޭނާގެ މުދިމު ކަމުގެ ހުއްދަ މިހާރު ވަނީ ބާތިލުކޮށްފައެވެ.