ޚަބަރު

މޫދަށް ވެއްޓުނު ޗައިނާ ކުއްޖަކު ސަލާމަތްކޮށްދިން ޒުވާނަކަށް އެތައް ތައުރީފެއް

އަލީ ޔާމިން

1

ހުޅުލޭ ޖެޓީމަތިން މޫދަށް ވެއްޓުނު ޗައިނާ ކުއްޖަކު ސަލާމަތްކޮށްދިން ޒުވާނަކަށް އެތައް ބަޔަކު ތައުރީފު ކުރަން ފަށައިފިއެވެ.

މިއަދު ހިނގި އެ ހާދިސާގައި ޗައިނާގެ ކުއްޖަކު ސަލާމަތްކުރީ އެއާޕޯޓް ފަޔާ އެންޑް ރެސްކިއުގެ ފަޔާފައިޓަރު ޓްރެއިނަރެއް ކަމަށްވާ އިބްރާހިމް ނަސްރެވެ. ނަމަވެސް އެކުއްޖާ މޫދަށް ވެއްޓެން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރި ޓްވީޓެއްގައި ބުނީ ނަސްރުގެ ހިތްހެޔޮކަމާއި އޭނާގެ އަވަސް ނިންމުމުގެ ސަބަބުން އެކުއްޖާގެ ފުރާނަ ސަލާމަތްވެފައިވާތީ ނަސްރަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ނަސްރާމެދު ފަހުރުވެރިވާ ކަމަށް ބުނެފައިވެއެވެ.

އެމްއޭސީއެލްގެ އެ ޓުވީޓް ރީޓުވީޓް ކުރައްވައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވީ، ނަސްރުގެ އެ އަމަލަކީ ދިވެހިންގެ ގައިގާ ހުންނަ އިހްސާންތެރިކަމާއި އަޅާލުމުގެ ނަމޫނާ މިސާލެއް ކަމަށެވެ. އަދި ނަސްރުގެ ދެއްކި ހިތްވަރަށް ސަފީރު ވަނީ ޝުކުރު އަދާކޮށްފައެވެ.

ރ. އަލިފުށްޓަށް ނިސްބަތްވާ ނަސްރުގެ ހިތްވަރާއި އޭނާ ދެއްކި ނަމޫނާއަށް އެތައް ބަޔަކު އަންނަނީ މީސް މީޑިއާގައި ވެސް ތައުރީފު ކުރަމުންނެވެ. އެގޮތުން ނަސްރުއަކީ ބަދަލެއް ކަމަށާއި ދިވެހިންގެ ތެރޭގައި ވެސް އެފަދަ މީހުން އުޅޭކަމީ އުފާކުރާ ކަމެއް ކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟