ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަމާޒަކީ 2021 ނިމުމުގެ ކުރިން 2.15 އަދި ދައުރު ނިމުމުގެ ކުރީން 2.5 މިލިއަން ފަތުރުވެރިން ގެނައުން: ރައީސް

މަރިޔަމް ޝަހުދާ

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރީން 2.15 ފަތުރުވެރީން ރާއްޖެ ގެނެސް، މި ދައުރު ނިމުމުގެ ކުރީން ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ އަދަދު 2.5 މިލިއަނަށް އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.

މިދިޔަ އަހަރު އަމާޒު ހިފީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ކަމުގައި ވީނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެ އަދަދަކީ 2018 ވަނަ އަހަރާއި އަޅާބަލާއިރު %14.7 އިތުރު އަދަދެއް ކަމަށާއި މިހާރު އަމާޒަކީ 2021 ނިމުމުގެ ކުރިން 2.15 މިލިއަން ފަތުރުވެރިން ރާއްޖެގެނައުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު ސަރުކާރުގެ އަމާޒަކީ، 2021 ވަނަ އަހަރު ނިމުމުގެ ކުރިން 2.15 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެސް، މި ދައުރު ނިމުމުގެ ކުރިން، ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު، 2.5 މިލިއަނަށް އިތުރު ކުރުން"

ރައީސް ވިދާޅުވީ މިދިޔަ އަހަރު ނިމުނު އިރު 158 ރިސޯޓާއި 607 ގެސްޓް ހައުސް އަދި 12 ޓޫރިސްޓް ހޮޓަލާއި 156 ސަފާރީގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރި ކަމަށެވެ. އަދި އެއީ ޖުމުލަ 50،591 އެނދުކަން ރައީސް ފާހަގަ ކުރެއްވިއެވެ. މިއަހަރު ތެރޭ އިތުރު 1300 އެނދާއެކު 13 ރިސޯޓާއި 74 ގެސްޓް ހައުސް އަލަށް ހުޅުވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވި ކަމާއެކު މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ހިޔަނި އެޅިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން މި ވައިރަސް އާންމުވާން ފެށި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖެއިން ފަތުރުވެރިކަމުގެ ޖުމުލަ 13،287 ބުކިން ކެންސަލް ވެފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މިކަމުން ލިބުނު ގެއްލުން ފޫބެއްދުމަށް މިއަހަރުތެރޭ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިދިޔަ އަހަރުވެސް ބޭރު ދުނިޔޭގައި ރާއްޖެ އިސްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުނުކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑަށް ހިޔަނި އެޅިފައި. މިބަލީގެ ނުރައްކާތެރިކަން އާންމުވި ދުވަހުން ފެށިގެން، އިއްޔެގެ ނިޔަލަށް، ފަތުރުވެރިކަމުގެ 13287 ބުކިން ކެންސަލްވެއްޖެ"

ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް އޮތުމަކީ ގައުމީ ތަރައްގީއާއ ގުޅިފައިވާ މުހިއްމު ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ކަނޑުމަގުން އަދި ވައިގެ މަގުންވެސް ދަތުރު ކުރެވޭނެ އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރުމަށް ސަރުކާރުން ބޮޑު ސަމާލުކަމެއް ދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ހއ. ހޯރަފުށި، މ. މުލި އަދި ގދ. ފަރެސްމާތޮޑާގައި ހަދާ އެއާޕޯޓުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިތުރު ހަ ރަށެއްގައި ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭ އެއާޕޯޓުތައް ތަރައްގީ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކަނޑުގެ ދަތުރުފަތުރުތައް ލުއިފަސޭހަ ނިޒާމަކުން ގުޅާލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ، ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް މުޅިން އާ ދަތުރުތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މި މަޝްރޫއުގެ ދަށުން މިއަހަރު ތެރޭ ހިދުމަތް ފެށިގެން ދާނީ ދުވެލި ހަލުވި، ތިމާވެއްޓާ ރަހުމަތްތެރި އަދި ރައްކާތެރި އުޅަނދުތަކެއްގެ އެހީގައި ކަމަށް ރައީސް ވިދާޅުވިއެވެ.