އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 31

އަބްދުﷲ ފާރޫގް ހަސަން

3

(1 ފެބުރުއަރީގެ އަދަދާ ގުޅޭ)

مثــنّـى ޖަވާބު ދެއްވިއެވެ. "އިރުއޮއްސޭއިރަށް ދަތުރު ފަށާނަމެވެ. ކަލާ معـنّـى އަށް ވިދާޅުވެދެއްވާށެވެ."

حسّان އަވަސްއަވަހަށް ބޭރަށް ނުކުމެވަޑައިގެންފިއެވެ. مثــنّـى އެކަލޭގެފާނުގެ ފަހަތްޕުޅުގައިހުރި ކުޑަދޮރު ކައިރިއަށް ވަޑައިގެން ބޭރު ބައްލަވާން ފައްޓަވައިފިއެވެ. އިރުކޮޅެއްގެ ފަހުން حسّان އާއި معـنّـى އާ ދެބޭފުޅުން އެކޮޓަރިއަށް ވެދެވަޑައިގެންފިއެވެ. مثــنّـى އެނބުރިވަޑައިގެން އެކަލޭގެފާނުގެ ކޮއްކޯފުޅާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "معـنّـى އެވެ! ބޭބެ އިރުއޮއްސޭއިރަށް ދަތުރު ފަށާނަމެވެ. ބޭބެއާއެކު ގެންދާނީ އެންމެ ދެއަސްވާރުންނެވެ. ނަމަވެސް ފުރުމުގެ ކުރީން ބޭބެ ބޭނުންވަނީ، މާދަމާ ހެނދުނާ ހަމަޔަށް އަޅުގަނޑުމެންގެ ހުރިހައި އެކުވެރީން ސަރަޙައްދުގެ ކައިރީގައިހުރި އާ އަސްކަރުގާހަށް ދާނެކަމުގެ ޔަޤީންކަން ހޯދުމެވެ. ނަމަވެސް އީރާނީންނަށް އަޅުގަނޑުމެން މިސަރަޙައްދު ހުސްކުރިކަން ކަށަވަރުވިޔަދީގެން ނުވާނެއެވެ. މިތާނގެ ޢާއްމުންގެ ހިތްވަރު އެލުނަ ނުދިނުމަށްޓަކައި އަސްވާރުންގެ ޖަމާޢަތްތައް މިހިސާބުގަނޑުގައި ބުރުޖަހައި މިބައިމީހުންނާ ގުޅުން ބެހެއްޓުމަކީ ބޭނުންކަމެކެވެ. އަސްވާރުންގެ އެއްބަޔަކު އެނބުރި އައުމުން އަނެއްބަޔަކު ފޮނުއްވާނީއެވެ. ނިހާޔަތަށް ބޭނުންވެއްޖެ ހިނދެއްގައި މެނުވީ ހަނގުރާމަޔާ ދުރުހެލިވާން ޖެހޭނެއެވެ. އަޅުގަނޑުމެންގެ މީހުންނަށް އެއްވެސް ދިމާޔަކުން ފަހަތަށްޖެހޭން ޖެހިއްޖެނަމަ ތަންކޮޅެއް ދުރުން ކޮންމެވެސް އެހެންތަނަކަށް ޙަމަލާ ދޭންވާނެއެވެ. ހަފްތާތަކެއްގެ ފަހުން މެނުވީ އީރާނީން އަޅުގަނޑމެންނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވާން ފަށާނެކަމަކަށް ހީއެއް ނުވެއެވެ. ނަމަވެސް ބޭބެ ނެތީސް އެފަދަ ޙަމަލައެއް ކުރިމަތިވެއްޖެނަމަ އަޅުގަނޑުމެންގެ ފަހަތުގައި އީރާނީންގެ އަޅުވެތިކަމުގެ ދަށުން ނެއްޓި ތިބި ހުއިހައްޕާ މީހުންގެ ގޭގެއިން ތިޔަބޭފުޅުންނަށް ޙިމާޔަތް ލިބިވަޑައިގަންނަވާނެއެވެ.

حسّان ގެ ފަހަތްޕުޅުން އަންނަ މުހާޖިރުންގެ ޤާފިލާ އެބައިމީހުންގެ ގެދޮރު ދޫކުރާން ޖެހުނުގޮތަށް ބަލާއިރު ކޮއްކޮގެ އެންމެ ފުރަތަމަ ވާޖިބަކީ އެބައިމީހުން ޙިމާޔަތްކުރެއްވުމެވެ. ވީހައި އަވަހަކަށް މިހިސާބުގަނޑުގެ އަވަށްތަކުގެ ކުރިޔަށްތިބި މީހުން އެއްކުރައްވާށެވެ. ބޭބެ ޔަޤީންކުރާގޮތުގައި އެބައިމީހުންގެ ޙާލުގައި ޖެހިފައިތިބި އަޚުންނަށް އެބައިމީހުންގެ ގޭގެއިން ދުވަސްކޮޅަކަށް ޖާގަދޭނެއެވެ. މުހާޖިރުންކުރެ ހަނގުރާމަވެރި ފިރިހެނުންނަށް ކޮއްކޮމެންނާއެކު ޢަސްކަރީ މަރުކަޒުގައި ތިބެވިދާނެއެވެ. ނަމަވެސް އަންހެނުންނާއި ކުޑަކުދީންނާ ބެހޭގޮތުން މިހިސާބުގަނޑުގެ މީހުންގެ އެހީ ހޯއްދަވަން ޖެހޭނެއެވެ. އަޅުގަނޑުމެންގެ ބުރުޖަހާ އަސްވާރުންގެ އެންމެ އިސްކަމަކީ ފުރާތުކޯރުގެ އައްސޭރިޔާ ހަމައިން ފެށިގެން އީރާނީން ޙަރަކާތްތެރިވަމުންދާގޮތުގެ ޚަބަރު ހޯދައި އަޅުގަނޑުމެންގެ ލަޝްކަރަށް އެންގުމެވެ. ނުރައްކަލެއް ކުރިމަތިވާނަމަ ވަގުތު އޮއްވައި މުހާޖިރުން ސަރަޙައްދު ހުރަސްކޮށް ރައްކާތެރި ތަންތަނަށް ފޮނުއްވާން ވާނެއެވެ. ބޭބެ މަދީނާއަށް ދިޔަކަން އަޅުގަނޑުމެންގެ ލަޝްކަރުގެވެސް އިންތިހާދަރަޖައިގެ ޒިންމާދާރު މީހުން ފިޔަވައި އެހެންބަޔަކަށް އެނގިގެން ނުވާނެއެވެ. މިހިސާބުގަނޑުގެ މީހުން ބޭބެ ނުފެންނާތީ ކަންބޮޑުވެގެން އުޅޭނަމަ ބޭބެ ދިޔައީ ސިއްރު މަސައްކަތަކު ކަމުގައި ވިދާޅުވާށެވެ. އެކަށީގެންވާ ވަގުތު އައުމުން އެބައިމީހުންނަށް ހުރިހައި ތަފްޞީލުތަކެއް ލިބުމުން ކަމަކާނުލައި އެބައިމީހުންނަށް ކަމެއް ސިއްރުކުރިކަމުގެ ޝަކުވާއެއް ނޯންނާނެއެވެ. ކޮއްކޮ އަރިހުގައި حسّان ހުންނަވާނެއެވެ. ބޭބެ މިތާނގައި ނެތިދާ ދުވަސްވަރު އޭނާއަކީ ކޮއްކޮއަށް ރަނގަޅު މުޝީރަކަށް ވާނެއެވެ."

ވިއްސަކަށްދުވަސްފަހުން އެއްދުވަހެއްގެ މެންދުރުވަގުތު ޖަމަލެއްގެ މަތީގައި އައި ޤާޞިދެއް މުޢަސްކަރަށް ވަދެއްޖެއެވެ. މުޖާހިދުންތައް ވަގުތުން ފޭލިގެތަކުން ނުކުމެ އޭނާ ވަށައިލިއެވެ. މިއައި މީހަކީ مثــنّـى އެކަލޭގެފާނުގެ އަރިހުގައި ގެންދެވި މީހުންކުރެ އެކެކެވެ.

މުޖާހިދުން ސުވާލުކުރާން ފެށިއެވެ. "مثــنّـى ކޮބައިހެއްޔެވެ؟ ކަލޭ ތިޔައައީ ކޮންތަކުން ހެއްޔެވެ؟ މިހާދުވަސްވާންދެން ހުރީ ކޮންތަނަކު ހެއްޔެވެ؟"

ސަވާރު ބިންމައްޗަށް ފައިބައި ހިތްހަމަޖެހުމާއެކު ޖަވާބުދޭން ފެށިއެވެ. "مثــنّـى ހުންނެވީ ހޮޔޮޙާލުކޮޅުގައެވެ. ވަރަށް އަވަހަށް އެނބުރި ވަޑައިގެންފާނެއެވެ. އަހަރެން ތިޔަބައިމީހުންނަށް ވަރަށް އުފާވެރި ޚަބަރެއް ދީފާނަމެވެ. معـنّـى ވަޑައިގެންވީ ކޮންތަނަކު ހެއްޔެވެ؟"

حسّان މީހުންތައް ދުރުކުރައްވަމުން ވަރަށް ބާރަށް އެތެރެއަށް ވެދެވަޑައިގެން ޤާޞިދުގެ އަތުގައި ހިއްޕަވައިފައި ވިދާޅުވިއެވެ. "އަހަންނާއެކު އަންނާށެވެ." އިތުރު އެއްޗެއް ބުނުމަކާނުލައި ޤާޞިދު حسّان ގެ އަރިހުގައި ހިނގައްޖެއެވެ.

معـنّـى ދާދި ކައިރީގައިހުރި އޭނާގެ ފޭލިގެކޮޅުގެ ކުރިމަތީގައި ހުންނެވިއެވެ. ޤާޞިދު ކުރިޔަށްޖެހި "السّـلام عليكم" އެވެ ދަންނަވައިފައި އޭނާގެ ކޮތަޅުން ސިޓީއެއް ނަގައި معـنّـى ގެ އަތްޕުޅަށް އަރުވައިފިއެވެ.

معـنّـى ސުވާލުކުރެއްވިއެވެ. "ބޭބެ ވަޑައިގަންނަވާނީ ކޮންއިރަކުން ހެއްޔެވެ؟"

"އަޅުގަނޑަށް ހީވާގޮތުގައި އެކަލޭގެފާނު އަދި ދެހަފްތާއެއްހައި ދުވަހު މަދީނާގައި ހުންނަވާން ޖެހޭނެއެވެ."

"އެންމެ ރަނގަޅެވެ. އެތެރެއަށް ހިނގާށެވެ."

އޭނާ ފޭލިގެއަށް ވަދެއްޖެއެވެ. معـنّـى ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއެކު ސިޓީ ކަނޑުއްވައިގެން ސަޓާމަތީގައި އިށީނދެވަޑައިގެންފިއެވެ. مثــنّـى ލިޔުއްވައިފައިވެއެވެ.

"ލޯބިވާ ކޮއްކޯއެވެ. ބޭބެ أميـرالمؤمنـين أبوبكر الصّدّيق رضى اللّـه عنــه އާ ބައްދަލުވެއްޖައީމެވެ. އެކަލޭގެފާނަށް ޢިރާޤުގެ ކަންހުރިގޮތް ދަންނަވާކަށް ކުޑަކޮށްވެސް އުނދަގުލެއް ނުވެއެވެ. އަޖަމްގެ މުޅި ޗާޓުވަނީ އެކަލޭގެފާނުގެ ކުރިފުޅުމަތީގައެވެ. ނަމަވެސް ޢިރާޤަށް ޙަމަލަދެއްވުމުގެ ކުރީން خــالــد بــن الـوليـد އާ މަޝްވަރާ ކުރައްވާން أميـرالمؤمنـين ބޭނުންފުޅެވެ. އެހެންކަމުން ޔަމާމާއިން ސީދާ މަދީނާއަށް ވަޑައިގަތުމަށް އެކަލޭގެފާނަށް މިހާރުވަނީ ދެންނެވިފައެވެ. މިހާރު ބޭބެ މިހުންނަނީ އެކަލޭގެފާނުގެ އިންތިޒާރުގައެވެ. أبوبكر رضى اللّـه عنــه ބޭބެގެ ވާހަކަ އަޑުއެއްސެވުމަށްފަހު މަދީނާގެ ކުރިޔަށް ތިއްބެވި ބޭކަލުންގެ ލަފާ އެއްސެވިއެވެ. ބޭބެގެ ހުށަހެޅުމަށް އެބޭކަލުން ވަރަށް ފޯރިޔާއެކު ތާއީދު ކުރެއްވިއެވެ.

އެމާތް ބޭކަލުންގެ ޖަލްސާތަކުގައި ބޭބެ ކުޑަކޮށްވެސް ބީރައްޓެހިވާކަށެއް ނުޖެހެއެވެ. އެބޭކަލުންގެ ތެރޭގައި މުޅި އީރާނުގެ ހުރިހައި ކަންކޮޅުތަކެއް ދެނެވަޑައިގަންނަވާ ބޭބޭކަލުންވެސް އެބަތިއްބެވިއެވެ. ޢިރާޤަށް ޙަމަލަދިނުމާމެދު خــالــد ގެ ޚިޔާލުފުޅު ހުންނާނީ ކޮންގޮތަކަށްތޯ ދެންނެވުމުން އެބޭކަލުން ވިދާޅުވިއެވެ. "خــالــد ގެ ޚިޔާލުފުޅު އަޅުގަނޑުމެންނަކާ ތަފާތެއް ނުވާނެއެވެ. އަނެއްކޮޅުން އީރާނުގެ ސަރުކާރާމެދު އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓާންވީ ކޮންގޮތަކަށްތޯއެއް أميـرالمؤمنـين خــالــد ގެ އަރިހަކުން ނުއައްސަވާނެއެވެ. އިސްލާމްދީނާއި މަޖޫސީދީނާ ދެމެދު ހަނގުރާމަ ހިނގާނެކަން أميـرالمؤمنـين އަށް އެނގިވަޑައިގަންނަވާނެއެވެ. خــالــد ބަލައިފޮނުއްވީ އެކަލޭގެފާނަކީ ވަރަށް މަތިވެރި ޢަސްކަރީ ލީޑަރަކަށްވެފައި ހަނގުރާމަޔާމެދު އެކަލޭގެފާނުގެ އަންދާޒާއެއް ދުވަހަކު ސީދާނުވެ ގޮސްފައި ނެތުމާއެކުގައެވެ. އެކަލޭގެފާނާ ސުވާލުކުރައްވާނީ ޢިރާޤުގެ މައުރަކާއަށް އަޅުގަނޑުމެންނަށް ބޭނުންވާނީ ކިހައި ސިފައިންނެއްކަމާއި، ސިފައިން ތައްޔާރުކުރުމަށް ބޭނުންވާނީ ކިހައި ދުވަހެއްތޯއާއި، އަވަސް ޙަމަލައަކަށް އީރާނުގެ ޙާލަތު ތަންދޭތޯ ނުވަތަ ނޫންތޯއާއި، އަޅުގަނޑުމެން އަދި ދުވަސްކޮޅަކު އިންތިޒާރު ކުރާންވީތޯއާއި މިބާވަތުގެ ސުވާލުތަކެކެވެ. އަޅުގަނޑަށް ޔަޤީނެވެ. خــالــد ކުޑަވެސް ލަސްކުރުމެއްނެތި ޢިރާޤަށް ސިފައިން ފޮނުވުމަށް މަޝްވަރާ ދެއްވާނެއެވެ. އަޅުގަނޑުގެ މިޔަޤީންކަމުގެ ސަބަބަކީ އެކަލޭގެފާނު ހަނގުރާމައިގެ ކަންތައްތައް ރޭއްވެވުމުގައި މީގެކުރީން ދުވަހަކުވެސް ބޭރުފުށުން ފެންނަ ފެނުންތަކުގެ މައްޗަށް ބިނާކުރައްވައިގެން ކަންތައްތައް ރާއްވަވައިފައި ނުވާކަމެވެ. އަދި ކީއްތޯއެވެ؟ ކޮންމެ ހަނގުރާމައެއްގައިމެ އެކަލޭގެފާނު ސާބިތުކޮށްދެއްވައިފައިވަނީ އިސްލާމީ ޣާޒީން ޝަހީދުވުމުގެ ޢަޒުމުގައި މައިދާނަށް ނުކުތުމުން އެބައިމީހުންގެ ކޮންމެ ފިޔަވަޅަކަށް މާތް اللّـه ނަޞްރު ދެއްވާކަމެވެ.

މިހާރު ކޮއްކޮއަށް ކޮއްކޮގެ އެކުވެރީންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވިދާނެއެވެ. ބަދުރުގެ މައިދާނުން އެލަޝްކަރެއްގެ ފުތޫޙާތަށް ފަށައިފައިވާ ލަޝްކަރުގެ އިސްލަޝްކަރުގެ މީހުންކަމުގައިވުމުގެ ޝަރަފު މާތް اللّـه ތިޔަބައިމީހުންނަށް ދެއްވުމުގެ ވަގުތު އެބައާދެއެވެ. ޢިރާޤުގެ އަނިޔާ ލިބިފައިވާ ނިކަމެތީންގެ ގާތުގައިވެސް މާތް اللّـه ގެ ބިމުގައި ޢަދުލުއިންޞާފުގެ ދިދަ ޖެހުމުގެ ޒިންމާ ޤަބޫލުކޮށްފައިވާ މީހުންތިބީ ތިޔަބައިމީހުންގެ ޙާލާމެދު ޣާފިލުވެފައެއް ނޫނޭ ވިދާޅުވެވިދާނެއެވެ."

އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. حسّان ހުންނެވީ މުސްލިމުންގެ އަސްކަރުގާހާ ތަންކޮޅެއް ދުރުގައިހުރި ވެލިފަރުބަދައެއްގެ މަތީގައެވެ. ހުޅަނގުދެކުނު ފަރާތުން އެފަރުބަދައިގެ ތިރީގައިވާ ތަނަވަސް ވާދީގެ ތަންތަންކޮޅުން ކަދުރުރުކުގެ ފުނިފުންޏާއި ގެރިބަކަރި ހުއިހައްޕާ މީހުންގެ އަވަށްތައް ފެންނާން ހުއްޓެވެ. އެއަށްވުރެ ތަންކޮޅެއް ދުރުން ފެށިފައިއެވަނީ ލޮލުކޮޅަށްގޮސް އޮބައިލައިފައިވާ ނިވައިކަމެއްނެތް ފަރުބަދަތަކުގެ ސިލްސިލާއެކެވެ. އިރުއުތުރުފަރާތުން ފަރުބަދަތައް މަޑުމަޑުން ތިރިވަމުންގޮސް ގުޅިފައިއެވަނީ ފުރާތުކޯރުގެ ފެނުގެ ސަބަބުން އާރޯކަންލިބޭ ފެހިކުލައިގެ މައިދާނާއެވެ. އެތިރިބިމުން ދެމޭލެއްހައި ދުރުން އެފެންނަނީ ޙައްޤުގެ މަގުގައި ދަތުރުކުރާ މުޖާހިދުންގެ ފޭލިގެތަކެވެ. އެބައެއްގެ ކޮމާންޑަރަށް ކެތްތެރިކަމެއްނެތި އިންތިޒާރު ކޮށްކޮށްތިބި މުޖާހިދުންގެ ފޭލިގެތަކެވެ.

ވޭތުވެދިޔަ ދިހަވަރަކަށް ދުވަހުއްސުރެ حسّان ގެ އާދަޔަކަށް ހައްދަވައިފައިވަނީ ކޮންމެދުވަހަކުވެސް ފަތިސްނަމާދުން ނިމިވަޑައިގެން ހިންގަވައިލެއްވުމުގެ ބަހަނާގައި ފޭލިގެއިން ނުކުމެވަޑައިގެން ދުވެވަޑައިގެންފައި ވަޑައިގެން އެފަރުބަދަޔަށް އަރައިވަޑައިގަތުމެވެ. އޭނާ އެތައް އިރެއްވާންދެން އުސް ފަރުބަދަތަކާ ދިމާއަށް ބައްލަވާން ހުންނަވައެވެ. އޭނާ ހިތްޕުޅު ބަރުކަމާއެކު އެނބުރި ފޭލިގެއަށް ވަޑައިގަންނަވަނީ ހުޅަނގުފަރާތަށް ދެމިފައިވާ ދިގު ހިޔަނިތައް ކުރުވެ ހެނދުނުގެ އުފާވެރި ވައި ހޫނުކަމަށް ބަދަލުވާން ފެށުމުންނެވެ. ބައެއްފަހަރުފަހަރު އޭނާ އަސްމަތީގައި ވަޑައިގެން އެވާދީއަށްވުރެ ދުރުން ކޮންމެވެސް އުސްފަރުބަދަޔަކަށް އަރައިވަޑައިގެންވެސް مثــنّـى بــن حــارثـــة رضى اللّـه عنــه ވަޑައިގަންނަވާތޯ މަގު ބައްލަވާން ހުންނަވައެވެ.

މިއަދުވެސް އޭނާ އެތައްއިރެއްވަންދެން އެއުސްފަރުބަދަތަކާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ. އޭނާ ހިތްޕުޅު ކުޑައިކުރައްވައި ބިންމަތީގައި އިށީނދެވަޑައިގެންފިއެވެ. މަޑު ވެލިގަނޑުމަތީގައި އޭނާގެ އިނގިލިފުޅުން ރޮނގުދަންމަވާން ފައްޓަވައިފިއެވެ. އޭނާ އަތްޕުޅުން އެރޮނގުތައް ފޮއްސަވައިލެއްވުމަށްފަހު ތެދުވެވަޑައިގެން ދެވަނަފަހަރަށް ފަރުބަދަތަކާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. އިރުކޮޅެއްގެފަހުން އޭނާ އެނބުރި ފޭލިގެއަށް ވަޑައިގަންނަވާން ޤަޞްދުކުރެއްވިތަނާ އިރުދެކުނުފަރާތުގެ ފަރުބަދައެއްގެ އުސްކުންނެއްގެ މަތީން އޭނާއަށް ޖަމަލުތަކަކާއި އަސްތަކެއްގެ ފަނޑުފަނޑު ހިޔަންޏެއް ފެނިވަޑައިގެންފިއެވެ. ހަމައެވަގުތު އޭނާގެ ފަހަތްޕުޅުން ކޮންމެވެސް މީހެއްގެ އަޑު އިވިވަޑައިގެންފިއެވެ. "حسّان އެވެ! ކަލާ މިތާނގައި ތިޔަކުރައްވީ ކީއްތޯއެވެ؟" "حسّان ފަހަތަށް އެނބުރިވަޑައިގެން ބައްލަވައިލެއްވިއިރު معـنّـى بــن حــارثـــة އާއި އެކަލޭގެފާނުގެ ދެއެކުވެރީން އަސްމަތީގައި ތިއްބެވިއެވެ. "مثــنّـى ވަޑައިގަންނަވާތޯ މަގު ބަލަނީއެވެ." حسّان އޭނާގެ ހިތްޕުޅުގެ މައްޗަށް ބާރުފޯރުއްވެވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ވިދާޅުވިއެވެ. "مثــنّـى އެބަވަޑައިގަންނަވައެވެ. ބޮޑު ލަޝްކަރަކާއެކު އެބަވަޑައިގަންނަވައެވެ." "ކަލާއަށް ހުވަފެނެއް ފެނިވަޑައިގަތީތޯއެވެ؟ "معـنّـى ވިދާޅުވިއެވެ.

حسّان އޭނާގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވިދާޅުވިއެވެ. "އަޅުގަނޑުގެ މިހުވަފެން ދޮގެއްނުވާނެއެވެ. އަޅުގަނޑު މި އިޝާރާތްކުރާ ދިމާއިން ދުރުން އެފެންނަ ފަރުބަދަޔާ ދިމާޔަށް ބައްލަވަ ބައްލަވާށެވެ."

معـنّـى އާއި އެކަލޭގެފާނުގެ އެކުވެރީން حسّان އަތްޕުޅުން އިޝާރާތްކުރައްވާ ދިމާޔަށް ޙައިރާންކަމާއެކު ބައްލަވާން ތިއްބަވައިފައި معـنّـى ވިދާޅުވިއެވެ. "އަޅުގަނޑަށް ހީވަނީ ކަލާ ތިޔަހުންނެވީ ހަމަ ހުވަފެންފުޅެއްގައި ހެންނެވެ."

حسّان ޖަވާބުދެއްވިއެވެ. "ނޫނެކެވެ. ނޫނެކެވެ. މިއީ ހުވަފެނެއް ނޫނެވެ. އަޅުގަނޑަށް ޔަޤީނެވެ. އަޅުގަނޑު ވަރަށްގިނަ އަސްތަކަކާއި ޖަމަލުތަކެއް ދުށީމެވެ. އެއީ ވަރަށް ދުރެވެ. އެފެންނަ ފަރުބަދަމަތިންނެވެ. މިހާރު ޖެހިގެންހުރި ފަރުބަދައިގެ ނިވަލަށް އެޅުނީއެވެ. ކަލޭގެފާނު އިރުކޮޅަކު މަޑުކުރައްވާށެވެ. އޭރުން ހުވަފެނާއި ޙަޤީޤަތާ ދެމެދުގެ ފަރަގު އެނގިވަޑައިގެންފާނެއެވެ."

(ނުނިމޭ)