ޚަބަރު

ކޮރޯނާ ވައިރަސްގެ މައުލޫމާތު ޒިންމާދާރުކަމާއެކު ފެތުރުމަށް ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފި

މަރިޔަމް ޝަހުދާ

ހުރިހާ މީޑިއާތަކުންވެސް ކޮރޯނާ ވައިރަސްގެ މައުލޫމާތު ޒިންމާދާރުކަމާއެކު ފެތުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ބޮރޯޑްކޮމް އިން އާންމު ކުރި ސާކިއުލާއެއްގައި ވަނީ އާންމުންގެ މެދުގައި ބިރުވެރިކަން ފެތުރި، ނުތަނަވަސްކަން އަންނަ ފަދަ ގޮތަކަށް އަންނަ ސާބިތު ނުހިފޭ މައުލޫމާތު ގެނެސް ދިނުމުން އެއްކިބާވުމަށް ބްރޯޑްކާސްޓަރުންނަށް ނަސޭހަތްތެރިވެފައެވެ. އަދި ކޮރޯނާ ވައިރަސްއާ ގުޅޭ އެންމެހާ ކޮންޓެންޓު ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ތެދު މައުލޫމާތު ފޯރުކޮށްދިނުމަށާއި، ކަމާ ގުޅޭ އިދާރާތަކުގެ ބަސް ހޯދައިގެން، އެ ފަރާތްތަކާ ހަވާލާދީ ހަބަރު ގެނެސް ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން، އޭގައިވާ އުސޫލުތަކަށާއި ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް އިލްތިމާސްކުރިއެވެ. ބްރޯޑްކޮމް އިން ވަނީ ހުރިހާ ބްރޯޑްކާސްޓަރުން ގެނެސްދޭ ހަބަރާއި މައުލޫމާތު އެ ކޮމިޝަނުން ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ރާއްޖޭގެ އިގުތިސާދާއި ގައުމީ މަސްލަހަތަށް އިސްކަންދީގެން، ރައްޔިތުންގެ ހިތުގައި އިތުރަށް ބިރުވެރިކަން ނުއުފެދޭނެ ގޮތަށް ހަބަރާއި މައުލޫމާތު ފެތުރުމަށް މީޑިއާތަކުގެ ކިބައިން އެދިފައިވެއެވެ. އަދި ކޮރޯނާ ވައިރަސްއާ ގުޅޭ ހަބަރާއި މައުލޫމާތު ފެތުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ހިސާބުތަކަށް ރިއާޔަތް ކުރުމަށް އިސްކަން ދިނުމަށް އެދިފައިވެއެވެ.

މީގެ އިތުރުން މައުލޫމާތާއި ހަބަރު ފަތުރާއިރު އެއީ ސައްހަ، ތެދު މައުލޫމާތުތޯ ކަށަވަރު ކުރުމަށް ހާއްސަ ސަމާލުކަމެއް ދީ، ޒިންމާދާރު ކަމާއެކު މައުލޫމާތު ފެތުރުމަށް މީޑިއާ ކައުންސިލުން އެދިފައެވެ.

މީޑިއާ ކައުންސިލުން ވަނީ މިހާތަނަށް ރާއްޖޭގެ މީޑިއާތަކުން އަމަލުކޮށްފައިވާ ޒިންމާދާރުކަން ބަލައިގަންނަކަން ފާހަގަކޮށް، މި ހާލަތުގައިވެސް ޒިންމާދާރުކަމާއެކު ދެމިތިބުމަށް އިލްތިމާސްކޮށްފައެވެ.