ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އީޖާދީ މަސައްކަތުން އާމްދަނީ ހޯދަން ދަންނަ ޖީލެއް އުފެއްދުމަށް ޕްރައިމަރީން ފެށިގެން ކޯޑިން ކިޔަވައިދޭން ފަށަނީ

އައިދާ އަބްދުލް ހަކީމް

އީޖާދީ މަސައްކަތުން އާމްދަނީ ހޯދަން ދަންނަ ޖީލެއް އުފެއްދުމަށް ޓަކައި، ޕްރައިމަރީ ސްކޫލުން ފެށިގެން ކޯޑިން ކިޔަވައިދިނުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ އަމާޒުތަކަށް ވާސިލްވުމުގައި، ސަރުކާރަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރެވޭނީ، ޒަމާނީ އައު ޓެކްނޮލޮޖީގެ ބޭނުން ހިފި ވަރަކުން ކަމަށެވެ. އެހެންކަމުން ގައުމީ މަންހަޖަށް ސްޓެމްގެ މާއްދާތައް ތައާރަފުކޮށް ޕްރައިމަރީ ސްކޫލުން ފެށިގެން ކޯޑިން ދަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތް ފަށަން ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެގޮތުން، ގައުމީ މަންހަޖަށް ސްޓެމްގެ މާއްދާތައް ތަރައްގީކޮށް، ޕްރައިމަރީ ސްކޫލުން ފެށިގެން ކޯޑިން ދަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތް ފަށާނަން."

ރައީސް ވިދާޅުވީ ދުނިޔޭގެ އިގުތިސާދީ ދުވެއްޔާ ފައި ހަމަކޮށް، އަދި އީޖާދީ ގޮތްތަކުގެ ބޭނުން ހިފައިގެން ވިޔަފާރިއާއި މަސައްކަތް ހޯދަން ދަންނަ ޖީލެއް އުފެއްދުމަށްޓަކައި، ދަރިވަރުންނާއި ޒުވާނުން ޓެކްނޮލޮޖީ އާއި ސައިންސަށް އަހުލުވެރި ކުރުވުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

މިހާރު އެކުލަވާލާފައިވާ ނެޝަނަލް އައިޑެންޓިފިކޭޝަން މަގުޗާޓާ އެއްގޮތަށް، ދިވެހި ރައްޔިތުންގެ އައިޑެންޓިޓީ ކާޑުތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.