ޗައިނާ އިން ރާއްޖެއަށް އަންނަ ފުލައިޓުތަކަކީ އެގައުމުގެ ފަތުރުވެރިން ގެންދިއުމަށް އަންނަ ފުލައިޓުތަކެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ޗައިނާ އިން ފެތުރެން ފެށި ކޮރޯނާވައިރަސްއާ ގުޅިގެން ދިވެހި ސަރުކާރުން އިއްޔެ ވަނީ ސީދާ ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ފުލައިޓުތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފައެވެ.
"ވަން"އަށް މައުލޫމާތުދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ޗައިނާ އިން އަންނަ ފުލައިޓުތަކަކީ ރާއްޖޭގައި ތިބި އެގައުމުގެ 1000 އަށްވުރެ ގިނަ ފަތުރުވެރިން އަނބުރާ ގެންދިއުމަށް އަންނަ ފުލައިޓުތަކެއް ކަމަށެވެ.
އެކަމާ ގުޅޭގޮތުން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސީދާ ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ފުލައިޓުތައް ދިވެހި ސަރުކާރުން މެދުކަނޑާލާފައިވާ ކަމަށާއި ފަތުރުވެރިން ގެންދިއުމަށް އަންނަ ފުލައިޓުތައް ރާއްޖެ އަންނާނީ ހުސްކޮށް ކަމަށެވެ.
ރާއްޖޭގައި ތިބި ޗައިނާގެ ފަތުރުވެރިން ގެންދިއުމަށް އެގައުމުގެ ސަރުކާރުން ވަނީ ޗާޓަރު ފުލައިޓުތަކެއް ހަމަޖައްސައިފައެވެ. ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގައި ތިބި ޗައިނާގެ ފަތުރުވެރިން ގެންދިއުމަށް ޗައިނާގެ ސަރުކާރުން ފޮނުވާ އެ ފުލައިޓުތަކަކީ ޗައިނާ ސަދަން އެއާލައިނުގެ ފުލައިޓުތަކެކެވެ.