ޚަބަރު

ގަވައިދުން ޑޮކްޓަރަށް ދައްކައި ކެންސަރު ބަލީގެ އަލާމާތްތަކަށް ފާރަވެރިވާން ޖެހޭ: އަމްރު

މަރިޔަމް ޝަހުދާ

ކެންސަރު ބައްޔަކީ ގިނަ ފަހަރަށް ތިމާއަށްވެސް ނޭނގި ޖެހޭ ބައްޔެއް ކަމަށާއި ގަވައިދުން ޑޮކްޓަރަށް ދައްކައި މި ބަލީގެ އަލާމާތްތަކަށް ފާރަވެރިވާން ޖެހޭ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓުގައި އިއްޔެ ފެށި "އޮންކޯ ސްޕެކްޓްރާ އެޑިޝަން 2" ފޯރަމުގައި ދެއްކެވި ވާހަކަ ތަކަށް އަމްރު އިޝާރާތް ކުރެއްވިއެވެ.

އެގޮތުން ކެންސަރު ބަލީގެ ވާހަކައަކީ މީހުން ދައްކާ ހިތްވާ ވާހަކައެއް ނޫން ކަމަށާއި، އެއީ ގިނަ ފަހަރަށް މީހުން އަޑުއެހުމަށް ބޭނުންނުވާ ވާހަކައެއް ކަމަށް އަމްރު ވިދާޅުވިއެވެ. އަދި ކަން މިހެން ހުރި ނަމަވެސް ރާއްޖޭގައި ކެންސަރު ބަލި ގިނަވަމުން އަންނަކަން އަމްރު ފާހަގަ ކުރެއްވިއެވެ.

އަމްރު ވިދާޅުވީ މީހުންނަށް ހީވާވަރަށް ވުރެ އަވަސް ސްޕީޑެއްގައި ރާއްޖޭގައި ކެންސަރު ބަލި ފެތުރެމުން އަންނަ އިރު މި ބައްޔަކީ ގިނަ ފަހަރަށް ވަކި އަލާމާތްތަކެއް ފެނުމުގެ ކުރިން މި ބަލި ޖެހިފައިވާކަން ދެނެ ނުގަނެވޭ ބައްޔެއް ކަމަށެވެ. އަދި ދިރިއުޅުމުގެ ވައްޓަފާޅި ސިއްހަތަށް ފައިދާ ކުރުވަނިވި ގޮތަކަށް ބަދަލުކޮށް، ގަވައިދުން ޑޮކްޓަރަށް ދެއްކުމުގެ އިތުރުން މި ބަލީގެ އަލާމާތްތަކަށް ފާރަވެރިވެ ތިބުމަކީ ވެސް މުހިއްމު ކަމެއް ކަމަށް އަމްރު ވިދާޅުވިއެވެ.

"އޮންކޯ ސްޕެކްޓްރާ އެޑިޝަން 2" ފޯރަމުގައި ދެއްކެވި ވާހަކައިގަވެސް މި ކަންކަން ފާހަގަ ކުރައްވާފައިވާނޭ ކަމަށް އަމްރު ވިދާޅުވިއެވެ. މީގެ އިތުރުން އިއްޔެ މި ފޯރަމް ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އަމްރު ވަނީ މި ބަލީގެ މީހުންނަށް ދޭ ފަރުވާއެކޭ އެއްގޮތަށް ބައްޔަށް މީހުން ހޭލުންތެރި ކުރުމާއި މި ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީވެސް މުހިއްމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

ތިން ދުވަހުގެ މި ފޯރަމަކީ އެސްޓީއޯ، އައިޖީއެމްއެޗް، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް، ހުޅުމާލޭ ހޮސްޕިޓަލް އަދި މިދާއިރާގެ އެކި ފަރާތްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ފޯރަމެކެވެ. މި ފޯރަމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް ވަނީ އެވްރެޖްކޮށް ކޮންމެ މަހަކު އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑިޕާޓްމަންޓުގައި 53 މީހުން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ރަޖިސްޓްރީ ވާކަމަށް ވިދާޅުވެފަ އެވެ.