އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 30

އަބްދުﷲ ފާރޫގް ހަސަން

4

(27 ޖެނުއަރީގެ އަދަދާ ގުޅޭ)

حسّان ޖަވާބު ދެއްވިއެވެ. "އަޅުގަނޑު މިތަނަށްއައިސް އެންމެފުރަތަމައަށްވެސް ކަލޭގެފާނުގެ އަރިހުގައި އަސްތަކުގެ ވާހަކަ ނުދެންނެވުނުކަމީ އަޅުގަނޑަށް ހެދުނު ގޯހެކެވެ. އެހެން ހެދުނުނަމަކަ ކަލޭގެފާނަކަށް އަޅުގަނޑު ކަލޭގެފާނުގެ އަމުރުފުޅާ ޚިލާފުވިކަމުގެ ޝަކުވާއެއް ނުކުރެއްވުނީހެވެ. އަޅުގަނޑުގެ އެކުވެރީން ހެކިވާނެއެވެ. އަޅުގަނޑު އީރާނު ބަޔަކާ ކުރިމަތިލުމުގެ ނުރައްކަލާ ކުރިމަތިލީ އަސްތަކެއް ހޯދުމުގެ ބޭނުމަކު ނޫނެވެ. އަދި ކީއްތޯއެވެ؟ ނިކަމެތި މީސްކޮޅެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައެވެ.

އަޅުގަނޑުމެން އެނބުރިއައި މަގުމަތީގައި އަޅުގަނޑުމެން އަވަށެއްގައި މަޑުކުރީމުއެވެ. އަޅުގަނޑުމެންގެ މޭޒުބާނަކީ ބަކުރުވަންހައިގެ ޢާއިލާއެއްގެ ރައީސެކެވެ. މެންދުރު އޭނާގެ ބަގީޗާގައި އަޅުގަނޑުމެން އަރާމުކޮށްލާން ތިއްބައި ދެއަސްވާރުން އަތުވެއްޖެއެވެ. އޭގެތެރެއިން އެކަކުވަނީ ޒަޚަމްވެފައެވެ. އެބައިމީހުން އައިސް އަޅުގަނޑުމެންގެ މޭޒުބާނުގެ އަރިހުގައި ޝަކުވާކުރީ އެހިސާބުގަނޑުގެ އީރާނީ ޖާގީރުދާރުގެ ނޯކަރުން އެބައިމީހުންގެ އަވަށް ލޫޓުވާތީއެވެ. އެއަނިޔާގެ ސަބަބަކީ ޖާގީރުދާރު ގޮއިއިތުރުކުރުމުން ދަނޑުވެރީންނަށް ނުކައިނުބޮއި ތިބެގެންވެސް އެޢަދަދު ހަމަކޮށް ނުދެވުމެވެ. ޒަޚަމްވެފައިވާ ޒުވާނާއަކީ އަޅުގަނޑުމެންގެ މޭޒުބާނުގެ އުޚުތެއްގެ ދަރިކަލެކެވެ. އޭނާ ވިދާޅުވިއެވެ. "އީރާނު މީހުން އަޅުގަނޑުގެ ބައްޕައާއި އަދިވެސް އެތައްބަޔަކު ހައްޔަރުކޮށްފިއެވެ. ތިންމީހަކު ޤަތުލުކޮށްފިއެވެ. އަޅުގަނޑު ފިލައިގެން މިއައީ އީރާނުގެ އެކަކު ޤަތުލުކުރުމަށްފަހު އަނެކަކު ޒަޚަމްކޮށްފައެވެ." އިރުކޮޅެއްގެފަހުން އެހެން ސަވާރަކު އަތުވެއްޖެއެވެ. އޭނާ އައިސް ޚަބަރު ދިނީ އީރާނީން އެއަވަށުގައި ހުޅުޖެހުމަށްފަހު އަންހެނުންތައްވެސް ހައްޔަރުކުރާ ވާހަކައެވެ.

އީރާނު މީހުން ޙަމަލަދިން އަވަށްއޮތީ އަޅުގަނޑުމެންތިބި އަވަށާ ހަކޯހުގެ ދުރުގައެވެ. އެކަމަކުވެސް އަޅުގަނޑުމެންތިބި އަވަށުގެ މީހުން ބިރުގަތްވަރުން އެބައިމީހުންގެ ގާތްތިމާގެ މީހުންގެ ހާލުބަލާން އުޅުމުގެ ބަދަލުގައި އެބައިމީހުން އުޅުނީ އަވަހަށް ފިލައިގެން ދެވޭތޯއެވެ. އަޅުގަނޑު އެބައިމީހުންނަށް މަލާމާތްކޮށް ވިސްނައިދީ ހެދީމެވެ. އަޅުގަނޑު ބުނީމެވެ. އަނިޔާލިބޭ މީހުންގެ ސަލާމަތްއޮތީ ބިރުން ފިލާންދުވުމަކު ނޫނެވެ. އަދި ކީއްހެއްޔެވެ؟ އަނިޔާވެރީންނާ ކުރިމަތިލުމުގައެވެ. އެގޮތުން ފަންސާހަކަށް މީހުން އަޅުގަނޑުމެންނާއެކު އެއަވަށަށްދާން އެއްބަސްވިއެވެ. އިރުއޮއްސުނުއިރު އަޅުގަނޑުމެން އީރާނު މީހުންނާ ޙަމަލަދީފީމުއެވެ. ޖާގީރުދާރާއި އޭނާގެ އެކުވެރީން ތިބީ ރާބޮއިގެން ޢަމަލުވެފައެވެ. އެބައިމީހުންގެ ޢަދަދު ވިއްސަށްވުރެ ގިނައެއް ނޫނެވެ. އެގާރަ މީހުންގެ މަރުވެފައިވާ ހަށިގަނޑު ދޫކޮށްލައިފައި ޖާގީރުދާރު ފިލައިގެން ހިނގައްޖެއެވެ. ނަމަވެސް އަޅުގަނޑުމެންނަށް ޙަމަލަދެވުމުގެ ކުރީން އެބައިމީހުންވަނީ އަޅުގަނޑުމެންގެ މޭޒުބާނުގެ ޅިޔަންބޭބެއާއި އިތުރު އަށްމީހަކު ދަންޖައްސައިފައެވެ. އަޅުގަނޑުމެންނަށް ޒުވާން އަންހެންކުއްޖެއްގެ ހަށިގަނޑުވެސް ފެނުނެވެ. ޚަބަރު ބެލުމުން އެނގުނީ އެކުއްޖާ އީރާނުގެ ޖާގީދާރުގެ މޫނު ނޮޅައިލީކަމެވެ.

އެޙާދިޘާއަށްފަހު އެއަވަށުގެ މީހުން އުޅުނީ އީރާނީންގެ އަނިޔާއަށް ބިރުން ފިލައިގެން ދާންވެގެންނެވެ. އަޅުގަނޑުގެ އެކުވެރީންގެ ޚިޔާލުގައިވެސް ދެނެއް އެބައިމީހުން އެތާނގައި ތިބުން ރަނގަޅެއް ނޫނެވެ. އެހެންކަމުން އަޅުގަނޑުމެން އެތަނުން ފުރިއިރު އަށްސަތޭކަ އިންސާނުންގެ ޤާފިލާއެއް އަޅުގަނޑުމެންނާ އެކުގައިވެއެވެ. އޭގެތެރެއިން ތިންސަތޭކައެއްހައި މީހުން ހީރަތަށް އެބައިމީހުންގެ ތިމާގެމީހުންގެ ގާތަށް ހިނގައްޖެއެވެ. ބާކީތިބި ސަލާމަތުގެ ހިޔާވައްސެއް ނެތްމީހުން އަޅުގަނޑުމެންނާއެކު އައީއެވެ. ދަތުރު ފެށިތާ ކުރީކޮޅު އަޅުގަނޑުމެން ތިބީ އީރާނީން އެބައިމީހުންގެ ފަހަތުން އަތުވެއްޖެނަމަ އެބައިމީހުން ޙިމާޔަތްކޮށްދިނުން ދަތިވާނެތީ ވަރަށް ކަންބޮޑުވެފައެވެ. އެހެންކަމުން ތިންދުވަސްވާންދެން އަޅުގަނޑުމެން ދަތުރުކުރީ ކުދިކުދި ކޯޅިކޯޅިއަށެވެ. ތަފާތު މަގުމަގުންނެވެ. ދުވާލު އަޅުގަނޑުމެންނަށް ދަނޑުވެރީންނާއި ގެރިބަކަރި ހުއިހައްޕާ މީހުންގެ ޖިފުޓިތަކުން ޖާގަލިބެއެވެ. އިރުއޮއްސުމުން އަނެއް މަންޒިލަކަށް ދަތުރު ފަށަނީއެވެ. އެމުހާޖިރުންކުރެ އެބައެއްގެ އަތުގައި އަސްހުރި މީހުންނަށް އަޅުގަނޑުމެން އިރުޝާދު ދީފައިވަނީ ފައިމަގުގައި އަންނަ މީހުންނަށްވުރެ ފަހަތުގައި ތިބުމަށާއި ފަހަތުން ނުރައްކަލެއް ކުރިމަތިވާނަމަ އަވަހަށްއައިސް ޚަބަރު ދިނުމަށެވެ. އަޅުގަނޑުގެ އެކުވެރީންގެ މަސްއޫލިއްޔަތަކީ ތަންކޮޅެއް ކުރިޔަށް އަރައިގެންގޮސް އެބައިމީހުންނަށް އަމާން މަގުތައް ހޯދުމެވެ. އަޅުގަނޑަށް ހިތްހަމަޖެހުން ލިބުނީ އަސަދުވަންހައިގެ މީހުންގެ އަވަށްތަކަށް އާދެވެމުންނެވެ. އެބައިމީހުން މާދަމާ ހަވީރުވާންވާއިރަށް މިތަނަށް އަންނާނެއެވެ. އަޅުގަނޑަށް މިކުރެވުނީ ރަނގަޅުކަމެއްކަން ނުވަތަ ނޫންކަން ކަނޑައަޅާކަށެއް އަޅުގަނޑަކަށް ނޭނގެއެވެ. އެޒަޚަމްވެފައިވާ ޒުވާނާގެ ފަރިޔާދު އަޑުއިވުމުން އަޅުގަނޑު ވިސްނީ އަޅުގަނޑުގެ ބަދަލުގައި مثــنّـى بــن حــارثـــة އެތާ ހުންނެވިނަމަ ހައްދަވާނެ ގޮތެކެވެ. އަޅުގަނޑުގެ ހިތަށް އިޙްސާސްކުރެވުނީ އަޅުގަނޑު މިއަދާކުރީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބު މުޤައްދަސް ފަރުޟެއް ކަމުގައެވެ. އަޅާލާނެ އެހީތެރިޔެއް، އާރެއް ބާރެއްނެތް އިންސާނުންތަކެއްގެ ޤާފިލާއެއް އަޅުގަނޑާއެކު އަންނާން ތައްޔާރުވީހިނދު އަޅުގަނޑުގެ ޒަމީރުގެ އަޑަކަށްވީ އަޅުގަނޑަށް އެނިކަމެތީން އެބައިމީހުންގެ ހާލުގެ މަގަށް ދޫކޮށްނުލެވޭނެ ކަމަށެވެ. މިހާރު ދެން ކަލޭގެފާނަށް އެބައިމީހުންނަށް ކޮށްދެއްވޭނީ ކޮންކަމެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ޚާއްޞަކޮށް އެބައިމީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދީންވެސް ތިބުމާއެކުގައެވެ. ނަމަވެސް އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑު އަނދިރި ރެއެއްގެ މުސާފިރުންގެ ބަޔަކު މިގެނައީ އެބައިމީހުންނަށް ސަލާމަތުގެ މަގު ދެއްކެވިދާނެ އަލީގެ މުންނާރަކާ ހަމައަށް ކަމުގައެވެ."

مثــنّـى އިރުކޮޅަކު ވިސްނައިވަޑައިގަތުމަށްފަހު ވިދާޅުވިއެވެ. "މުހާޖިރުންގެ ތެރޭގައި ތިބި ހަނގުރާމައިގައި ބައިވެރިވެވޭކަހަލަ މީހުންނާމެދަކު އަޅުގަނޑު ފިކުރުބޮޑެއް ނުވެއެވެ. އެބައިމީހުންނަށް މުޖާހިދުންނާއެކު ތިބެވިދާނެއެވެ. ނަމަވެސް އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅީންނަށް އަޅުގަނޑުމެންނާއެކު އުޅޭން ދަތިވާނެއެވެ. އެބައިމީހުން ރައްކާތެރިކުރެވޭންއޮތް އެއްގޮތަކީ އެބައިމީހުން ބަޙުރައިނަށް ފޮނުވުމެވެ. އަނެއްގޮތަކީ އެބައިމީހުން ބެލެހެއްޓުން މިއަވަށުގެ މީހުންނާ ޙަވާލުކުރުމެވެ. މިއަވަށުގެ މީހުން އެކަމާ އެއްބަސްވެއްޖެނަމަ އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވާނެއެވެ. އަޅުގަނޑު އެބައިމީހުން ގާތު ބުނާނަމެވެ. އީރާނުގެ ޢަސްކަރީ ޙަރަކާތުގެ ސަބަބުން މިއަވަށަށް ނުރައްކަލެއް ކުރިމަތިނުވާހައި ހިނދަކު މުހާޖިރުން ބަލަހައްޓައިދޭށެވެ. ނަމަވެސް އަޅުގަނޑު ޖެހިލުންވަނީ އީރާނު ސަރުކާރުން ވަރަށް އަވަހަށް މިހިސާބުގަނޑުގެ މީހުންނާމެދު ޢަސްކަރީ ފިޔަވަޅެއް އަޅާނެހެން ހީވާތީއެވެ. އީރާނު މީހުންގެ ލޭއޮހޮރުވުން މަނާކުރެވޭނީ އަޅުގަނޑުމެން ޢިރާޤަށް ވަރުގަދަ ޙަމަލައެއް ދޭނެކަމުގެ ބިރު އެމީހުންގެ ހިތަށް ވެއްދިގެންނެވެ. ކަންމިހެން ހުރުމުންވެސް އަޅުގަނޑު أميـر المؤمنـين أبوبكر الصّدّيق رضى اللّـه عنــه ގެ އަރިހަށް ދިއުމުގެ ބޭނުންތެރިކަން ވަކީން ބޮޑުވެއެވެ."

حسّان ވިދާޅުވިއެވެ. "الصّدّيق الأكبـر ކަލޭގެފާނާ އެއްޚިޔާލުފުޅު ކުރެއްވުމުގެ ތައުފީޤު ދެއްވާށިއެވެ. އެހެން ނުވެއްޖެނަމަ ޢިރާޤުގެ އެއްވެސް ކަންކޮޅެއް ޢަރަބި ޤަބީލާތަކަށް ރައްކާތެރިކަމެއް ނުދޭނެއެވެ. ޢިރާޤުގެ މިނިވަންކަމަށް ލޯބިކުރާ މީހުން ނިންމައިލުމަށްފަހު އީރާނުގެ ލަޝްކަރު ބަޙުރައިނަށާއި ޔަމަނަށް މިސްރާބު ޖެހުމުން އަޅުގަނޑުމެންނަށް ވަރަށްބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހޭނެއެވެ. އަޅުގަނޑުމެން އެއްވެސް މައިދާނަކުން ފަހަތަށް ޖެހިއްޖެނަމަ، މުރުތައްދުވުމުގެ ފިތުނަ އޮއްބައިލެވުމުން އެބައެއްގެ މުސްތަޤްބަލު އަޅުގަނޑުމެންނާ ގުޅުވައިގެން ތިބި ބައެއް ޤަބީލާތައް އަޅުގަނޑުމެންގެ ޙިމާޔަތުން ބޭރުވުމަކީވެސް ދުރުކަމެއް ނޫނެވެ."

مثــنّـى ވިދާޅުވިއެވެ. "އިސްލާމާއި މަޖޫސިއްޔަތާ ދެމެދު ނިޔާކަނޑައެޅުމުގެ ހަނގުރާމަ ކުރެވޭނީ ޢަރަބިކަރައިގެ ސަރަޙައްދަކު ނޫނެވެ. އަދި ކީއްތޯއެވެ؟ އީރާނުގެ ސަރަޙައްދުގައެވެ. أبوبكر ގެފާނު އިސްލާމީ ލަޝްކަރު ޝާމްކަރަޔަށް ފޮނުއްވީ މަދީނާގެ ހަތަރުފަރާތުން ބާޣީން އައިސް އަރައިގެންފާނެކަމުގެ ބިރު އުފެދިފައި އޮއްވައެވެ. އެހެންވީއިރު ފާރިސީންނަށް ޢަރަބިކަރަޔަށް އަރައިގަތުމުގެ ފުރުޞަތު ދެއްވާނެކަމަކަށް އަޅުގަނޑަކަށް ޚިޔާލެއްވެސް ނުކުރެވޭނެއެވެ. ޚާއްޞަކޮށް ޢަރަބިކަރައިގެ މުރުތައްދުވީ މީހުންގެ ފިތުނަވެސް މިހާރު އޮއްބައިލެވިފައި ވުމާއެކުގައެވެ. މިހާރު މުސްލިމުންނަށް އަމިއްލަ ނަފްސަށް ފުރިހަމަޔަށް އިތުބާރުކޮށްގެންތިބެ ދީނުގެ ދުޝްމިނުންނާ ކުރިމަތިލެވިދާނެއެވެ. އަޅުގަނޑު أميـر المؤمنـين ގެ އަރިހުގައި ދަންނަވާން މިދަނީ މުސްލިމުން އީރާނާ ދިމާޔަށް ދަތުރު ނުފަށައިފިނަމަ އީރާނު ޢަރަބިކަރަޔަށް އަރައިގަތުން ލަސްނުކުރާނެ ވާހަކައެވެ. ރޫމީންނެކޭ އެއްގޮތަށް ފާރިސީންނާ އަޅުގަނޑުމެންނާ ދެމެދުވެސް ހަނގުރާމަ ނުހިނގައެއް ނޯންނާނެއެވެ. މާތް اللّـه ގެ ދީން ޢަރަބިކަރައިގެ ސަހަރާގެ ތެރޭގައި ހައްޔަރުވެފައެއް ނޯންނާނެއެވެ. މަދީނާގައި ބަޙުޘްކުރެވޭނީ އިސްލާމްދީނާއި މަޖޫސީ ދީނާ ދެމެދު ހަނގުރާމަޔާއި ޞުލްޙައިގެ އެކަށޭނަކަން އޮތް މިންވަރަކާ ބެހޭގޮތަކުން ނޫނެވެ. އެތާނގައި ވާހަކަ ދެކެވޭނީ އީރާނަށް ޙަމަލަދޭން މިއީ އެންމެ އެކަށީގެންވާ ވަގުތެއްތޯ ނުވަތަ ނޫންތޯއެވެ. އަޅުގަނޑަށް ސާބިތުކޮށްދޭންޖެހޭނީ އީރާނުގެ ޙާލަތު މިހާރު އޮތީ އަޅުގަނޑުމެން އަވަސް ފިޔަވަޅެއް އަޅާންޖެހޭފަދަ ގޮތަކަށް ކަމެވެ."

حسّان ޖަވާބު ދެއްވިއެވެ. "މާތް اللّـه ކަލޭގެފާނުގެ އުންމީދުތައް ފުރިހަމަ ކުރައްވާށިއެވެ. އަޅުގަނޑުގެ ދުޢާއަކީ ކަލޭގެފާނު މަދީނާއިން އެނބުރި ވަޑައިގަތުމުން އީރާނު އެޤާފިލާއަކަށް އިންތިޒާރުކުރާ ޤާފިލާ ކަލޭގެފާނުގެ ފަހަތްޕުޅުން އަންނަކަމުގެ އުފާވެރި ޚަބަރު ލިބުމެވެ. ނަމަވެސް އަޅުގަނޑުގެ ހިތުގައި ތަކުރާރުކޮށް އުފެދޭ ސުވާލަކީ، އަޅުގަނޑުމެންގެ ސަރުކާރުން އެއްފަހަރާ ދެމައިދާނެއްގައި ހަނގުރާމަ ފަށާން އެއްބަސްވާނެ ބާވައޭ މިސުވާލެވެ."

"މި ބިންމަތީގައި اللّـه ގެ ދީނަށް ނަޞްރުލިބުން އެދޭނަމަ އެއްފަހަރާ ދެމައިދާން ކީއްކުރަންތޯއެވެ؟ އެއަށްވުރެ ގިނަ މައިދާންތަކުގައިވެސް އަޅުގަނޑުމެންގެ މޭމަތިތައް އައްޑަނަތަކަކަށް ހަދަން ޖެހޭނެއެވެ. އަޅުގަނޑުމެންގެ އަމާޒަކީ ކުފުރު އެކަށް ބަލިކޮށްލުމެވެ. ތަފާތު މައިދާންތަކުން ކުފުރު އަޅުގަނޑުމެންނާ ކުރިމަތިލިކަމުގައިވިޔަސް ނުވަތަ އެކަތިގަނޑަކަށްވެގެން އެއްމައިދާނަކުން އަޅުގަނޑުމެންނާ ކުރިމަތިލިޔަސް ފަރުވާލެއް ނެތެވެ. އަޅުގަނޑުމެން ރޫމީންނާ ހަނގުރާމަ ފެށުމުން އީރާނު އެދަނޑިވަޅުގެ ފައިދާ ހޯދައި އަޅުގަނޑުމެންގެ ފަހަތުން ޙަމަލަ ނުދޭނެކަމަކަށް އަޅުގަނޑު ފަހަރެއްގައިވެސް ހީއެއް ނުކުރާނަމެވެ. އުޑީގެ ދެފަޅި އައިސްޖެހި އަޅުގަނޑުމެން ފިސްކޮށްލަންދެން އަޅުގަނޑުމެން އިންތިޒާރެއް ނުކުރާނޫއެވެ. އަޅުގަނޑު މަދީނާއަށް މިދަނީ އެންމެ ފުރަތަމަ ފަހަރަށެވެ. އެރަށުން އަޅުގަނޑާ ބައްދަލުވާނީ رسـول اللّـه صلّى اللّـه عليه وسلّم ގެ ޤަދަރު އުފުލިގެންވާ ޞަޙާބީންނާއެވެ. އެބޭކަލުންގެ ވިސްނުންފުޅަށް އުދަރެސްތަކުގެ ރޮނގަށްވުރެ މާދުރު ފެނިވަޑައިގަންނަވާނެއެވެ. އީރާނުގެ މިހާރުގެ ޙާލަތަކީ އަޅުގަނޑުމެން ކުރިޔަށްދާން ނުހަނު އެކަށީގެންވާ ޙާލަތެއްކަން އެބޭކަލުންގެ ވިސްނުންފުޅަށް ގެނެސްދޭކަށެއް އަޅުގަނޑަކަށް އުނދަގުލެއް ނުވާނެއެވެ. އަޅުގަނޑު ދަންނަވާނަމެވެ. އެތަކެއް ޤަރުނުތަކެއްގެ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރޭގައި އާރެއް ބާރެއްނެތި ގަނަތެޅެމުންއައި އެތަކެއްހާސް އިންސާނުންވަނީ ހިޖާޒުގެ އުދަރެސް އާ ފަތިހަކަށް ދޮންކޮށްލި އަލިކަން ފެށިގެން އެފަތިހުގެ އިންތިޒާރުގައެވެ. ބައެއް ފަހަރުފަހަރަށް އަޅުގަނޑުގެ ހިތަށް އަރައެވެ. އެބޭކަލުން އަޅުގަނޑު ކަހަލަ ދުރުހިލޭ މީހެއްގެ ވާހަކަޔަށް މާބޮޑު އަހަންމިއްޔަތެއް ނުދެއްވާނެކަން ނޭނގެއެވެ. ނަމަވެސް خــالــد بــن وليـد ފަދަ ހިތްވަރުފުޅުގަދަ ޢަޒުމް ވަރުގަދަ މުޖާހިދަކާމެދު އަޅުގަނޑު ފުރިހަމަޔަށް ހިތަހަމަޖެހެއެވެ. އެކަލޭގެފާނު އަޅުގަނޑުގެ ވާހަކަޔާމެދު ވިސްނައިވަޑައިގަންނަވާނެއެވެ. އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އަޅުގަނޑު ފުރާތުކޯރާއި ދިޖުލަތުކޯރުގެ އައްސޭރީގެ މޮޅު ބިންތަކުގެ ޗާޓު ނިއުޅައިލާއިރަށް އެކަލޭގެފާނަށް އަލްބުރުޒު ފަރުބަދަޔާ ހަމަޔަށް ފެނިވަޑައިގަންނަވާނެއެވެ. އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑު އެތަނަށް ނުދިޔަކަމުގައިވިޔަސް މިއަނދިރި ބިން މާގިނަދުވަހަކު އިސްލާމީ ނޫރުން މަޙްރޫމްވެފައެއް ނޯންނާނެއެވެ. އަޅުގަނޑުގެ ހަމައެކަނި އެދުމަކީ ޙަޔާތުގެ މަގުގައި އަޅުގަނޑު އެންމެފަހު ފިޔަވަޅު އަޅާއިރު ބަދުރާއި ޙުނައިނުގެ ޤާފިލާ މަދާއިނުގެ މަގަށް ނުކުމެއްޖެކަމުގެ ހިތްހަމަޖެހުން ލިބުމެވެ. އެ ޤާފިލާ ދަތުރުކުރާ މަގުގެ ބައެއް މަންޒިލްތަކުގެ ބައްތި ދިއްލީ އަޅުގަނޑުގެ ލެއިންކަމުގެ އުފާ ލިބުމެވެ."

مثــنّـى މިހައިތަނަށް ވާހަކަ ދެއްކެވުމަށްފަހު ވާހަކަފުޅު ހުއްޓަވައިލެއްވިއެވެ. އެކަލޭގެފާނު ކުޑަދޮރުން ބޭރު ބައްލަވާން ފައްޓަވައިފިއެވެ. އިރުކޮޅެއްގެ ފަހުން حسّان އާ ދިމާޔަށް އެނބުރިވަޑައިގެން ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "حسّان އެވެ. މާތް اللّـه ގެ ބިން ނިމޭ ސަރަޙައްދަކީ ކޮބައިކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މާތް اللّـه ގެ ސިފައިންގެ ލަޝްކަރު މިދިމާޔަށް އައުމުން އަޅުގަނޑަށް އެބައިމީހުންނާއެކު ކުރިޔަށްދެވޭނީ ކިހައި ހިސާބަކަށް ކަމެއްވެސް ނޭނގެއެވެ. އުދަރެހުގެ އެންމެފުރަތަމަ ރޮނގަށްވުރެ ދުރަށް އަޅުގަނޑަށް އެބައިމީހުންނާއެކު ދަތުރު ނުކުރެވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް މަދާއިންގެ ގަނޑުވަރުތަކުގައި އިސްލާމްދީނުގެ ދިދަ ވިހުރައިލެވޭއިރު އަޅުގަނޑުގެ ރޫޙު އެތާނގައި ވާނެއެވެ. އިސްލާމީ ޣާޒީން މަދާއިން ފަސްދީ އެއަށްވުރެ ދުރުގައިވާ ރަށްރަށާއި އަވަށްތަކަށް މިސްރާބު ޖެހުމުން އަޅުގަނޑު އެތަންތަނުންވެސް އެބޭކަލުންނާ އިސްތިޤްބާލު ކުރާނަމެވެ. ބިމުގެ ސަރަޙައްދު ނުނިމޭހައި ހިނދަކު ޙިޖާޒުގެ ޤާފިލާގެ ދަތުރު ކުރިޔަށް ދާނެއެވެ. މާތް اللّـه ގެ މަގުގައި ފިޔަވަޅުއަޅާ މީހުންގެ ނަސީބުގައި ލިޔުއްވައިފައިވާ އަބަދީ އުފާ އަޅުގަނޑުގެ ރޫޙަށް ލިބިލިބި ހުންނާނެއެވެ. ޤިޔާމަތްދުވަހުން އިސްލާމީ ޣާޒީންގެ ފުތޫޙާތު ހިމެނޭނީ އަޅުގަނޑުގެވެސް ފުތޫޙާތު ކަމުގައެވެ. އަނިޔާއާއި ގޮށްމުށު ބާރުގެ ކިއްލާތައް ފުނޑުފުނޑުކޮށް އިންސާނިއްޔަތުގެ ދިދަ އުފުލާ މީހުންގެ އުފާތައް ހިމެނޭނީ ޤިޔާމަތާ ހަމަޔަށްވެސް އަޅުގަނޑުގެވެސް އުފާކަމުގައެވެ."

مثــنّـى ގެ ވާހަކަފުޅު ނިންމަވައިލެއްވިއިރު އެކަލޭގެފާނުގެ ތުންފަތްޕުޅުމަތީގައި ކުޅެކުޅެހުރީ ހިތްގައިމު ހިނިތުންވެވަޑައިގަތުމެކެވެ. حسّان ކަމޭހިއްތެވުމާއި ލޯބީގެ ޖަޒުބާތު ފާޅުކުރެއްވުމުގެ ގޮތުން އެއްޗެއް ވިދާޅުވާން އުޅުއްވިއެވެ. ނަމަވެސް އެކަމަށް އެކަށޭނަ ލަފުޒުތަކެއް އޭނާގެ ހިތްޕުޅަކަށް ނައެވެ. އޭނާ އިރުކޮޅަކު މަޑުކޮށްލައްވައިފައި ވިދާޅުވިއެވެ. "ކަލޭގެފާނު ދަތުރުފުޅު ފައްޓަވާނީ ކޮންއިރަކުތޯއެވެ؟"

(ނުނިމޭ)