ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައުމީ ޓީމަށް ފަސް އަހަރު ކުޅުމަށްފަހު ރިޓަޔަވާ ކުޅުންތެރީންނަށް ހާއްސަ ލޯނު ސްކީމެއް ތައާރަފުކުރަނީ

އައިދާ އަބްދުލް ހަކީމް

ގައުމީ ޓީމަށް މަދުވެގެން ފަސް އަހަރު ކުޅެފައިވާ ކުޅުންތެރީން ރިޓަޔަކުރުމުން ދިރިއުޅުމަށް ޓަކައި އެހެން މަސައްކަތެއް ފެށުމަށް އެހީތެރިވެދިނުމުގެ ގޮތުން މި އަހަރުގެ ތެރޭ ލޯނު ސްކީމެއް ތައާރަފުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރަށް ކުޅުންތެރިން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން، ކުޅިވަރުގެ ހުނަރު ހޯދޭނެ ގޮތަށް، ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

"ބައިނަލްއަގުވާމީ ފެންވަރަށް ކުޅުންތެރިން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން، ކުޅިވަރުގެ ހުނަރު ހޯދޭނެ ގޮތަށް، ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ނިންމާފައިވާ ވާހަކަ މިފުރުސަތުގައި ދަންނަވަން."

މިދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި، ދިވެހި އެތުލީޓުން މިދިޔަ އަހަރު ވާދަކުރި ބައިނަލްއަގްވާމީ މުބާރާތްތަކުން، 13 ރަން މެޑެއްޔާއެކު، ޖުމުލަ 46 މެޑަލް ރާއްޖެއަށް ހޯދާދީފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތައާރަފުކޮށް މިއަހަރުގެ ތެރޭގައި އެ ހިދުމަތް ލިބެން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން، މިދިޔަ އަހަރު ރާއްޖެއަށް ލިބުނު ރަން މެޑެއްޔަކީ، އެ ކުޅިވަރު މުބާރާތުގެ ތާރީހުގައިވެސް ރާއްޖެއަށް ލިބުނު ފުރަތަމަ މެޑެލްކަން ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވެވި އެވެ.

2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ބޭނުންވާ އުމްރާނީ އަދި އެހެނިހެން ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.