ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި ކާފަ އާއި މުނިކާފަގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

އިބްރާހިމް ޒަކީ

ގއ. ކަނޑުހުޅޫދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަންދަށް ކޯޓުން 15 ދުވަސް އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ އެ ދެމީހުންގެ ބަންދަށް 15 ދުވަސް އިތުރު ކުރީ، އިއްޔެ ކުރިމިނަލް ކޯޓުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ އެކުއްޖާގެ ކާފަގެ އުމުރަކީ 62 އަހަރެވެ. އަދި މުނިކާފަގެ އުމުރަކީ 81 އަހަރެވެ.

ހުސްވި މަހުގެ 16 ވަނަ ދުވަހު ހައްޔަރު ކުރި މި ދެމީހުން ބަނދުގައި ބޭތިއްބުމަށް، މީގެ ކުރިން 15 ދުވަހުގެ މުއްދަތެއް ޖެހީ ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ.

އެކުއްޖާގެ ކާފަ އާއި މުނި ކާފައިގެ އިތުރުން 33 އަަހަރުގެ އެކުއްޖާގެ ބައްޕަވެސް ފުލުހުން ވަނީ ހައްްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރީ ކުއްޖާއަށް އިހުމާލުވި ކަމުގެ ތުހުމަތުގައެވެ. ފުލުހުން ބުނީ އޭނާގެ ބަންދާ މެދު މިއަދު ކޯޓުން ގޮތެއް ނިންމާނެ ކަމަށެވެ.

މި މައްސަލައިގައި ހަައްޔަރު ކުރި މުނި ކާފަ އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މިހާރުވެސް ޝަރީއަތް ކުރަމުންދާ މީހެކެވެ.

އަދި ކާފަ އަކީ ވެސް އެފަދަ ތާރީހެއް އޮތް މީހެއްކަމަށް އެށަށުން މައުލޫމާތުދިން ބައެއް މީހުން ބުންޏެވެ. އަދި އޭނާ އަކީ އެ ރަށު މިސްކިތު މުދިމެވެ. ނަމަވެސް އޭނާގެ މުދިމު ކަމުގެ ހުއްދަ މިހާރު ވަނީ ބާތިލުކޮށްފައެވެ.