ވާހަކަ

ކޮންމެ ހިނދެއް - 20

2

އަތުގައި އޮތް ޓީވީ ރިމޯޓް ތިރީގައި އަޅާފައި އޮތް މަހްމާ ކާޕެޓް މައްޗަށް ހޫރާލާފައި އޭނާ ދެއަތް އަޅުވާލީ އުކުޅުވަޅުގައެވެ. ނޭފަތް އެތެރެއަށް ދަމާލެވުނު އިރު ކަރުނަ ތިއްކެއް އޭނާގެ ކޯތާފަތް ހުރަސްކޮށްފިއެވެ.

ޙާޖަރަށް ނިދިފައި އޮތުމުން އެކޮޓަރީގައި މާގިނަ އިރެއް ނުކޮށް އާވާއާއި މާހިލް ބޭރަށް ނިކުތެވެ. ކާމޭޒު ކައިރީގައި މާހިލް އިށީނީ ޒިންކު ކައިރިއަށް ގޮސް ދެއަތް ރީއްޗަށް ދޮވުމަށް ފަހުގައެވެ. އޭނާއަށް ސޯފާގައި އިން ކިޔާން ފެންނަން އިނެވެ.

"އޭނައަށް ގޮވަންވީނުން ކާން" މާހިލް އާވާއަށް ބުނެލިއެވެ. އާވާ ހީލާފައި ކިޔާން ފެންނަ ހިސާބަށް ޖެހިލިއެވެ.

"ކިޔާން....!ކިޔާން..." ކިޔާން އާވާއަށް ބަލައިލީ އޭނާ ދެފަހަރު ގޮވާލުމުންނެވެ.

"އާދޭ ކާން. ދާމް އަންނާނީ ތަންކޮޅެއްފަހުން" ކިޔާން ބަލައިލުމާއެކު އާވާ ބުނެލިއެވެ.

ދެ ވިސްނުމެއް އިނދެފައި އެންމެފަހަށް ކިޔާން ތެދުވިއެވެ. އައިސް މޭޒު ކޮޅުގައި ހުރި ގޮނޑީގައި އިށީނެވެ. އާވާ ކިޔާންއަށް ތައްޓެއް ކައިރިކޮށްލިއެވެ. މާހިލް އެކޭ އެއްފަދައިން ކިޔާންއަށް ވެސް ކާއެއްޗެހި އެޅިއެވެ. މާހިލް އެއްފަހަރު ކިޔާންގެ މޫނަށް ބަލައިލިއެވެ. ކެއުން ކުރިއަށް ދިޔައިރު މާހިލް ދެތިން ފަހަރު ކިޔާންއަށް ބަލައިލިއެވެ. އޭނާގެ ފުށުން ހިމޭންކަން ނޫން އެހެން އެއްޗެއް ނުފެންނާތީ މާހިލްވެސް ޚިޔާރުކުރީ ހިމޭންކަމެވެ.

"އުލަކާ ސަމްސަލެއްތަ؟ ނޫނީ ދެ އޫ ތަ؟" އާވާ އަހައިލީ ކިޔާން އަށެވެ. ކިޔާން އާވާއަށް ބަލައިލީ ޤަބޫލުނުކުރެވިފައެވެ. ނޫޑްލްސް ރޮށިފަދަ އެއްޗެހި ކަންޏާ އަބަދުވެސް ކިޔާން ބޭނުންވާނީ ދެ އޫކަން އާވާއަށް ނޭނގިއެއް ނުދާނެއެވެ. އެހާ ދުރުކޮށްލަނީ ކީއްވެގެން ހެއްޔެވެ؟

މާހިލް ކާން ފެށުމާއެކު އާވާ އިށީނީ މާހިލް އާ ޖެހިގެން ހުރި ގޮނޑީގައެވެ.

"ޝާނިމް ސަރ ނުލާ އައީ ކީއްވެތަ؟" އާވާ އަހައިލިއެވެ.

"ޝާން މާޔާ އާއެކު ބޭރަށް ދިޔައީ ކާން. ދެކުދިން މެރީކުރަނީނު ވަރަށް އަވަހަށް. އެވީ ކައިރީގައި ހީވަނީ މާޔާ މިރޭ އެވާހަކަ ބުނާނެހެން" މާހިލް ވާހަކަދެއްކިއެވެ.

ހިމޭންކަމާއެކު ތައްޓަށް ބަލަހައްޓައިގެން އިން ކިޔާންގެ ދުލުކުރީގައި އެންމެ އެތިކޮޅެއްވެސް ޖައްސައިނުލައެވެ. އޭނާ ދެކަންފަތް ހުޅުވާލާފައިވަނީ އާވާއާއި މާހިލް ދައްކަމުންދިޔަ ވާހަކަތަކަށެވެ. އެހެންއިނދެ އިރުކޮޅަކާ އޭނާ އާވާގެ މޫނަށް ސިއްރުން ބަލައިލައެވެ. މާހިލްއާއި މެދު އޭނާގެ ހިތުގައި ހަސަދައިގެ ވަރުގަދަ އަލިފާންގަނޑެއް އުފެދެމުން ދިޔައެވެ.

"ކާލަބަލަ... ވަރަށް މީރު. އެވީ އަމިއްލައަށް ކައްކާފަ ރަހަވެސް ބަލާނުލަމެއްނު" އުލުން އެތިކޮޅެއް އާވާގެ އަނގައަށް މާހިލް ލަވައިދިނެވެ. އެމަންޒަރުން ކިޔާންއަށް އުނދަގުވިއެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނީ ކުއްލިއަކަށެވެ. އާވާ އެއްޗެއް އަހާލުމުގެ ކުރިން ކިޔާން ހިނގައިގަނެއްޖެއެވެ.

"ކިޔާން...ކިޔާން..." ދެފަހަރަކު އާވާ ގޮވައިލުމުންވެސް ކިޔާން ޖަވާބެއްނުދިނެވެ. އާވާ ބަލައިލުމާއެކު ދެލޮލުން އިޝާރާތެއް ކޮށްލިއެވެ.

"ކަމެއް ގޯސްވީތަ..؟" މާހިލް އަހައިލިއެވެ.

"އަޅާނުލާ. އެއީ އޭނަގެ ވައްތަރު. ބަނޑުހައިވީމަ އަންނާނެއްނު ކާން" އާވާ ހިތްހަމަނުޖެހުނެވެ. ކިޔާން އެދިޔައީ ކީއްވެގެންކަން އާވާއަށް ވިސްނުނެވެ. އެހެންވިޔަސް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ.

ދަރުބާރުގޭގައި އޮތް ރަސްމިއްޔާތަށް ދިޔުމަށްޓަކައި ދެމަފިރިން ނިކުތީ މެހްމާނުންނަށް ދަޢުވަތު ދީފައިވާ ގަޑީގެ ވިއްސަކަށް މިނިޓް ކުރިންނެވެ. އެހިސާބަށް ދެވުމާއެކު ކާރު ދުރުގައި ޕާކް ކޮށްފައި ދެމަފިރިން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ކޮންމެސް ވަރަކަށް ދެ ޖީންސުގެ މީހުން ތިއްބެވެ. މާހިލްގެ އަތުގައި ހިފާލައިގެން ހިނިތުންވެލައިގެން ހުރި އާވާގެ ތުންފަތުގައިވި ހިނިތުންވުން ފެނި އެންމެ އަސަރުކުރީ ސުހާއާއި ޙަމްނާއަށެވެ. ދެކުދިންވެސް ތިބީ އާވާއަށް ދެލޯ އަޅާލައިގެންނެވެ. އެމަންޒަރު އާވާއަށް ނުފެނެއެވެ. އޭނާއަށް ހިޔާ އަޅައިދޭ ބޮޑު ގަސް ހުރީ އޭނާއާއި ދާދި ކައިރީގައެވެ. ވީއިރު މާދުރުން ހިޔާ ލިބޭތޯ ބަލަންވީ ކިއްކުރަން ހެއްޔެވެ؟ ބަދަލުގައި އޭނާ މާހިލްގެ އަތްތިލައަށް ބާރުކޮށްލިއެވެ. އެކަން މާހިލްއަށް އިހުސާސް ވުމާއެކު އާވާއަށް ބަލައިލިއެވެ. އަދި އޭނާގެ އަތުތެރޭގައި އޮތް އާވާގެ އަތްތިލަ ގެނެސް އޭނާގެ މޭގައި ޖައްސައިލިއެވެ. ކައިވެނީގެ ފަހުން އެކުގައި އާވާ ގެނައި މިއީ ފުރަތަމަ ޙަފްލާއެވެ. އެހެންކަމުން މި ޙަފްލާ އޭނާއަށް ވަރަށް ހާއްސައެވެ.

ސުހާ ބަލައިލީ ކައިރީގައި ހުރ ޙަމްނާ ނޭފަތް ދަމާލިހެން ހީވުމުން އޭނާއަށް ހީވި ކަމެއް ޔަޤީންކުރަން ވެގެންނެވެ.

"ސުހާ!! އަހަރެން ހިތަށް އަރަނީ އަހަރެން ހާދަ ނަސީބުދެރައޭ. އަޅެ އަހަރެން ވަރަށް ހުތުރުތަ؟ ކިހާ ރީތި ހެދުމެއް މިހާރުވެސް ލައިގެން މިހުރީ. ،މިއޮތީ އިސްތަށިގަނޑުވެސް ފެންނާކަށްނު. އެ އާވާގެ ކިބައިން މާހިލްއަށް ކޯޗެއް ފެނިގެން އެއުޅެނީ. މިހާރުވެސް ލައިގެން އެހުރި ހެދުމުން އޭނާގެ އަންހެންވަންތަ އެއްވެސް ސިފައެއް ނުފެނޭ. ބޮޑުކަމެއް" ޙަމްނާ ވާހަކަދެއްކިއެވެ.

"އެ އަތް ތެރޭގައި އޮންނަން ޖެހޭނީ އަހަރެންގެ އަތޭ..." ޙަމްނާ ދަތްކުނޑި ވިކައިގަތެވެ.

"އަހަރެންނަށް ތިހާ ވަރެއް ނުވޭ. ނާއްތަގެ ފަރާތުން މިހާރުވެސް އަހަރެންނަށް ވަރަށް ސަޅި މީހުންނާއެކު ސްލީޕް ކުރެވިއްޖެ. އަހަރެންނަށް ރަނގަޅީ އެ އާވާގެ ދިރިއުޅުން ރޫޅުނިއްޔާ" ސުހާ ބުނެލިއެވެ.

ހަސަދައިން ފުރިގެންވި ލޯތައް އާވާއަށް އަމާޒުވެފައި ހުރީ ހަމައެކަނި ސުހާއާއި ޙަމްނާގެ ފަރާތުން އެކަންޏެއް ނޫނެވެ. ވަންނަން ފެށި މެހްމާނުންގެ ތެރޭގައި ގިނައީ މޫނު ބުރުގާ އަޅާފައި ތިބި ކަނބަލުންނެވެ. އޭގެ ތެރޭގައި ހުރި ނާދިޔާގެ ވިހަގަދަ ދެލޯ އާވާގެ މޫނުން އެންމެ ހިނދުކޮޅަކަށްވެސް ނައްޓައިގެން ނުދެއެވެ. ނަފްސު ކޮންޓްރޯލް ކޮށްގެން ހުރިއިރު ވަގުތެއް ލިބުނިއްޔާ އޭނާ ހުރީ އާވާގެ މޫނުމަތީގައި ވަކި އަޅައިގަންނަންވެސް ތައްޔާރަށެވެ. މާހިލްގެ މޫނަށް ރުޅިވެރިކަމާއެކު ބަލައިލި ނަމަވެސް ދެވަނަ ސިކުންތުގައި މޮޅިވެރިކަމަށް އެ އަސަރުތައް ބަދަލުވެގެން ދެއެވެ.

ޝަރަފްވެރި މެހްމާން އިސްލާމިކް މިނިސްޓަރު ވަޑައިގަތުމާއެކު މާހިލް ދިޔައީ އެދިމާލަށެވެ. މާހިލްގެ ފަސްފަހަތުގައި އާވާ ހުއްޓެވެ. ވާހަކަދައްކާލަން މަޑުކޮށްލިތާ އިރުކޮޅެއްވީތަނާ އާވާއަށް އޭނާގެ ކުރިމަތިން ދެ އަންހެންކުދިން ހަނާ އަޅާލި ތަން ފެނުނެވެ. މާހިލް ކައިރީގައި ބުނެލާފައި އާވާ އެދިމާލަށް ހިނގައިގަތެވެ. އަމާޔާ އަދި ރައުހާ ތިބީ އެތައް ދުވަހަކަށް ފަހު އެތަނުން އާވާއާއި ބައްދަލުވުމުން އުފާވެފައެވެ. ދެކުދިންގެ ހެދުން އެޅުމުގެ ވައްޓަފާޅި ހުރީ އެއްގޮތަށެވެ.

"އެވީ ހާދަ ލޯތްބޭ މިރޭ. ކާކު ގިފްޓްކުރި ހެދުމެއް؟" އާވާގެ ހެދުމަށް ނަޒަރެއް ދެމުން ރައުހާ އަހައިލިއެވެ.

"މާހިލް ނޫނީ ކާކު ދޭނީ" އާވާ ބުނެލިއެވެ. ކަޅު ކުލައިގެ ދެމޭފޮތީގެ ދިގު އަބާޔާ ހެދުމަކަސް އެ ހެދުމުގައި ތަފާތު ރީތިކަމެއް ވެއެވެ.

"ފަށަނީ. އަހަރެން ދަނީ. ފަހުން ބައްދަލުކުރާނަން" އާވާ ދާން ހިނގައިގަތެވެ.

"ބަލަބަލަ... އެވީ ނުދިޔަސް އެކަން ކުރަން ހަމަޖައްސާފައި ތިބި ކުދިން ބަރާބަރު ޓައިމަށް ރަސްމިއްޔާތު ފަށާނެ" އަމާޔާ ބުނެލިއެވެ.

"ނޫނޭ. ނުފެށޭނެ. ބަސްއަހައިގެން ތިބެބަލަ. ކުޑައިރުކޮޅަކުން ތިދެކުދިންވެސް ތިބޭނީ ސަޕްރައިޒްވެފަ" އާވާ ހިނގައިގަތެވެ. މާހިލްއާއި އެކީގައި ގޮސް އަމާޔާމެންގެ ލޯމަތިން އާވާ ގެއްލިއްޖެއެވެ. އެހިސާބުން އާވާއާއި ބައްދަލުވީ އެމީހަކު ދެކިލާހިތުން އޭނާގެ ހިތްތެޅި ފޮޅެމުން ދިޔަ އިންސާނާއެވެ. އޭނާގެ ބައްޕަ ރިޒާއެވެ. ރިޒާ ލޯތްބާއެކު އާވާގެ ނިތުގައި ބޮސްދެމުން ބޮލުގައި ފިރުމައިލިއެވެ. އަދި ފޯނު ހުޅުވާލާފައި ޤުރުޢާން އެޕް ދައްކައިލިއެވެ. ހީވާގޮތުން އެއްޗެއް އޮޅުންފިލުވައި ދެނީއެވެ.

ރަސްމިއްޔާތު ފެށިގެން ދިޔައީ ކީރިތި ޤުރުޢާންގެ މޫރިތިވި އާޔަތްތަކުންނެވެ. އޮފީހުގެ މުވައްޒަފުންނަށް ޚައިރާންކަމެއް ލިބިގެން ދިޔައީ ޤުރުޢާން ކިޔަވަމުން އެދަނީ އާވާކަން އިނގުމުންނެވެ. އަމާޔާއާއި ރައުހާ އެކަކު އަނެކަކަށް ބަލައިލަމުން ހިނިތުންވެލިއެވެ. އެންމެ ކުރީ ސަފުގައި އިން މާހިލްގެ ނަޒަރު އާވާގެ މޫނުން އެންމެ ހިނދުކޮޅަކަށްވެސް ވަކިކޮށް ނުލައެވެ. އާވާ ކިޔަވަމުން ދިޔަ ވަރަކަށް ރިޒާ ދިޔައީ އަތުގައި އޮތް ފޯނުން ޗެކް ކުރަމުންނެވެ. އެދަރިފުޅު ކުށެއް ނުކިޔާކަން އޭނާއަށް އިނގޭއިރުވެސް އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. ތަނަށް ވެރިވެފައިވި ހަމަހިމޭންކަމުގައި ރަސްމިއްޔާތުގައި ހާޟިރުވެ ތިބި ކޮންމެ މީހެއްވެސް ވަނީ އާވާގެ އެ އަޑަށް ގެއްލި ހުސްވެފައެވެ.

ކިޔެވުން ނިންމާފައި އާވާ ސްޓޭޖްމަތިން ފައިބައިގެން އައިސް އޭނާއަށް އިށިންނަން ހާއްސަކޮށްފައިވާ ތަނުގައި އިށިންނަން އުޅުނު ވަގުތު އަނުމް ގުޅައިފިއެވެ. އެހެންކަމުން އާވާ އެއްކައިރިއަކަށް ޖެހިލިއެވެ. އެތަނުން ނިވައިވަންދެން މާހިލް އާވާއަށް ބެލިއެވެ. އެކަން އާވާއަށް ފާހަގަވެސްވިއެވެ.

އަނުމް ބުނީ އޭނާ ބޭރުގައި މަޑުކޮށްލައިގެން ހުރި ކަމަށާއި އެކަނި ހުރުމުން ވަންނަން ނުކެރިފައި ހުރި ކަމަށެވެ. އާވާ އެދިމާލަށް މިސްރާބު ޖެހިއެވެ. ދޮރު މައްޗަށް އެރި އާވާ ފެނުމާއެކު އަނުމް ދުވެލާފައި އައިސް އާވާ އާއި އަރާ ހަމަކުރިއެވެ.

"ދުވަހަކުވެސް އަނޫއަށް ތަނަކަށް ގަޑިއަށް ނާދެވޭނެ" އާވާ ބުނެލިއެވެ.

"ސޮރީ ޑާލިންގް. މަގުމަތީގަ ޓެކްސީއެއް ނުލިބިގެން އެނބުރެނިކޮށް އިނގޭތަ މިތަނަށް ގެނެސްދިނީ ކޮންބައެއްކަން" އާވާއާއި އެއްވަރަށް ހިނގަމުން ދިޔަ އަނުމް ބުނެލިއެވެ.

"ކޮންބައެކޯ؟ އަނެއްކާ ޕްރެޒިޑްންޓްގެ ކާރު ކޮޅުގަތަ؟" އާވާ އަހައިލިއެވެ.

"ފުލުހުންތަކެއް. އެމީހުންގެ ވެހިކަލްގަ. ހީވާގޮތުން ޕެޓްރޯލިންގަ އުޅުނު ފުލުހުންތަކެއް އެއީ. އެތެރޭގަ ޖާގަ ފުލްވެފަ އިނީމަ ކުރީ ޝީޓްގަ އިން ބޯއީއެއް ފައިބާފައި އެތަނުގަ މަ ބޭންދީ" އަނުމް ވާހަކަދެއްކިއެވެ.

"ޝުކުރުއަދާކުރިންތަ ދެން" އާވާ އަހައިލިއެވެ.

"ހަނދާނެއްނެތް. އަހަރެން ބޭނުން އަހަރެންނަށް ޖާގަދޭން އޭގެއިން ފޭބި ޕޮލިހަށް ޝުކުރުއަދާކުރަން. މިޒަމާނުގަ އުޅޭނެތަ އެހާ ރަނގަޅު ކުދިން. މިތަނަށް އަވަހަށް އަންނަން ހިތްއަވަސްވެފަ ހުރިވަރުން ހުރިހާ ކަމެއް ހަނދާނުން ކައްސާލީ. އެކުއްޖާގެ މޫނެއްވެސް ނުފެނުނު" އަނުމް ވާހަކަދެއްކިއެވެ.

"ދެންވެސް އާދޭ.. އަނޫ އެބަޖެހޭ ދެކުއްޖަކާ މީޓްކޮށްލަންވެސް" އަނުމްގެ އަތުގައި ހިފާ ކައިރިއަށް ދަމާލަމުން އާވާ ބުނެލިއެވެ.

"އެވީ!! އަހަރެންނަށް ހާދަ ލަހުންނޭ ދޯ މިއާދެވުނީ. މިހާރު ފަށައިގެން ނިމެނީ ދޯ. އެބައުޅޭތަ ރީތި ބިޓުންކޮޅެއް" އަނުމް މަޖާވެލާފައި ބުނެލިއެވެ.

"ބިޓުން ހޯދަން ދޯ ތިއައީ. ކިހާ ރީތި ބިޓެއް ދޫކޮށްލާފަ ތިއައީ. މިބުނީ ޤާދިރުގެ ވާހަކަ" އާވާ ބުނެލިއެވެ. އަނުމް ތުން އަނބުރާލިތަން ފެނުމުން އާވާއަށް ހެވިއްޖެއެވެ.

ރަސްމިއްޔާތުގެ ވަކި ހިސާބަކުން ކެއުމަށް އިންސާފު ކުރެވެން ފެށިއެވެ. އޮފީހުގައި މަސައްކަތްކުރާ ހުރިހާ އަންހެންކުދިން އެއް މޭޒެއްގެ ދަށުގައި ތިބިއިރު އަނުމްއާއި އާވާ ބައިވެރިވިއެވެ. އެންމެކޮޅުގައި އިން ޙަމްނާއާއި ސުހާ ކުދި ކިޔަމުން ދިޔައިރު އެދެމީހުންނަށް ސަމާލުކަންދޭ ބަޔަކު އެތަނުގައި ނެތެވެ.

"ޙަމް! ނިކަން މޭކަޕްތައް ފަނޑުވުމުގެ ކުރިން ގްރޫޕް ފޮޓޯއެއް ނަގާފަ އެފްބީ ސްޓޯރީއަށް ވައްޓަބަލަ" ސުހާ ބުނެލިއެވެ. ޙަމްނާ ތެދުވެ ފޮޓޯނަގަން ތައްޔާރުވި ވަގުތު އާވާ ޙަމްނާއަށް ގޮވައިލިއެވެ.

"އަޅުގަނޑު ބައިވެރިއެއް ނުވާނަން" ވަގުތުން އާވާ ދެކޮޅު ހެދިއެވެ.

"ކިހިނެއްވީ؟؟ މިއީ ވެސް މީހާ ފާފަވެރިވެގެން ގޮސް އާޚިރަތުގެ ރެޑް އެލަރޓްގަ މީހާ ހުންނަންޖެހޭ ވަރުގެ ކަމެއްތަ؟" ސުހާ ބުނެލިއެވެ.

"ފޮޓޯ ނަގާފަ އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފާ އަމިއްލައަށް އިޝްތިހާރުވާން އުޅޭނަމަ މީހާއަށް ފާފަ ލިބިދާނެ. އެކަމަކު އަޅުގަނޑު ބައިވެރިނުވާނަމޭ މިބުނީ ކޮންމެހެން އެހެންވެއެއް ނޫން. މީހުންގެ އެސްފީނާ ޖެހޭނީ ކޮންއިރަކުކަމެއް ކިހިނެއްކަމެއް ބުނާކަށް ނޭނގޭ" އާވާ ވާހަކަދެއްކިއެވެ.

"އޯއެމްޖީ... އެސްފީނާވެސް އާވާ ޤަބޫލުކުރަންތަ؟ އާ އެހެންނެއްނު ވާނީ. އުމުރުން ދުވަސްވީ މީހަކާއި އިނީމަ ހުންނާނީ މުސްކުޅި ވިސްނުންތަކެއްނު" ސުހާ ބުނެލިއެވެ. އާވާއާއި ޙަމްނާގެ ވާހަކަތައް ކޮންމެ ގޮތަކަށް ހުރިނަމަވެސް މިފަހަރު އާވާ އެކައްޗެއްވެސް ހިތަށް ނޭރިއެވެ.

އާވާ އެއަށް ރައްދު ނުދިނެވެ. ގޮތެއްނެތް ބަޔަކު ދައްކާ ވާހަކައަކަށް ރައްދު ދޭނީ މޮޔައެއް ނޫން ހެއްޔެވެ؟ އެހެންނޫނަސް އެތަނުގައި މައްސަލަގަނޑެއް ހޫނުކޮށްލައިގެން ލޯބިވާ ފިރިމީހާގެ ކަރާމާތަށް ބުރޫއަރާ ޒާތުގެ އެއްވެސް އަމަލެއް ހިންގަން އޭނާ ބޭނުމެއްނުވާނެއެވެ. އެރެއަށް މާހިލް ކުރި ދިގު އިންތިޒާރު އޭނާއަށް ވުރެ ބޮޑަށް އިނގޭނެ އެއްވެސް މީހަކު ނެތެވެ.

"ޤަބޫލުކުރިޔަސް ނުކުރިޔަސް އެސީފީނާއަކީ ޙަޤީޤަތެއް. ބައެއް މީހުން ދެކޭ ގޮތުގައި އެސްފީނާއަކީ އޭގައި އެއްވެސް ހަޤީގަތެއް ނުވާ ފްލޯކް ވާހަކަތަކެއް. އެހެން ނުވާންވީ ސަބަބެއްވެސް ނެތް. އެސްފީނާގެ ވާހަކަ ގިނަ މީހުންނަށް އެނގިފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ތުންތުންމަތިން ކަމުގައިވެސް ވާތީ. ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި މިވާހަކަތައް އަޅުގަނޑުމެންނާ ހަމައަށް ފޯރާފައި ވަނީ ވަރަށް މަދުން ކަމަށްވެސް ވެދާނެ. އަޅުގަނޑުމެންގެ ވިސްނުން ކޮންމެ ގޮތަކަށް އޮތަސް އެސްފީނާއަކީ ހަޤީގަތެއް. އޭގެ ސަަބަބުން ވަރަށް ގިނަ ކަންތައްތަކެއް ކުރިމަތިކުރުވާފާނެ ނުރައްކާތެރިކަމެއް. މިކަން ޤުރުޢާނާއި ސުންނަތުގެ އަލީގައި ފެންނަން އެބަހުުރި. ކިތަންމެ ގިނަ ބަޔަކު މިކަމަށް އިންކާރު ކުރިޔަސް މިކަމުގެ ޙަޤީޤަތް ޤަލަމް ސޫރަތުގެ 51 ވަނަ އާޔަތުގެ ވަރަށް ސާފުކޮށް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވާފައި. 'ކާފިރުވި މީހުން ޤުރުޢާނުގެ އަޑު އެހި ހިނދު، އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލާއި، ވައްޓައިލުމާއި ގާތްކުރެއެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ މޮޔައެކެވެ' މީގެ މާނައަކީ އެއުރެންގެ އެސްފީނާ ޖެހުމެވެ. ﷲ ތައާލާގެ އިޒުނަފުޅާއި ލައިގެން އެސްފީނާއަކީ އޮތް އެއްޗެއް ކަމުގެ މައްޗަށް މި އާޔަތުން ދަލީލު އެބަލިބޭ. މިއީ ޙަޤީޤަތް. އެސްފީނާގެ ސަބަބުން ކުއްލިއަކަށް މީހުން މަރުވެފައިވެސް އެބަހުރި. އަހަރެމެންމީ އެއްވެސް ބާރެއް އޮތް ބައެއްނޫން" އާވާގެ ވާހަކަތަކުން ތަނުގައި ތިބި ކޮންމެ މީހަކަށް ވަނީ ވަރަށް ބޮޑަށް އަސަރު ކުރުވާފައެވެ. ތަނަށް ވެރިވެފައިވި ހަމަހިމޭންކަން އެކަމުގެ ހެއްކަކަށް ފުދެއެވެ.

"އަމައްޔާތް... ދައްކާ ހަމަނުޖެހޭ ވާހަކަ. ހިނގާ ޙަމް މިތަނުން ދާން. އެހެންނޫނަސް މިއިން މީހަކާއެކު ފޮޓޯ ނެގުމަށް ވުރެ މާ ތާހިރުވާނެ އަހަރެމެން އަމިއްލައަށް ނަގައިފިއްޔާ" ސުހާ ފުންމައިގެން ތެދުވެ ޙަމްނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

"ހެޔޮ ވިސްނުން ދެއްވާށި..." އާވާއަށް އެ ދެކުދިންނަށް ނަފްރަތެއް ނުކުރެވެއެވެ. އެދެކުދިންގެ ވިސްނުން ބަދަލުވެފައިވާ މިންވަރު އޭނާއަށް އަންދާޒާ ކުރެވެއެވެ. އޯގާތެރިއެއްގެ ހިތްހެޔޮ ބަސްތަކުން އެދެކުދިންނަށް ހިދާޔަތް ދެއްކެވުން އެއީ އާވާގެ ދުޢާ އެވެ.

ރަސްމިއްޔާތު ނިމި އާވާގެ ދެމަފިރިންނާއި ޝާނިމް ގެއަށް ދިޔައީ އެއް ކާރުގައެވެ. ގޭތެރެއަށް ވަދެވުމާއެކު އެއްވެސް މީހަކު ވާހަކަދައްކާލަން މަޑު ނުކުރިއެވެ. މާހިލް ސިޑިން އަރައިގެން ދާން ހެދުމުން އާވާ މިސްރާބު ޖެހީ ބަދިގެއާއި ދިމާލަށެވެ. މާހިލް ފަހަތް ބަލައިލިއިރު އާވާ ފެންނަން ނެތުމުން އޭނާ ފަހަތުން ނުގޮސް މައްޗަށް އެރީ ފާހާނާއަށް ދާން ބޭނުންވެފައި ހުރުމުންނެވެ. އާވާ ބަދިގެއަށް ވަދެ ހުރިހާ އެއްޗެއް ހުރީ ރަނގަޅަށްތޯ ޔަޤީންކުރިއެވެ. އެހެނީ ދުވާލުގެ ހުރިހާ ވަގުތެއް އޭނާ ހޭދަކުރީ ޙާޖަރު ކައިރީގައި ކަމަށްވާތީ އޭނާ ބަދިގެއަށް އެއްވެސް ވަރަކަށް ނުވަދެއެވެ. ނިދުމުގެ ކުރިން ބަލާ ޗެކްކޮށްލުމަކީ ރަނގަޅުކަމެއްގެ ގޮތުގައި އޭނާގެ ސިކުނޑިއަށް ޤަބޫލުކުރެވޭތީއެވެ.

ކޮޓަރިއަށް ދާން ހިނގައިގަނެފައިވެސް ޓޮމީގެ ހާލު ބަލައިލަން އޭނާ އެސޮރުގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ދޮރު މައްޗަށް އަރާފައި އޭނާ ސިއްރު ސިއްރުން ބޯދިއްކޮށްލިއެވެ. ބަނޑު ޖަހާލައިގެން އޮތް ޓޮމީ މީހެއްގެ ހިލަންވިކަން އިނގުމާއެކު ފުންމައިގެން އައިސް ޖެހުނީ ދޮރު ބުޑުގައެވެ. އަނގައިން ނިކުތް ބާރު ހަޅޭކެއްގެ އަޑާއެކު އާވާ ފަހަތަށް ޖެހުނެވެ. ހަމަ އެހާ އަވަހަށް އަނގަމަތީގައި އަތް އަޅާ އަޑު ހިންދާލަން މަސައްކަތް ކުރިއެވެ.

ބިރު ކަނޑުވާލަމުން އާވާ ކުރިއަށް ހެލިލިއެވެ. ލަސްފިޔަވަޅުތަކެއް އަޅަމުން ދޮރުމަތީގައި އޮތް ޓޮމީއާއި ދުވަހަކު ކައިރިނުވާހާ ކައިރިއަށް ދިޔައެވެ. އާވާ މަޑުމަޑުން ޓޮމީ ކައިރީގައި އިށީނދެފައި ޓޮމީގެ ބޮލުގައި ފިރުމާލަން އަތް ގެންދިޔައެވެ. ދެތިން ފަހަރު އަތް ކައިރިކޮށްލާފައިވެސް އާވާއަށް އެސޮރުގެ ބޮލުގައި އަތްލަން ނުކެރުނެވެ. ދެލޯ މަރާލުމަށްފަހު އޭނާއަށް ޓޮމީ ބޮލުގައި އިނގިލި ކުރި ޖައްސައިލިއެވެ. އެހިނދު ޓޮމީ އޭނާއަށް ބަލައިލިއެވެ. ސިއްސައިގެން ގޮސް އާވާއަށް ކޮޅަށް ތެދުވެވުނެވެ. ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް އޭނާ މަތަވީ އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރި މާހިލްގެ ގައިގައި ޖެހިފައެވެ.

"ވަރަށް އުފާވެއްޖެ. ވަރަށް ދެކިލާހިތުން އުޅުނު މަންޒަރެއް މިފެނުނީ" އާވާ ގަޔާ ކައިރިކޮށްލަމުން މާހިލް ބުނެލިއެވެ.

"މާހިލް ގޮތަށް އަދި ފެންނާނެ ޓޮމީ އުރާލާފައި ހުއްޓާވެސް. މިހާރު ބިރު އެބަކެނޑޭ" އާވާ ބުނެލިއެވެ.

"ހިނގާ ދެން ނިދަން. ޓޮމީ އަކީ ރޭގަނޑަށް ހެލާ އުޅޭ އެއްޗެއް. އޭނަ ނިދާނީ ދުނިޔެ މައްޗަށް އިރުގެ އަލިކަން ފެތުރުނީމަ" މާހިލް ބުނެލިއެވެ.

"އެކަނި އެހެން އޮންނަންވީމަ ހާދަ ފޫއްސެއްވާނޭ ޓޮމީ" ސިޑިން އަރައިގެން ދަމުން އާވާ ބުނެލިއެވެ. މާހިލް ހަމައެކަނި ހިނިގަނޑަކުން ފުއްދާލީއެވެ.

ހުކުރު ދުވަހެވެ. ހުދުކުލައިގެ ޖުއްބާގައި ހުކުރަށްދާން ތައްޔާރުވެގެން ނިކުތް މާހިލް ފެނި އާވާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ލައްވާފައިވާ ރަޙްމަތަށް އޭނާ ހިތާހިތުން އެތައް ފަހަރަށް ޙަމްދު ކުރިއެވެ. ކޮޓަރިން ނިކުމެ ނިކުމެ ހުރި މާހިލްގެ ފުރަގަހުން އާވާ ބައްދައިލިއެވެ.

"ހާދަ ލޯތްބެއް. މިގަޑީގަ ނުހިފަހައްޓާ ދޫންޏާ... އެވީ ގޮވައިގެން އެނދަށް އަރަން ޖެހިދާނެ" ލޯތްބާއެކު އާވާގެ ކޮލުގައި ފިރުމާލަމުން މާހިލް ބުނެލިއެވެ.

"ހަމަ ބައްދާލާހިތްވީ. ޓީވީން ފެންނާނެ ދޯ މާހިލް ހުތުބާ ކިޔާތަން" އާވާ ބުނެލިއެވެ.

"ޔަޤީނެއްނު. އެކަމަކު ހުތުބާ ކިޔަން ފެށުމުގެ ކުރިން އެވީ ވާނެ އިނގޭ މެންދުރު ނަމާދުކޮށްގެން ޓީވީ ހުޅުވަން" މާހިލް ބުނެލިއެވެ. އާވާ ބޯޖަހައިލިއެވެ. އަދި މާހިލްއާއި ގާތަށް ޖެހިލުމަށްފަހު އޭނާގެ ފައިން މާހިލްގެ ދެފައިތިލަ މައްޗަށް މަޑުމަޑުން އެރިއެވެ. އެއަށްފަހު މާހިލްގެ މޫނުގެ ދެފަރާތުގައި ހިފާ އޭނާގެ މޫނާއި ގާތްކޮށްލިއެވެ. ކުޑަކޮށް ފުންނާބުކޮޅުން ހިއްލާލުމަށްފަހު މާހިލްގެ ނިތުގައި ބޮސްދީފިއެވެ. އެއަށްފަހު މާހިލްއަށް ދިނީ ލޯބިން ފުރިގެންވީ ހިނިތުންވުމެކެވެ.

އާވާ ކޮޓަރިއަށް ވަނީ މާހިލްއާއި ޝާނިމް ގެއިން ނިކުތުމުން އެތެރެއިން ދޮރު ލޮކްކޮށް ބަދިގެއަށް ވަދެ ކެއްކި އެއްޗެހިތައް ހުރީ ރަނގަޅަށްތޯ ބެލުމަށްފަހުގައެވެ.

ހުކުރު ނަމާދަށްފަހު މާހިލްއަށް މިސްކިތުން ނިކުމެވުނީ އެންމެ ފަހުންނެވެ. އޭނާ ޖީބުގައި އޮތް ފޯނު ބަލައިލިއިރު ޝާނިމްގެ މެސެޖެއް ލިބިފައި އިނެވެ. އޭނާ ކުއްލިއަކަށް ބޮޑު ފާހާނާއަކަށް ދާން ޖެހުމުން ނަމާދުކޮށް ނިމުނުތަނާ ގެއަށް އައި ކަމުގައި ބުނެފައި އޮތެވެ. އިސްލާމީ މަރުކަޒުގެ އަމީރު އަޙްމަދު މަގުގައި އޭނާގެ ކާރު ޕާކްކޮށްފައި ހުރި ދިމާލަށް ހިނގައިގަތެވެ.

ބަލަން ތިބި މީހުންނަށް މާބޮޑު ސަމާލުކަމެއް ނުދީ މާހިލް ކާރަށް އަރަން އުޅުނު ވަގުތު މީހަކު އެއްޗެއް ބުނިހެން ހީވިއެވެ. ޔަޤީން ނުވެގެން އުޅެނިކޮށް އޭނާގެ ކަންފަތުގައި ޖެހުނު އަޑަކުން ފުރަތަމަ ސިކުންތުކޮޅުގައި ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ހިތުގައި ފޫހިކަމެއް އުފެދިއްޖެއެވެ. ހުޅުވާލައިގެން ހުރި ކާރުގެ ދޮރުފަތުގައި އަތުން ހިފާލައިގެން ހުރި ހިސާބަށް ބާރުކޮށްލެވިއްޖެއެވެ. ދުވާލުގެ މިފަދަ ވަގުތެއްގައި މަގުމަތީގައި ޑްރާމާއެއް ކުޅެން އޭނާ ބޭނުމެއްނުވިއެވެ. މާހިލް އުޅުނީ ޖަވާބެއް ނުދީ ކުރިއަށް ދާށެވެ.

"މުދިންބޭ...." އަޑުގައި ވަނީ މަލާމާތުގެ އަސަރެވެ. މާހިލްއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އޭނާ ލަސްލަހުން ފަހަތަށް އެނބުރުނެވެ.

(ނުނިމޭ)