ޚަބަރު

ކޮމަންވެލްތުގެ ސަބަބުން ރާއްޖެއަށް ޑިމޮކްރަސީގެ ރީތި އުސޫލުތައް ދަސްވެގެންދާނެ: ގާސިމް

އަލީ ޔާމިން

ކޮމަންވެލްތުގެ ސަބަބުން ރާއްޖެއަށް ޑިމޮކްރަސީގެ ރީތި އުސޫލުތައް ދަސްވެގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތުގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައެޅުމާއި ގުޅިގެން އެކަމުގެ މަރުހަބާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ދިވެހި ރައްޔިތުން އަރިސްކުރައްވައި ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމަންވެލްތްގެ އެހީގައި ރާއްޖެއަށް އިންސާނީ ހައްގުތަކުގެ މުހިންމު ކަމާއި ސަރުކާރު ހިންގާނެ ހަރުދަނާ އުސޫލުތަކުގެ އިތުރުން ޑިމޮކްރަސީގެ ރީތި އުސޫލުތައް ދަސްވެގެންދާނެ ކަމަށެވެ.

ރާއްޖެ ކޮމަންވެލްތާ ގުޅުނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެމަނިކުފާނުގެ އިސްނެގުމަކަށް 9 ޖުލައި 1982ގައެވެ. ނަމަވެސް ހަމަޔާއި އިންސާފުން ބޭރުން ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގުރޫޕުން ރާއްޖެއާމެދު ފިޔަވަޅު އަޅައި ރާއްޖޭގެ ދާހިލީ ސިޔާސަތުތަކަށް ބާރު ފޯރުވަމުންދާ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އޮކްޓޯބަރު، 13، 2013 ގައި ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމިއެވެ.

ރާއްޖެ އަލުން ކޮމަންވެލްތާ ބައިވެރިވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ރައީސް ސޯލިހު ވެރިކަމާ ހަވާލުވުމަށްފަހު ކެބިނެޓުން ނިންމައި، މަޖިލީހުގެ ރުހުން ލިބިގެން ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވާން ހުށަހެޅީ 7 ޑިސެމްބަރު 2018ގައެވެ. އަދި އޭގެ އެއް އަހަރާއި މަހަކަށްވުރެ ގިނަ ދުވަސް ފަހުން ރާއްޖެއަށް އަލުން ރަސްމީކޮށް ކޮމަންވެލްތާ މެންބަރުކަން ދިންކަން އެޖަމާއަތުން އިއްޔެ ވަނީ ހާމަކޮށްފައެވެ.

އެކަން ހާމަކޮށް އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުނީ އެގޮތަށް ނިންމީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓެލެންޓް ހުރިހާ މެންބަރު ގައުމުތަކާއެކު މަޝްވަރާ ކުރެއްވުމަށް ފަހު ހުރިހާ ގައުމުތަކަކުން ވެސް އެކަމަށް ރުހުން ދިނުމުން ކަމަށެވެ.

ރާއްޖެއަށް ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރުކަން، މިއަދު ލިބުމާ އެކު އަންނަ ޖޫން މަހުގެ 22- 28 އަށް ރުވާންޑާގެ ކިގާލީގައި އޮންނަ، ކޮމަންވެލްތުގެ ވެރިންގެ ބައްދަލުވުމުގައި ރާއްޖެއަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.