ކޮމަންވެލްތް

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރާއްޖޭގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެއްޖެ

ކޮމަންވެލްތުގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަލުން ކަނޑައެޅުމާއި ގުޅިގެން، ކޮމަންވެލްތުގެެ ސެކެރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑް ރާއްޖޭގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ސެކެރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ރާއްޖޭގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފައި ވަނީ އެކަމަނާ މީގެ ކުޑައިރުކޮޅެއް ކުރީން ކުރެއްވި ޓުވީޓެއްގަ އެވެ.

"ކޮމަންވެލްތުގެ މެންބަރު ގައުމެއްގެ ގޮތުގައި ހަމަޖެހުމާ ގުޅިގެން ދިވެހިރާއްޖެ އަށް ހޫނު މަރުހަބާ ކިޔަން. ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކޮމަންވެލްތަށް އަލުން މަރުހަބާ ކިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ޕެޓްރީޝިއާގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ކުރިޔަށް ގެންދާ އިސްލާހީ މަސައްކަތްތައް ކޮމަންވެލުތުގެ އުސޫލުތަކާއި އެ ޖަމިއްޔާއިން ހިފަހައްޓާ ހަމަތަކާއި މިންގަނޑުތަކަށް ފެތޭ ކަމަށާއި އެ ގޮތުގައި ދިވެހިރާއްޖެ ކުރިޔަށް ދިޔުމަށް ހިތްވަރުދޭ ކަމަށެވެ.

ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިކަން އަންގަވައި، ސެކްރެޓަރީ ޖެނެރަލް ޕްޓްރީޝިއާ ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުޑަ އިރު ކޮޅެއް ކުރިން ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ، "ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ފުރިހަމަ ތާއީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިއްޖެ ކަމުގެ އުފާވެރި ހަބަރު ސެކްރެޓަރީ ޖެނެރަލް ދެންމެ އަޅުގަނޑަށް ދެއްވައިފި،" ކަމަށެވެ.

މިއީ ދިވެހި ރައްޔިތުންނަށް ބައިނަލްއަގްވާމީ މަސްރަހުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ކޮމަންވެލްތުގައި ރާއްޖޭން ފުރަތަމަ ބައިވެރިވީ 1982 ވަނަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހު އެވެ.

ރާއްޖެ ކޮމަން ވެލްތުގެ މެންބަރުކަމުން ވަކި ވެފައިވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައެވެ.

ހަމަޔާއި އިންސާފުން ބޭރުން ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕުން، ރާއްޖެއާ މެދު ފިޔަވަޅު އަޅައި ރާއްޖޭގެ ދާހިލީ ސިޔާސަތުތަކަށް ބާރު ފޯރުވަމުންދާ ކަމަށް ވިދާޅުވެ، ރައީސް ޔާމީންގެ ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށްފަހު، ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވާ މިންވަރާ ގުޅޭ ގޮތުން މަޖިލީހުގެ ލަފަޔަށް އެދިވަޑައިގެންނެވީ، 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ.

ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް ކޮމަންވެލްތުން ރާއްޖެ ވަކިވާން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވި، އޭރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، ކޮމަންވެލްތުން ރާއްޖެ ވަކިވާން ފެންނަ ކަމަށް 39 މެމްބަރަކު ވޯޓު ދެއްވައިގެންނެވެ.

އެ ދުވަހުގެ ޖަލްސާގައި އެކަމާ ދެކޮޅަށް 19 މެންބަރަކު ވޯޓު ދެއްވި އެވެ.

އެ މައްސަލަ ދިރާސާކޮށް މަޖިލީހަށް ހުށަހެޅި، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ކޮމަންވެލްތުގެ މެންބަރު ގައުމެއްގެ ގޮތުގައި އޮތުމުން ހަމަ އާއި އިންސާފުން ބޭރުން ރާއްޖެއާ މެދު ފިޔަވަޅު އަޅައި ރާއްޖޭގެ ދާހިލީ ސިޔާސަތަށް ބާރު ފޯރުވާފައިވާ ކަމަށެވެ. އަދި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ވެސް ނުފޫޒު ފޯރުވަން ކޮމަންވެލްތުން މަސައްކަތްކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ވޭތުވެދިޔަ ރިޔާސީ އިންތިހާބުގައި، އިދިކޮޅު ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސް ޔާމީނާ ދެކޮޅަށް ނިކުންނަވައި، އިންތިހާބު ކާމިޔާބު ކުރެއްވި އިރު، އަލުން ކޮމަންވެލްތުގެ މެންބަރަކަށް ރާއްޖެ ހެއްދެވުމަކީ، މިހާރުގެ ރައީސް، ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށްފަހު، ރާއްޖެއިން ކޮމަންވެލްތު އޮފް ނޭޝަންސްއާ އަލުން ގުޅުމަށް ނިންމެވީ، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ގައެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން، ކޮމަންވެލްތުގައި ރާއްޖެއިން އަލުން ބައިވެރިވުމަށް ފާސް ކުރީ، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ބޭއްވި އެ މަޖިލީހުގެ ޖަލްސާގައެވެ.

ފޮރިން މިނިސްޓްރީން ބުނީ، ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރު ގައުމަކަށް ވުމުގެ ހުރިހާ ޝަރުތެއް ފުރިހަމަކޮށް، ރާއްޖެއިން ކޮމަންވެލްތުގެ މެންބަރަކަށް އަލުން ވުމަށް ހުށަހެޅި ހުށަހެޅުން ކާމިޔާބުވެފައިވާކަން އަންގަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑް ފޯނުން ގުޅުއްވުމަށްފަހު ކަމަށެވެ.

ކޮމަންވެލްތަށް އަލުން ވަނުމަށް ހުށަހަޅައި، އެމަސައްކަތް ކުރިއަށް ގެންދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު 17 ނޮވެމްބަރު 2018 ވަނަ ދުވަހު މަގާމުގެ ހުވާ ކުރެއްވުމަށްފަހު ނިންމެވި އެންމެ ފުރަތަމަ އެއްކަންތައް ކަމަށްވެސް ބުނެފައި ވެއެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ކޮމަންވެލްތަށް އަލުން ވަނުމަށް ދިވެހިރާއްޖެއިން ހުށަހެޅުމުން، 2019 ޖެނުއަރީގައި ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ފުރަތަމަ އެސެސްމަންޓް ޓީމް ރާއްޖެއަށް ވަޑައިގެން، ކަމާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރައްވައި، ރާއްޖޭގެ ފުރަތަމަ އެސެސްމަންޓް ހެއްދެވިއެވެ. އަދި 2019 ވަނަ އަހަރުގެ އެޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމަށް ކޮމަންވެލްތު އޮބްޒާވަރުންގެ ގްރޫޕެއް ރާއްޖެއަށް ޒިޔާރަތްކުރެއްވި އެވެ. ކޮމަންވެލްތުގެ މެންބަރަކަށް ވުމަށް ދިވެހިރާއްޖެއިން ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއި 2019 ޖޫން 12 ވަނަ ދުވަހު މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ލަންޑަނަށް ވަޑައިގެން ހަވާލުކުރެއްވިއެވެ. އަދި 2019 އޮގަސްޓްގައި ކޮމަންވެލްތުގެ ދެވަނަ އެސެސްމަންޓް މިޝަން ރާއްޖެއަށް ޒިޔާރަތްކުރައްވައި، ކަމާ ބެހޭ ފަރާތްތަކާއި ބައްދަލުކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

"ދިވެހިރާއްޖެއިން ކޮމަންވެލްތަށް އަލުން މިވަނީ އެޖަމިއްޔާގެ 54 ވަނަ މެމްބަރު ގައުމުގެ ގޮތުގައެވެ. ދިވެހިރާއްޖެއިން މީގެ ކުރިން ކޮމަންވެލްތުގެ މެންބަރު ގައުމެއްގެ ގޮތުގައި އޮތް އިރު ވަރަށް ގިނަ ހަރަކާތްތަކެއްގައި ދިޔައީ ބައިވެރިވަމުންނެވެ. އެގޮތުން ޒުވާނުންނާއި، ސިއްހަތާއި، ތައުލީމުގެ އިތުރުން އަންހެނުންގެ ހައްގުތަކުގެ ދާއިރާ ފަދަ ދާއިރާތަކުގައި މުހިއްމު މަސައްކަތްތަކެއް ކޮމަންވެލްތުގެ މެންބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކޮށްފައިވެއެވެ. 1992 ވަނަ އަހަރު ކޮމަންވެލްތު ޔޫތު މިނިސްޓަރުންގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ދިވެހިރާއްޖޭގައެވެ. އަދި ކޮމަންވެލްތު ގޭމްސްގައިވެސް ރާއްޖެއިން ފުރިހަމަޔަށް ބައިވެރިވަމުން އައިސްފައިވާއިރު، 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބަރމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސް ވެގެންދާނީ އެކި ކުޅިވަރުތަކުގައި ދިވެހި އެތުލީޓުންނަށް ވާދަކޮށްލަން ލިބޭ ރަނގަޅު ފުރުސަތަކަށެވެ،" ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، ކޮމަންވެލްތު ވެފައިވަނީ ބައިނަލްއަގުވާމީ އެހެން ޖަމިއްޔާތަކަށްވުރެ ބޮޑަށް ކުދި ގައުމުތަކުގެ މައްސަލަތަކަށް ފަރިތަ ޖަމިއްޔާއަކަށް ކަމަށެވެ. މީގެ ކުރީގެ ތަޖުރިބާއަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި މޫސުމީ ބަދަލުތަކުގެ މައްސަލަތަކާއި، ވިޔަފާރިއާއި، ޒުވާނުން ބާރުވެރިކުރުވުމާއި، ހެޔޮވެރިކަމާއި، މީހުން ބިނާކުރުމާއި މިންތީގެ ހަމަހަމަކަމާއި އަދުލުއިންސާފުގެ ދާއިރާތަކުން ދިވެހިރާއްޖެއާއި ކޮމަންވެލްތާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެން އެބަހުރި ކަމަށެވެ.

"މި އަހަރު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ޖަމިއްޔާގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ. އަދި ކޮމަންވެލްތުގެ ސަބްސިޑަރީ ޖަމިއްޔާތަކުގައިވެސް ދިވެހިރާއްޖެއިން ބައިވެރިވެ، ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެ" ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުުގައި ވެއެވެ.