ޚަބަރު

ބޭރުގެ ފަރާތްތަކަކަށް ރާއްޖެއިން ބަރޯސާވާ މިންވަރު ޓެކްނޮލޮޖީގެ އެހީގައި ކުޑަކުރެވޭނެ: ފައްޔާޒް

އަލީ ޔާމިން

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބަރޯސާވާ މިންވަރު ޓެކްނޮލޮޖީގެ އެހީގައި ކުޑަކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ، "އެސް.އެމް.އީ އިނޮވޭޝަން ފަންޑް" ތައާރަފު ކުރުމަށް ހޮޓެލް ޖެންގައިި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ރާއްޖޭގައި އިންފޮމޭޝަން އެންޑް ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ، (އައި.ސީ.ޓީ)ގެ ދާއިރާ އަކީ ވަރަށް ބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައިވާ ދާއިރާއެއް ކަމަށާއި، ނަމަވެސް އެ ދާއިރާ ކުރިއަރުވައިގެން ބޭރުގެ ގައުމުތަކަށް ރާއްޖެއިން ބަރޯސާވާ މިންވަރު ކުޑަކުރެވިގެންދާނެ ކަމަށެވެ.

"ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން އަޅުގަނޑުމެންގެ އިގުތިސާދު ކުރިއެރުވުމަށް ބޭރުގެ ފަރާތްތަކަށް ބަރޯސާވާ މިންވަރު ކުޑަކުރެވިދާނެ ކަމަށް އަޅުގަނޑަށް ފެނޭ." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ. އަދި ރާއްޖެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދިވެހިން ވަޒީފާއަށް ނުނިކުތުމާއި، ރާއްޖޭގެ އިގުތިސާދަށް ބޭނުންވާ ވަރަށް ދިވެހި މަސައްކަތްތެރީން ނެތުން ކަމަށްވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މިރޭ ތައާރަފު ކުރި "އެސް.އެމް.އީ އިނޮވޭޝަން ފަންޑް" އަކީ ޓެކްނޮލޮޖީ އާއި އެކި ރޮނގު ތަކުން އާ އީޖާދީ ދާއިރާތަކުން، ރާއްޖެ ކުރި އެރުވުމަށް ޒުވާނުންނަށް އަމާޒުކޮށްގެން ތައާރަފު ކުރި ފަންޑެެކެވެ. އެ ފަންޑުގެ ދަށުން 20 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.