ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމަށް އެކުލަވައިލި އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތް ނިންމައި ފައިނަލް ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.
ރައީސުލް ޖުމްހޫރިއްޔާ މިހެން މި ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތަކާ ދޭތެރޭ ސުވާލު އުފައްދައި ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.
މިއަދުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމަށް އެކުލަވައިލި އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެ ކމިޝަނުން މިހާރު ކުރަމުން އަންނަނީ ފައިނަލް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޮމިޝަނުން ބެލި މައްސަލަތަކުގެ ރިޕޯޓުތައް ލިބުމުން، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.
ރައީސްގެ ބަޔާނުގައި ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް އެމަނިކުފާނު އުފެއްދެވި ކޮމިޝަންގެ މަސައްކަތަށްވެސް އަލިއަޅުއްވައިލެއްވިއެވެ.
ރައީސް ވިދާޅުވީ، ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން ބްލޮގާ ޔާމީން ރަޝީދާއި، ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގެ ރިޕޯޓް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އަދި އެކޮމިޝަނުން ބެލި ޑޮކްޓަރ އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އާއި، ޖަލުގައި މަރުވި ހަސަން ޒަރީރުގެ މަރުގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ދައުވާކުރަން ޖެހޭ މީހުންނާމެދު ދައުވާކުރުމުގެ ކަންކަން ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.