ދުނިޔެ

ކޮރޯނާއަށް ޕޮޒިޓިވްވި މާބަނޑުމީހަކު ވިހައިފި، ދަރިފުޅު ކޮރޯނާއަށް ނެގެޓިވް

މުހައްމަދު އައުޒަމް

ޗައިނާގައި ކޮރޯނާއަށް ޕޮޒިޓިވްވި މާބަނޑުމީހަކު ވިހައިފި ކަމަށާއި ދަރިފުޅު ކޮރޯނާއަށް ނެގެޓިވެ ވެފައިވާކަމަށް ހޮސްޕިޓަލުގެ އޮފިޝަލުން ބުނެފިއެވެ.

ހާބިން ސިޓީގެ މައި ހޮސްޕިޓަލުގެ ނައިބު ރައީސް ނާހުއި ވިދާޅުވީ މިމީހާއަށް ކޮރޯނާ ޖެހިފައިވާކަން ކަށަވަރުވެފައި ވަނީ ބަނޑަށް 38 ހަފުތާގައި ކަމަށާއި ޓެސްޓުކުރިއިރު ހުން ހުރީ 37.3 ގައިކަމަށެވެ. އަދި ޑޮކްޓަރުންގެ މަޝްވަރާގެމަތިން މިދިޔަ ހުކުރު ދުވަހު ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގާފައިވާ ކަމަށެވެ.

ސިޒޭރިއަން ހެދުމަށްފަހު ދަރިފުޅު ނެގިއިރު ސިއްހަތު ރަނގަޅުކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި ދަރިފުޅުގެ ބަރުދަނުގައި ތިން ކިލޯ ހުރި ކަމަށާއި ހެދި ޓެސްޓުތަކުން ކޮރޯނާގެ އަސަރު ފެނިފައި ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މިދިޔަ ހުކުރުދުވަހު ހެދި ޓެސްޓުގެ ނަތީޖާ ޔަގީންކުރުމަށް އިއްޔެވެސް ވަނީ އަލުން ޓެސްޓު ހަދާފައެވެ.

ހޮސްޕިޓަލުގެ ނައިބު ރައީސް ނާހުއި ވިދާޅުވީ މިހާރު ދެމައިން ތިބީ ހާއްސަ ކަރަންޓީނެއްގައި ކަމަށާއި ފަރުވާދިނުމުގައި މެޑިކަލް ދެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަންހެން މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ ފަސްދުވަސް ކުރިންވެސް ވުހާން ޔޫނިއަން ހޮސްޕިޓަލުގައި ވަނީ ކޮރޯނާއަށް ޝައްކުވި މާބަނޑު މީހަކު ހާލުދެރަވުމުގެ ސަބަބުން ސިޒޭރިއަން ހަދައި ދަރިފުޅު ނަގާފައެވެ. އަށްގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު އެކުއްޖާ ނަގާފައިވާއިރު ބަރުދަނުގައި 3.1 ކިލޯ ހުރިކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި ވައިރަސް އިން ރައްކާތެރިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ދަރިފުޅުވަނީ ގެޔަށް ފޮނުވާލާފަ އެވެ.